Ads by Farudhun

ޚަބަރު

ނުކުޅުދުންތެރިކަން ހުންނަ މީހުންނަށް އެހީގެ ގޮތުގައި 59.2 މިލިޔަން ރުފިޔާ ދޫކޮށްފި

ނުކުޅުދުންތެރިކަން ހުންނަ މީހުންނަށް އެހީގެ ގޮތުގައި 59.2 މިލިޔަން ރުފިޔާ ދޫކޮށްފި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބީއެމްއެލްއިން އެހީތެރިކަން ފޯރުކޮށްދިނުން. ފޮޓޯ: ބީއެމްއެލް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

11 އޮކްޓޯބަރު 2026، 04:28

11 އޮކްޓޯބަރު 2026، 04:28

ރާއްޖޭގައި ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް މާލީ އެހީތެރިކަމުގެ ގޮތުގައި 59.2 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

 ސެޕްޓެންބަރު 2026 ގެ ނިޔަލަށް އެންސްޕާއިން އާންމުކުރި ހިސާބުތަކުން ދައްކާ ގޮތުގައި، މި މުއްދަތުގައި ނުކުޅުދުންތެރިކަން ހުންނަ 15,571 މީހަކަށް ޖުމްލަ 59,213,000 ރުފިޔާގެ މާލީ އެހީ ވަނީ ފޯރުކޮށްދީފައެވެ.

އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި ނުކުޅުދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި މިހާރު 15,885 މީހުން ރަޖިސްޓްރީވެފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 6,710 އަންހެނުންނާއި 9,175 ފިރިހެނުންނެވެ. އަދި މި މުއްދަތުގެ ތެރޭގައި 263 މީހަކު އަލަށް މި ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވެއެވެ. މީގެ އިތުރުން ނުކުޅުދުންތެރިކަން ހުންނަ 157 ފަރާތަކަށް ތެރަޕިއުޓިކް ފަރުވާގެ އެހީގެ ގޮތުގައި 4,834,087 ރުފިޔާ ވަނީ ދޫކޮށްފައެވެ.

ދަފްތަރުގައި ހިމެނޭ މީހުންގެ އުމުރުފުރާތަކަށް ބަލާއިރު، އުމުރުން 19 އަހަރުން ދަށުގެ 5,396 ކުދިން ހިމެނެއެވެ. އޭގެ ތެރޭގައި 1,659 އަންހެން ކުދިންނާއި 3,737 ފިރިހެން ކުދިން ހިމެނެއެވެ. އަދި 18 އަހަރާއި 64 އަހަރާ ދެމެދުގެ އުމުރުފުރާގައި 4,150 ފިރިހެނުންނާއި 3,944 އަންހެނުން ހިމެނޭއިރު، އުމުރުން 65 އަހަރުން މަތީގެ 2,395 މީހުން ދަފްތަރުގައި ރަޖިސްޓްރީވެފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 1,288 ފިރިހެނުންނާއި 1,107 އަންހެނުންނެވެ.

ނުކުޅުދުންތެރިކަމުގެ ބާވަތްތަކަށް ބަލާއިރު، އެންމެ ގިނައީ ޖިސްމާނީ ނުކުޅުދުންތެރިކަން ހުންނަ މީހުންނެވެ. އެއީ 4,270 މީހުންނެވެ. ދެން އެންމެ ގިނައީ އެކި ބާވަތުގެ ނުކުޅުދުންތެރިކަން އެކުލެވޭ ނުވަތަ މަލްޓިޕަލް ޑިސްއެބިލިޓީ ހުންނަ 3,585 މީހުންނާއި، ނަފްސާނީ ނުކުޅުދުންތެރިކަން ހުންނަ 2,626 މީހުންނެވެ. މީގެ އިތުރުން އަޑުއިވުމާއި ވާހަކަދެއްކުމުގެ ނުކުޅުދުންތެރިކަން ހުންނަ 1,897 މީހުން، ވިސްނުމުގެ ނުކުޅުދުންތެރިކަން ހުންނަ 1,812 މީހުން، ފެނުމުގެ ނުކުޅުދުންތެރިކަން ހުންނަ 1,043 މީހުން، އޯޓިޒަމް ހުންނަ 594 މީހުން އަދި އުނގެނުމުގެ ނުކުޅުދުންތެރިކަން ހުންނަ 61 މީހަކު ހިމެނެއެވެ.

އިޖުތިމާއީ ރައްކާތެރިކަމުގެ އެހެނިހެން އެހީތައް
އެންސްޕާގެ ހިސާބުތައް ދައްކާ ގޮތުން ތެލެސީމިއާ އެލަވަންސްގެ ގޮތުގައި 541 މީހަކަށް 1,082,000 ރުފިޔާ ވަނީ ދޫކޮށްފައެވެ. އޭގެ ތެރޭގައި އަލަށް އެހީ ހަމަޖައްސައިދިން 6 މީހަކު ހިމެނެއެވެ.

މީގެ އިތުރުން، ފަގީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިންބަފައިންގެ ތެރެއިން 3,313 މީހަކަށް މާލީ އެހީ ދީފައިވެއެވެ. އޭގެ ތެރޭގައި އަލަށް ރަޖިސްޓްރީކުރި 31 ބެލެނިވެރިންނާއި 119 ކުދިން ހިމެނެއެވެ. މި އެހީގެ ދަށުން ޖުމްލަ 5,708 ކުދިންނަށް އެހީ ފޯރުކޮށްދީފައިވާއިރު، އެ ބޭނުމަށް 17,151,000 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

އިޖުތިމާއީ ރައްކާތެރިކަމުގެ އެހީތަކުގެ ދަފްތަރު މުރާޖައާކުރުމަށްފަހު އުނިކުރި މީހުންގެ ތަފްސީލަށް ބަލާއިރު، ކުރިން ނުކުޅުދުންތެރިކަމުގެ މާލީ އެހީ ދެމުން އައި 22 އަންހެނަކާއި 27 ފިރިހެނަކަށް އެހީ ދިނުން ވަނީ މެދުކަނޑާލާފައެވެ. އަދި އެކަނި ދަރިން ބަލަހައްޓާ މައިންބަފައިންގެ އިނާޔަތް ލިބެމުންދިޔަ 84 ބެލެނިވެރިއަކު ވަނީ އެ ދަފްތަރުން އުނިކޮށްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450