ޚަބަރު
ތެރަޕީ ފަރުވާއަށް އެންސްޕާއިން މިދިޔަ މަހު 4.8 މިލިއަން ރުފިޔާ ޚަރަދުކޮށްފި
އެންސްޕާގެ އޮފީސް. ފޮޓޯ: މިހާރު
ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ތެރަޕިއުޓިކް ފަރުވާގެ ޚިދުމަތްތަކަށް، ނިމިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެކަނި ވެސް 4.8 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ހާމަކޮށްފިއެވެ.
އެންސްޕާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ތެރަޕިއުޓިކް ފަރުވާ ހަމަޖައްސައިދިނުމަށް ސަރުކާރުން ހިންގާ ހާއްސަ ޕްރޮގްރާމުގެ ދަށުން، ނިމިދިޔަ މަހު 310 ކުޑަކުދިން ހިމެނޭހެން ޖުމްލަ 324 ފަރާތަކަށް ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މީގެ އިތުރުން، އެ އެޖެންސީގެ ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމުގެ ދަށުން ހާއްސަ އެހީއަށް ބޭނުންވާ 157 ފަރާތަކަށް އެހީ ދީފައިވާއިރު، ތެރަޕިއުޓިކް ފަރުވާއަށް ޖުމްލަ 4,834,087 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
ތެރަޕީގެ ބާވަތްތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ބިހޭވިއާ ތެރަޕީ އަށެވެ. އެގޮތުން ބިހޭވިއާ ތެރަޕީއަށް 1,561,780 ރުފިޔާ ހޭދަކޮށްފައިވެއެވެ. ދެވަނައަށް އެންމެ ބޮޑު ހޭދައެއް ކުރި އޮކިއުޕޭޝަނަލް ތެރަޕީއަށް 1,237,366 ރުފިޔާ ހޭދަކުރިއިރު، ސްޕީޗް ތެރަޕީއަށް ވަނީ 1,207,649 ރުފިޔާ ހޭދަކޮށްފައެވެ.
މީގެ އިތުރުން އެޑިއުކޭޝަނަލް ތެރަޕީއަށް 748,400 ރުފިޔާ، އިންޓަވެންޝަނަށް 32,500 ރުފިޔާ، ފިޒިއޯތެރަޕީއަށް 24,492 ރުފިޔާ އަދި ސައިކޯ ތެރަޕީއަށް 21,900 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
ފަރުވާ ހޯދި ފަރާތްތަކުގެ ތަފްސީލަށް ބަލާއިރު އެންމެ ގިނައީ ފިރިހެން ކުދިންނެވެ. އަދި ތެރަޕީގެ އެހީތެރިކަން ހޯދާ ފަރާތްތަކުގެ ތެރޭގައި 18 އަހަރުން ދަށުގެ ކުދިން ގިނަކަން ފާހަގަކުރެވެއެވެ. ރާއްޖޭގައި މިފަދަ ފަރުވާ ބޭނުންވާ ކުދިންގެ އަދަދު މަހުން މަހަށް އިތުރުވަމުން އަންނައިރު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ކުރާ ޖުމްލަ ހޭދައިގެ ބޮޑު ބައެއް ހިއްސާކުރަނީ ތެރަޕިއުޓިކް ފަރުވާގެ ހަރަދުތަކެވެ.