ޚަބަރު
ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު ނޮމިނޭޓްވެއްޖެ
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް. ފޮޓޯ: އެމްއޭސީއެލް
ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ޝަރަފުވެރި "ވޯލްޑް ޓްރެވަލް އެވޯޑްސް 2026"ގެ ދެ ބަޔަކުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ) ނޮމިނޭޓްވެއްޖެއެވެ.
ވީއައިއޭ ނޮމިނޭޓުވެފަވާ 2 ކެޓަގަރީ:
- ވޯލްޑްސް ލީޑިންގ އެއަރޕޯޓް2026
- ވޯލްޑްސް ލީޑިންގ އެއަރޕޯޓް– ކަސްޓަމަރ އެކްސްޕީރިއަންސް 2026
މި ކެޓަގަރީތަކަށް ވީ.އައި.އޭއަށް ވާދަކުރުމުގެ ފުރުސަތު ތަނަވަސްވެގެންދިޔައީ، 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖޭގައި ބޭއްވުނު ސަރަހައްދީ ވޯލްޑް ޓްރެވަލް އެވޯޑްސްގައި، "އިންޑިއަން އޯޝަންސް ލީޑިންގ އެއަރޕޯޓް 2026"ގެ މަގާމު އެ އެއާޕޯޓަށް ލިބިގެންދިއުމާއި ގުޅިގެނެވެ.
މި ނޮމިނޭޝަންތަކާއެކު، "ވޯލްޑްސް ލީޑިންގ އެއަރޕޯޓް 2026" ކެޓަގަރީގައި ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ސިންގަޕޫރުގެ ޗާންގީ އެއަރޕޯޓާއި، ދުބާއީ އިންޓަނޭޝަނަލް އެއަރޕޯޓާއި، ހޮންކޮންގ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން އިސްތަންބޫލުގެ އައި.ޖީ.އޭ އެއަރޕޯޓާއި، އެޓްލާންޓާގެ ހާޓްސްފީލްޑް-ޖެކްސަން އިންޓަނޭޝަނަލް އެއަރޕޯޓާއި، ނިއުޔޯކުގެ ޖޯން އެފް. ކެނެޑީ އިންޓަނޭޝަނަލް އެއަރޕޯޓް އަދި ޒިއުރިކް އެއަރޕޯޓް ފަދަ ޝަރަފުވެރި އަދި ބޮޑެތި އެއާޕޯޓްތަކާ ދެކޮޅަށް ވީ.އައި.އޭ ވާދަކުރާނެއެވެ. މި ކެޓަގަރީއިން ޖުމްލަ 2 އެއަރޕޯޓެއް ވާދަކުރާނެއެވެ.
އަދި "ވޯލްޑްސް ލީޑިންގ އެއަރޕޯޓް– ކަސްޓަމަރ އެކްސްޕީރިއަންސް 2026" ކެޓަގަރީން ޖުމްލަ 12 އެއަރޕޯޓަކާއެކު ވީ.އައި.އޭއިން ވާދަކުރާނެއެވެ. މީގެ ތެރޭގައި ޗާންގީ އެއަރޕޯޓާއި، ދުބާއީ އިންޓަނޭޝަނަލް އެއަރޕޯޓާއި، ހޮންކޮންގ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން އަބޫދާބީގެ ޒާއިދު އިންޓަނޭޝަނަލް އެއަރޕޯޓާއި، ސިޑްނީ އެއަރޕޯޓް އަދި އޯކްލޭންޑް އެއަރޕޯޓް ހިމެނެއެވެ.
އެމްއޭސީއެލްއިން ވަނީ ރާއްޖޭގެ ރައްޔިތުންނާއި، ދަތުރުވެރިންނާއި، ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކުގެ އިތުރުން ރާއްޖެއަށް ހެޔޮއެދޭ އެންމެހާ ފަރާތްތަކުން މި ވޯޓުގައި ބައިވެރިވެ، މި ދެ ކެޓަގަރީއިންވެސް ވީ.އައި.އޭއަށް ކާމިޔާބު ހޯދައިދިނުމަށް އެދިފައެވެ. ވޯޓުލުމުގެ ކަންކަން ކުރިއަށްދާނީ ވޯލްޑް ޓްރެވަލް އެވޯޑްސްގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް ކަމަށް އެމްއޭސީއެލްއިން ވިދާޅުވެއެވެ.
މި އަހަރުގެ އެވޯޑްތައް ކާމިޔާބުކުރާ ފަރާތްތައް ހާމަކުރުމަށް ހަމަޖެހިފައި ވަނީ އަހަރުގެ ފަހުކޮޅު ބާއްވާ ވޯލްޑް ޓްރެވަލް އެވޯޑްސް ގްރޭންޑް ފައިނަލްގައެވެ.