Ads by Farudhun

ޚަބަރު

ކާށިދޫގެ ސިއްހީ މަރުކަޒުގައި ފިޒިއޮތެރަޕީގެ ހިދުމަތް ފަށައިފި

ކާށިދޫގެ ސިއްހީ މަރުކަޒުގައި ފިޒިއޮތެރަޕީގެ ހިދުމަތް ފަށައިފި

ވަޒީރު ގީލާ ކާށިދޫ ސިއްހީ މަރުކަޒަށް ޒިޔާރަތްކުރެއްވުން---

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

10 އޮކްޓޯބަރު 2026، 05:55

10 އޮކްޓޯބަރު 2026، 05:55

ކ. ކާށިދޫ ސިއްހީ މަރުކަޒުގައި ފިޒިއޮތެރަޕީގެ ހިދުމަތް ފަށައިފިއެވެ.

އެ ރަށުގައި އަލަށް ތައާރަފުކުރެވުނު މި ހިދުމަތް ފައްޓަވައިދެއްވީ ސިއްހަތާއި އައިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒިރު ޤީލާ ޢަލީއެވެ.

ހިދުމަތް ފެށުމުގެ ގޮތުން އެ ރަށުގައި ބޭއްވި ހަފުލާގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ރައްޔިތުންނާ ވީހާވެސް ގާތުން ފަސޭހަކަމާއެކު ސިއްހީ ފަރުވާ ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން މިއީ އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. މީގެއިތުރުން މިއީ ކާށިދޫގެ ރައްޔިތުން ނުހަނު ބޮޑަށް ބޭނުންވެފައިވާ އަސާސީ ހިދުމަތެއްކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކާށިދޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާއްސަ އަހައްމިއްޔަތުކަމެއް ދެއްވައިގެން ފިޒިއޮތެރަޕީގެ ހިދުމަތް ގާއިމުކުރުމަށް ނިންމެވި ރަށެކެވެ. އެގޮތުން، ރާއްޖޭގެ ސިއްހީ މަރުކަޒުތަކުގެ ތެރެއިން މި ހިދުމަތް އެންމެ ފުރަތަމަ ފެށިގެން ދިޔައީވެސް ކާށިދޫގައެވެ. އަދި އަތޮޅުތެރޭގެ ރަށްރަށުގައި މިފަދަ މުހިންމު ހިދުމަތްތައް ފުޅާވަމުން ދިޔުމަކީ ގައުމުގެ މުޅި ސިއްހީ ދާއިރާ އިތުރަށް ހަރުދަނާވެ ކުރިއަރައިގެންދާނެ ކަމެއް ކަމުގައިވެސް ވިދާޅުވިއެވެ.

24 ގަޑިއިރު މެދުކެނޑުމެއްނެތި ހިދުމަތް ދެމުން އަންނަ ކާށިދޫ ސިއްހީ މަރުކަޒުން ދުވާލަކު އެވްރެޖުކޮށް 25 އާއި 30 އާ ދެމެދުގެ އަދަދަކަށް މީހުން ފަރުވާ ހޯދައެވެ. މީގެއިތުރުން އެޑްމިޓްކޮށްގެން ފަރުވާދިނުމަށް 8 އެނދު އެ މަރުކަޒުގައި ހާއްސަކުރެވިފައިވެއެވެ.

ޑޮކްޓަރަށް ދެއްކުމާއި، ލެބޯޓަރީގެ ތަހުލީލުތަކުގެ އިތުރުން އީސީޖީގެ ހިދުމަތް މިހާރުވެސް ލިބެމުންދާ މި މަރުކަޒުގައި، ކުރިއަށް އޮތް ދުވަސްތަކުގައި އެކްސްރޭ އަދި އަލްޓްރާ ސައުންޑް ސްކޭންގެ ހިދުމަތް ތައާރަފުކުރުމަށް ވާންޖެހޭ ތައްޔާރީތައް ދަނީ ކުރެވެމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450