ކުޅިވަރު
ކާވާ މެންސް ކްލަބް ޗެމްޕިއަންޝިޕް: އިންޑިއާ ޓީމުގެ މެޗު ސީދާ 3 ސެޓުން އެޗްޑީސީއަށް ގެއްލިއްޖެ

އެޗްޑީސީއާއި އިންޑިއާގެ ޓީމު ބައްދަލުކުރި މެޗު--- ފޮޓޯ: ކާވާ
ހުލާސާ
މި މުބާރާތުގެ ޕޮއިންޓު ޓޭބަލްގެ އެއްވަނައިގައި 2 މެޗުން ލިބުނު 5 ޕޮއިންޓާކު އޮތީ ހެލްޕް ނޭޕާލް ސްޕޯޓްސް ކްލަބު. ދެވަނައިގައި އޮތް އިރާން ކްލަބަށް 4 ޕޮއިންޓު ލިބިފައިވާއިރު، 3 ޕޮއިންޓާއެކު ކްލަބް އެޗްޑީސީ އޮތީ 4 ވަނައިގައި.
ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) މެންސް ވޮލީބޯލް ކްލަބް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ކްލަބް އެޗްޑީސީން ކުޅުނު ތިން ވަނަ މެޗު ރާއްޖޭގެ އެޗްޑީސީއަށް ގެއްލިއްޖެއެވެ. އެޗްޑީސީއިން މުބާރާތުގައި ކުޅުނު ތިން ވަނަ މެޗުގައި އިންޑިއާގެ ކަލިކަޓް ހީރޯޒްއާ ބައްދަލުކޮށް އެ ޓީމު ސީދާ 3 ސެޓުންނެވެ.
އެޗްޑީސީ މި މުބާރާތުގައި މިހާތަނަށް ތިން މެޗު ކުޅެފައިވާއިރު، އެ ޓީމުން ވަނީ ފުރަތަމަ މެޗު ކާމިޔާބުކޮށްފައެވެ. މުބާރާތް ބާއްވާ ނޭޕާލުގެ ގަންޑަކީ ޕްރިޑޭޝްއާ ދެކޮޅަށް ކުޅެ އެޗްޑީސީއިން އެ މެޗު ކާމިޔާބުކުރީ 3-2 ސެޓުންނެވެ.
ދެވަނަ މެޗުގައި އިރާނުގެ ޗަދޯރުމަލޫ އާ ބައްދަލު ކުރިއިރު އެޗްޑީސީއަށް ނާކާމިޔާބާއި ކުރިމަތިލާން ޖެހުނީ ވަރަށް ހަނިގޮތަކަށެވެ. މި މެޗުން އެ ޓީމު ބަލިވީ 3-2 ސެޓުންނެވެ. އޭގެ ފަހުން ހޯމަ ދުވަހު ކުޅުނު މެޗުން ވެސް އެ ޓީމަށް ކުރިމަތިލާން ޖެހުނީ ނާކާމިޔާބާއެވެ.
އިންޑިއާގެ ކަލިކަޓް ހީރޯޒްއާ ބައްދަލުކުރި މެޗުގެ ފުރަތަމަ ސެޓު އެޗްޑީސީއަށް ގެއްލުނީ ވަރަށް ބޮޑު ތަފާތަކުންނެވެ. އެ ސެޓު ނިމުނީ 25-13 އިންނެވެ. ދެވަނަ ސެޓުގައި އެޗްޑީސީއިން ކުޅުން ރަގަޅު ކުރިއެވެ. ނަމަވެސް ދެވަނަ ސެޓު ވެސް އެ ޓީމަށް ކާމިޔާބު ކުރެވޭ ގޮތް ވަނީ ނުވެފައެވެ. ދެވަނަ ސެޓު 25-23 އިން ގެއްލުނު އިރު އެ ޓީމަށް ފަހު ސެޓު ގެއްލުނީ 25-21 އިންނެވެ.
މި މުބާރާތުގެ ޕޮއިންޓު ޓޭބަލްގެ އެއްވަނައިގައި 2 މެޗުން ލިބުނު 5 ޕޮއިންޓާކު އޮތީ ހެލްޕް ނޭޕާލް ސްޕޯޓްސް ކްލަބެވެ. ދެވަނައިގައި އޮތް އިރާން ކްލަބަށް 4 ޕޮއިންޓު ލިބިފައިވާއިރު، 3 ޕޮއިންޓާއެކު ކްލަބް އެޗްޑީސީ އޮތީ 4 ވަނައިގައެވެ.
މުބާރާތުގައި އެޗްޑީސީއިން ކުޅޭ ހަތަރު ވަނަ މެޗު އޮންނާނީ މިއަދެވެ. މި މެޗުގައި އެ ޓީމު ނިކުންނާނީ ޓޭބަލްގެ އެއްވަނައިގައި އޮތް ހެލްޕް ނޭޕާލް ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.