ޚަބަރު
ދިއްދޫ އައުޓްޑޯރ ވޮލީ ކޯޓު ހުޅުވައިފި
ދިއްދޫ އައުޓްޑޯރ ވޮލީ ކޯޓު ހުޅުވުން--
ހއ. ދިއްދޫގައި ތަރައްގީކުރި އައުޓްޑޯ ވޮލީ ކޯޓް ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ހުޅުވައިދެއްވައިފިއެވެ.
ދިއްދޫގައި ތަރައްގީކުރި އައުޓްޑޯ ވޮލީ ކޯޓު ވަޒީރު ހުޅުއްވައިދެއްވީ، ދިއްދޫގައި ރޭ އޮތް ރަސްމިއްޔާތެއްގައެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ތަރައްގީކުރި މި ވޮލީކޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރ އަހުމަދު މުބީން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ވޮލީކޯޓް ހުޅުވުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މި ހުޅުވުނު ވޮލީކޯޓާއެކު ކުރެވޭ އެންމެބޮޑު އުއްމީދަކީ ގައުމީ ފެންވަރުގައާއި، ބައިނަލްއަގުވާމީ ފެންވަރުގައި ވެސް ރާއްޖެ ތަމުސީލުކުރާނެ މޮޅެތި ވޮލީ ކުޅުންތެރިންތަކެއް ދިއްދޫއިން ވެސް އުފެދިގެން ދިއުން ކަމަށެވެ. އަދި ރަށުގެ ކުދިބޮޑު އެންމެން ވެސް މި ވޮލީކޯޓްގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ޒިންމާދާރު ކަމާއެކު ހިފުމަށް ވަޒީރު އެދިވަޑައިގެންނެވިއެވެ.

އަދި އަބަދުވެސް ގަބޫލުކުރައްވާ އެއް ހަގީގަތަކީ ކުޅިވަރަކީ ހަމައެކަނި މުނިފޫހިފިލުވުމަށް ކުޅޭ އެއްޗެއް ނޫންކަމާއި ކުޅިވަރަކީ މުޖުތަމައުގެ ހަށިހެޔޮކަމާއި ދުޅަހެޔޮކަން ދަމަހައްޓައިދޭ، އަހުލާގާ ސުލޫކު ރަނގަޅުކޮށްދޭ އަދި މުޖުތަމައުގެ އެއްބައިވަންތަކަން އާލާކޮށްދޭ މުހިންމު ވަސީލަތެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވޮލީ ކޯޓު ހުޅުވުމަށްފަހު އެކުވެރިކަމުގެ ވޮލީ މެޗެއް ވެސް ރޭ ވަނީ ކުޅެފައެވެ.

އަތޮޅުތެރޭގެ އެކި ރަށްރަށުގައި ވޮލީ ކޯޓުތައް ތަރައްގީ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން މިހާރުވެސް 10 ރަށެއްގައި ވޮލީ ކޯޓު ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.