ދުނިޔެ
ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރި ދެ ތެޔޮ ބޯޓެއް މައިންތަކެއްގައި ޖެހި އަލިފާން ރޯވެއްޖެ
ހޮރްމުޒުން ދަތުރުކުރި ތެޔޮ ޓޭންކަރަކަށް ދިން ހަމަލާއެއް. ފޮޓޯ: ފާރސް
ސްޓްރެއިޓް އޮފް ހޮރްމުޒް (ހޮރްމުޒް ކަނޑުއޮޅި) ހުރަސްކޮށް ދަތުރުކުރަމުންދިޔަ ދެ ތެޔޮ ބޯޓެއް ކަނޑުއަޑީގެ މައިންތަކެއްގައި ޖެހި އަލިފާން ރޯވެފައިވާ ކަމަށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ ކަނޑުގެ ލަޝްކަރާ ހަވާލާދީ އެ ގައުމުގެ ރަސްމީ ނޫސް އޭޖެންސީ އިރްނާ (IRNA) އިން ރިޕޯޓުކޮށްފިއެވެ. އީރާނުގެ ދައުލަތުގެ މީޑިއާތަކުން ބުނާ ގޮތުގައި އެ ދެ ބޯޓަކީ ގާތްގަނޑަކަށް 2 މިލިއަން ފީފާގެ ތެޔޮ (ކްރޫޑް އޮއިލް) އުފުލަމުންދިޔަ އުޅަނދުތަކެކެވެ.
އިރްނާ އިން ރިޕޯޓުކުރި ގޮތުގައި އެ އުޅަނދުތަކުން ދަތުރުކޮށްފައިވަނީ ޕޮޒިޝަނިން ސިސްޓަމާއި ރާޑަރުތައް ނިއްވާލުމަށްފަހު، އެ ސަރަހައްދުން ދަތުރުކުރުމަށް ހުއްދަ ދީފައިނުވާ މަގަކުންނެވެ. އޭގެ ތެރެއިން އެއް އުޅަނދު މައިނެއްގައި ޖެހުމާ ގުޅިގެން ދަތުރު ނުކުރެވި ހުއްޓިފައިވާ ކަމަށް ވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ. ނަމަވެސް، މި ހާދިސާތަކާ ގުޅިގެން މިނިވަން އެއްވެސް ފަރާތަކުން އަދި މި މައުލޫމާތު ކަށަވަރުކޮށްދީފައެއް ނުވެއެވެ.
މި ހާދިސާ ހިނގާފައި މިވަނީ، ދުނިޔޭގެ ތެލުގެ ވިޔަފާރީގައި މުހިންމު ދައުރެއް އަދާކުރާ ހޮރްމުޒް ކަނޑުއޮޅީގެ ސަރަހައްދުގައި މަސްރަހު އިންތިހާއަށް ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ. އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ކަނޑު ދަތުރުފަތުރަށް ބުރޫއަރައި، ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުތައް އުފުލި އިންފްލޭޝަން ވަނީ އިތުރުވެފައެވެ.
ކަނޑުދަތުރުފަތުރާ ބެހޭ އޮފިޝަލުން ބުދަ ދުވަހު ވިދާޅުވި ގޮތުގައި، މި ކަނޑުއޮޅި ކައިރިން ވަކިވަކިން ދަތުރުކުރި ކޮންޓެއިނަރު އުފުލާ ބޯޓަކާއި ބަލްކް ކެރިއަރަކަށް ހަމަލާތަކެއް އަމާޒުވެ، އެ ދެ އުޅަނދު ވަނީ އަޑިއަށް ގޮސްފައެވެ.
އީރާނުގެ ބަނދަރުތައް އެމެރިކާއިން ބަންދުކޮށް، މިދިޔަ މަހު އެޅި ދަތިކުރުމުގެ ފިޔަވަޅުތަކަށް ރައްދު ދިނުމުގެ ގޮތުން ދޭ ހަމަލާތައް ވަރުގަދަކުރާނެ ކަމަށް އީރާނުން ބުނެފައިވާއިރު، ފާއިތުވި ދެ ހަފުތާގެ ތެރޭގައި އެ ސަރަހައްދަށް އަމާޒުކޮށް ދޭ މިފަދަ ހަމަލާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.