ޚަބަރު
ވަޒީރުންގެ "އަހާ ފޯރަމް" 9 މިރޭ ބާއްވަނީ
އެންމެ ފަހުން ބޭއްވުނު އަހާ ފޯރަމް. ފޮޓޯ: ރައީސް އޮފީސް
ސަރުކާރުގެ ވަޒީރުންނާއި ސުވާލުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ކުރިއަށްގެންދާ "އަހާ" ސިލްސިލާ ފޯރަމްގެ 9 ވަނަ ބުރު މިރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
މިރޭ 21:00 ގައި ސަލްޓަން ޕާކުގެ އިވެންޓް އޭރިއާގައި ބާއްވާ މި ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ ވަޒީރުން:
- ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ
- ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން
- ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު
މި ފޯރަމަކީ ސަރުކާރުގެ އެކި ވުޒާރާތަކާއި އިދާރާތަކުން ކުރަމުންދާ މަސައްކަތްތައް ވީހާވެސް ތަފްޞީލުކޮށް ރައްޔިތުންނާ ހަމައަށް ގެނެސްދީ، ދާއިރާތަކުގެ މަސްޢޫލުވެރި އެންމެ އިސް ފަރާތްތަކާ ސުވާލުކޮށް ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތަކަށް ޖަވާބު ހޯދުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ މަޤުޞަދުގައި ބާއްވާ ފޯރަމެކެވެ.
ދެ ގަޑިއިރަށް ކުރިއަށްދާ މި ފޯރަމްގައި ސަލްޓަން ޕާކަށް ގޮސް ސީދާ ވަޒީރުންނާ ސުވާލުކުރުމުގެ އިތުރުން، އޮންލައިންކޮށް ބައިވެރިވުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލާފައެވެ. އެގޮތުން ފޯރަމް ކުރިއަށްދާ ވަގުތު ފޭސްބުކް، އެކްސް އަދި ޕީއެސްއެމް އެއަރ އެޕް މެދުވެރިކޮށް ކޮންމެ ރަށެއްގައި ހުރެގެންވެސް ކަމާގުޅޭ ވަޒީރުންނަށް ސުވާލު ހުށަހެޅޭނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕީއެސްއެމް ގުޅިގެން "އަހާ" ސިލްސިލާ ފޯރަމްތައް ފަށާފައިވަނީ 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. މި ސިލްސިލާގެ ދަށުން މިހާތަނަށް 8 ފޯރަމެއް ވަނީ ކާމިޔާބުކަމާއެކު ބާއްވާފައެވެ.