ޚަބަރު
ދެ ހައްޖު ދޭތެރޭގެ މުއްދަތު 10 އަހަރަށް ހަދަން ނިންމައިފި
އިސްލާމީ ވުޒާރާ އާއި ޙައްޖު ކޯޕަރޭޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން. ފޮޓޯ: ވުޒާރާ
ފަރުޟު ޙައްޖު އަދާކޮށްފައިވާ މީހަކަށް ދެވަނަ ފަހަރަށް ޙައްޖު އަދާކުރުމަށް ފުރުޞަތު ދޭ މުއްދަތު 10 އަހަރަށް އިތުރުކުރަން ސަރުކާރުން ނިންމައިފިއެވެ.
މިކަން ހާމަކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ، ދެ ޙައްޖު ދެމެދުގައި އޮންނަ މުއްދަތު އިތުރުކުރަން ނިންމީ އަލަށް ފަރުޟު ޙައްޖު އަދާކުރަން ބޭނުންވާ ފަރާތްތަކަށް އިސްކަންދިނުމުގެ ގޮތުން ކަމަށެވެ. މީގެ އިތުރުން ރައްޔިތުން އަތުން ދައްކަންޖެހޭ އަގު ކުޑަކޮށް، ޙައްޖުގެ އަގު ހެޔޮކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
"ޙައްޖުގެ އަގު ހެޔޮ ކުރުމަށް އަޅުގަނޑު މިދަންނަވަނީ ރައްޔިތު މީހާ އަތުން ދައްކަންޖެހޭ ބައި މަދުކުރުން، ލުއިކޮށްދިނުމަށްޓަކާ. އެހެންކަމުން މާތް ﷲ އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް ފަސް އަހަރުދުވަހަށް މިކަމަށް ޕްލޭނެއް ހަދައިގެން މަސައްކަތްކުރަން އަޒުމް ކަނޑައަޅައިގެން އަނެއްކާވެސް ސިޔާސަތުތަކެއް ކަނޑައަޅާފަ މިވަނީ" ޑރ. ޝަހީމް ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މިހާރު ޙައްޖަށް ދިއުމަށް ދައްކަންޖެހޭ އަގަކީ މީގެ ވަރަށް ގިނަ ދުވަސްތަކެއް ކުރިން ކަނޑައަޅާފައިވާ އަގެއް ކަމަށާއި، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި މިކަމަށް ހައްލެއް ގެނައުމުގެ މަސައްކަތް ފެށުމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިއަދުގެ ބައްދަލުވުމުގައި ވަނީ، ޙައްޖުގެ އަޅުކަން އަދާކުރުމަށް ފައިސާ ދައްކައި ޙައްޖު ކިޔޫއިން ޖާގަ ލިބުނުތާ 3 އަހަރު ވެފައިވާ، ޢުމުރުން 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ކުރިއަށް އޮތް 1448 ވަނަ އަހަރު ޙައްޖަށް ދިއުމުގެ ފުރުޞަތު ދިނުމަށް ނިންމާފައިވާކަން ވެސް އިޢުލާނުކޮށްފައެވެ. މި ނިންމުމަކީ ކޯޓާގެ ޢަދަދަށް ބަލާއިރު ކިޔޫގައި ދޮށީ ޢުމުރުގެ ގިނަ ބަޔަކު ތިބުމާއި، އިންތިޒާރުގައި ގިނަ ދުވަސްވެ ޙައްޖުވުމުގެ ފުރުޞަތު ނުލިބިދާނެކަމުގެ ކަންބޮޑުވުން އޮތުމުން، ވީހާވެސް ގިނަ ދޮށީ ޢުމުރުގެ ފަރާތްތަކަށް ފުރުޞަތު ފަހިކޮށްދިނުމަށް ނިންމި ނިންމުމެކެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް ވިދާޅުވީ، މި އުޞޫލު ތަންފީޒުކުރާނީ މައުޟޫޢީ ގޮތެއްގައި ޢުމުރަށާއި ކިޔޫއިން ޖާގަ ލިބުނު ތާރީޚަށް ބަލައިގެން، އެންމެންނަށް ހަމަހަމަކަމާއެކު ތަފާތުކުރުމެއް ނެތި ކަމަށެވެ.
ޙައްޖު ކޯޕަރޭޝަނުން ފާހަގަކުރި ގޮތުގައި، މި ބަދަލުގެ ސަބަބުން ލިބޭ ކޯޓާގެ ބޭނުން އެންމެ ފުރިހަމައަށް ހިފި، ދުވަސްވީ މީހުންނަށް އަވަހަށް ފުރުޞަތު ލިބި، ކިޔޫގައި ތިބި ދޮށީ ޢުމުރުގެ މީހުންގެ ޢަދަދު މަދުވެގެންދާނެއެވެ. އަދި ކުރިއަށް އޮތް ތަނުގައި ޙައްޖު ކިޔޫގައި ހިމެނޭ މީހުންގެ ނިސްބަތް ޒުވާން ޢުމުރުފުރާތަކަށް ބަދަލުވެގެން ދިއުމަށް ވެސް މަގުފަހިވާނެއެވެ.