Ads by Farudhun

ޚަބަރު

ދިވެހި ރައްޔިތުންނަކީ ބަޔަކު ޖަހާހާ ބެރަކަށް ނަށާނެ ބައެއް ނޫން: މަޖިލިސް ރައީސް

ދިވެހި ރައްޔިތުންނަކީ ބަޔަކު ޖަހާހާ ބެރަކަށް ނަށާނެ ބައެއް ނޫން: މަޖިލިސް ރައީސް

މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ--

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

11 އޮކްޓޯބަރު 2026، 03:39

11 އޮކްޓޯބަރު 2026، 03:39

ދިވެހި ރައްޔިތުންނަކީ ބަޔަކު ޖަހާހާ ބެރަކަށް ނަށާވަރަށްވުރެ މާ ބޮޑަށް ތަޞައްރުފު ފުދިފައި ތިބި މާ ހަރުދަނާ ބައެއް ކަމަށާއި، އެއީ ގައުމާއި މެދު ވިސްނާ ފިކުރުކޮށް ރަނގަޅާ ނުބައި ވަކިކުރަން ދަންނަ ބައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ސައޫދީ އަރަބިއްޔާގެ ކުންފުންޏަކުން ފ. އަތޮޅުގައި ހިންގަން އުޅުނު މަޝްރޫޢު ހުއްޓުވަން އެމްޑީޕީ އިސްވެ އޭރު ކުރި މަސައްކަތާއި، ރަސްމާލޭގައި ޔޫއޭއީގެ ކުންފުންޏަކުން ހިންގަން އުޅޭ ބިޔަ މަޝްރޫޢަށް ހުރަސްއެޅުމަށް މިއަދު ރައީސް ޔާމީން އިސްވެ ހުންނަވައި އެމްޑީޕީއާ ގުޅިގެން ކުރައްވާ މަސައްކަތާ އެއްވެސް ތަފާތެއް ނެތް ކަމަށެވެ.

މީގެއިތުރުން، އޭރު ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުތަކާއި މިއަދު ދައްކަވާ ވާހަކަފުޅުތައް ދިމާނުވާކަން ފާހަގަކުރައްވައި އަބްދުއްރަޙީމް ވަނީ ސުވާލު އުފައްދަވާފައެވެ. އޭރު ވިދާޅުވީ އެމްޑީޕީ ވެރިކަމުގެ ދަހިވެތިކަމުގައި ޤައުމަށާއި ރައްޔިތުންނަށް ޣައްދާރުވީ ކަމަށް ކަމަށާއި، މިއަދު ހަމަ އެ ދަހިވެތިކަމުގައި އެމަނިކުފާނަށް ޣައްދާރުވެވެނީ ޤައުމަށާއި ރައްޔިތުންނަށް ނޫންތޯ އަބްދުއްރަޙީމް އެއްސެވިއެވެ. އަދި ވެރިކަމުގެ ދަހިވެތިކަމުގައި ތިމާއަށް ކުރެވޭ ނުކުރެވޭ ކަމެއް އަދި ދެއްކޭ ނުދެއްކޭ ވާހަކައެއް އެނގިވަޑައިނުގަންނަވާ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށްވެސް ތުހުމަތުކުރެއްވިއެވެ.

ރަސްމާލެ މަޝްރޫޢާ ގުޅޭގޮތުން ވާހަކަދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ މާތްﷲގެ ތަނަވަސް ރަޙުމަތްފުޅުން ރަސްމާލޭގެ މަޝްރޫޢު ނުހުއްޓުވޭނެ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ލަސްތަކެއް ނުވެ މި ބިޔަ މަޝްރޫޢު ފެށިގެންދާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.



މި މަޝްރޫޢު ކުރިއަށްދާނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި، މުސްތަޤުބަލުގައި މީގެ ފުރިހަމަ ފައިދާ ދިވެހި ރައްޔިތުންނަށް ލިބިގެންދާނެ ކަމަށްވެސް އަބްދުއްރަޙީމް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ދިވެހިން ބޭނުންވަނީ ހަމަޖެހުމާއި، ރައްކާތެރިކަމާއި، ތަރައްޤީ ކަމަށާއި އަބަދުވެސް ޝިޢާރަކީ "އެންމެ ފުރަތަމަ ޤައުމު" ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450