ކުޅިވަރު

ދިވެހި ލީގުގައި ބުރުން ގައްދޫ ބަލިކޮށް ފުރަތަމަ މޮޅު ހޯދައިފި

ދިވެހި ލީގުގައި ބުރުން ގައްދޫ ބަލިކޮށް ފުރަތަމަ މޮޅު ހޯދައިފި

ގޯލު ކާމިޔާބުކުރުމަށްފަހު އުސާމާ އުފާފާޅުކުރަނީ / ފޮޓޯ: އެފްއޭއެމް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

13 އޮކްޓޯބަރު 2026، 08:05

13 އޮކްޓޯބަރު 2026، 08:05

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ގައްދޫ ރެކްރިއޭޝަން ކްލަބް 2-0 ގެ ނަތީޖާއަކުން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.

މި މެޗާ ކުރިމަތިލީއިރު މި ދެ ޓީމަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ. އެހެންކަމުން މި މެޗު ކާމިޔާބުކުރުމުން ބުރު ސްޕޯޓްސްއަށް ވަނީ ސީޒަންގެ ފުރަތަމަ ތިން ޕޮއިންޓު ލިބިފައެވެ.

ނަމަވެސް މި މެޗަށް ގައްދޫއިން ވެސް ނިކުތީ ވަރަށް އުއްމީދާއެކުއެވެ. މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެކުލަބުގެ ކޯޗު މުޙައްމަދު ނަޒީހު ބުނީ ބުރު ސްޕޯޓްސް އާއި ގައްދޫއަކީ ވަރަށް ހަމަހަމަ ދެޓީމު ކަމަށެވެ. އެގޮތުން މެޗުގައި ހަމަހަމަ ކުޅުމެއް ފެނުނަސް، ނަތީޖާ ނެރެވުނީ ބުރަށެވެ.

މި މެޗުގައި ބުރު ސްޕޯޓްސް ކްލަބަށް ލީޑު ނަގައިދިނީ އެ ޓީމުގެ ބިދޭސީ ފޯވާޑް ހުއާން އެޑްވާޑޯއެވެ. އޭނާގެ މި ލަނޑާއެކު ބުރުން މެޗުގެ ކޮންޓްރޯލް ހޯދިއިރު، އެ ޓީމަށް ލީޑު ފުޅާކޮށްދީ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ އުސާމާއެވެ. މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި އުސާމާ ވަނީ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައެވެ.

މިއީ މި ސީޒަނުގެ ލީގުގައި ބުރު ސްޕޯޓްސް ކްލަބުން ކުޅުނު ހަތަރު ވަނަ މެޗެވެ. ފުރަތަމަ ކުޅުނު ތިން މެޗުން ބަލިވެފައިވީ ނަމަވެސް، މި މެޗުން ހޯދި މުހިންމު ތިން ޕޮއިންޓާއެކު އެ ޓީމު ވަނީ ލީގު ތާވަލްގައި ޓީސީ ސްޕޯޓްސް ކްލަބް ތިރިއަށް ޖައްސާލުމަށްފަހު، ތާވަލުގެ 8 ވަނައަށް ޖެހިލާފައެވެ.

ބުރު ސްޕޯޓްސްއިން ކުޅުނު 4 މެޗުން 4 ގޯލު ކާމިޔާބުކޮށްފައި ވެއެވެ. އަދި އެ ޓީމު ކޮޅަށް 7 ގޯލު ވަދެފައި ވެއެވެ. އަދި ބިސް ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅުނު މެޗު އެ ޓީމަށް ގެއްލުނީ އިތުރު ވަގުތު ބިސްބުރުގެ މުޒްދާން ހަސަން ކާމިޔާބުކުރި ގޯލުންނެވެ.

މި މެޗަކީ ލީގުގައި އަލަށް ވާދަކުރާ ގައްދޫ ކުޅުނު ފަސް ވަނަ މެޗެވެ. މިހާތަނަށް ކުޅުނު ފަސް މެޗުން ވެސް ބަލިވެފައިވާ ގައްދޫ ޓީމު، ޕޮއިންޓެއް ނުލިބި އަދިވެސް އޮތީ ތާވަލުގެ އެންމެ ފުލުގައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450