ދުނިޔެ

ބަންގްލަދޭޝްގައި ހިމަބިހި ފެތުރި ގިނަ ކުދިންތަކެއް މަރުވެއްޖެ

ބަންގްލަދޭޝްގައި ހިމަބިހި ފެތުރި ގިނަ ކުދިންތަކެއް މަރުވެއްޖެ

ބަންގްލަދޭޝްގެ ހޮސްޕިޓަލެއްގައި ކުއްޖަކު އެޑްމިޓްކޮށްފަ. ފޮޓޯ: އޭޕީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

18 އޮކްޓޯބަރު 2026، 12:52

18 އޮކްޓޯބަރު 2026، 12:52

މި އަހަރު ދުނިޔޭގައި ފެތުރުނު އެންމެ ބޮޑު ހިމަބިހީގެ ރޯގާ ކޮންޓްރޯލްކުރުމުގައި ބަންގްލަދޭޝް ނާކާމިޔާބުވެ، އެ ބަލީގައި 1،100 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.

 ވެކްސިން ޖެހުމުގެ ޕްރޮގްރާމްތަކުގައި ހުރި ބޮޑެތި އިހުމާލުތަކާއި ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ރަނގަޅު ޕްލޭނެއް ނެތުމުގެ ސަބަބުން މި ރޯގާ އިންތިހާއަށް ފެތުރިގެން ގޮސްފައިވާ އިރު، މަރުވި މީހުންގެ %94 އަކީ ފަސް އަހަރުން ދަށުގެ ކުޑަކުދިންނެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މާޗު މަހުގެ މެދުތެރެއިން ފެށިގެން އޮކްޓޫބަރު 9 ގެ ނިޔަލަށް އެ ގައުމުން ހިމަބިހި ޖެހިފައިވާ ކަމަށް ޝައްކުކުރެވޭ 202،000 ކޭސް ރިޕޯޓްކޮށްފައިވެ އެވެ. އަދި ލެބޯޓްރީތަކުން ކަށަވަރުކުރެވުނު 22،000 ކޭސް ފެނިފައިވާއިރު، ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 1،147 އަށް އަރައިފަ އެވެ. މި ރޯގާ ފެތުރެން މެދުވެރިވީ 2024 ވަނަ އަހަރު ބަންގްލަދޭޝްގެ އޭރުގެ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ވެރިކަން ވެއްޓުމާ ގުޅިގެން ސިޔާސީ ގޮތުން އުފެދުނު ހަމަނުޖެހުންތަކާ އެކު، ސިއްހީ ޚިދުމަތްތެރިން އިހުތިޖާޖުކޮށް ވެކްސިން ގެނައުމަށް އެޅުނު ހުރަސްތަކުގެ ސަބަބުންނެވެ.

މިދިޔަ އަހަރުތަކުގައި ވެކްސިން ޕްރޮގްރާމްތަކުގައި ބަންގްލަދޭޝް ހޯދި ބޮޑެތި ކާމިޔާބީތަކަށް ފަހު، 2025 ވަނަ އަހަރު ގަވާއިދުން ވެކްސިން ޖަހާ މިންވަރު ވަނީ ދަށްވެފަ އެވެ. ޑަބްލިއުއެޗްއޯ އާއި ޔުނިސެފްގެ ހިސާބުތަކުން ދައްކާ ގޮތުގައި ފުރަތަމަ ޑޯޒް ޖެހި މިންވަރު %90 އަށް އަދި ދެވަނަ ޑޯޒް ޖެހި މިންވަރު %86 އަށް ވަނީ ދަށަށް ގޮސްފަ އެވެ. މީގެ އިތުރުން ސަރުކާރުގެ ރަސްމީ ހިސާބުތައް އެއްކުރުމުގައި ހުރި މައްސަލަތަކުގެ ސަބަބުން، ވެކްސިން ނުޖެހި ބާކީވި ކުދިން ދެނެގަތުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވި އެވެ.

މިދިޔަ އޭޕްރީލް މަހު ބަންގްލަދޭޝް ސަރުކާރުން އިމަޖެންސީ ވެކްސިން ކެމްޕޭނެއް ފަށައި، ގާތްގަނޑަކަށް 20 މިލިއަން ކުދިންނަށް ވެކްސިން ދީފައިވާ ކަމަށާއި އަމާޒުކުރި ހުރިހާ ކުދިންނަށް ވެކްސިން ފޯރުކޮށްދެވުނު ކަމަށް ބުންޏެވެ. ނަމަވެސް ޖޫން މަހު ހިންގި އެހެން ސިއްހީ ޕްރޮގްރާމެއްގެ ލިސްޓުގައި، އެ އުމުރުފުރާގެ އިތުރު ހަތަރު މިލިއަން ކުދިން ތިބިކަން ހާމަވުމުން، މި ކެމްޕޭނުގައި އެތައް މިލިއަން ކުދިންނަކަށް ވެކްސިން ނުދެވި ބާކީވިކަން ވަނީ ފަޅާއަރައިފަ އެވެ.

އޮފިޝަލް ލިޔެކިޔުންތަކުން ދައްކާ ގޮތުގައި، ކެމްޕޭން ފެށުމުގެ ކުރިން ފުރިހަމަކުރަން ޖެހޭ ތައްޔާރީތަކުގެ ހަތަރު ބުރުގެ ބަދަލުގައި، ވަގުތު ކުޑަތަންވެފައި އޮތުމުގެ ސަބަބުން ކުރިއަށް ގެންދެވުނީ އެންމެ ބުރެކެވެ. މީގެ ސަބަބުން ފަގީރު އަދި އެކަހެރި ސަރަހައްދުތަކުގައި ދިރިއުޅޭ ކުދިންނަށް ވެކްސިން ނުލިބި ދިޔަ އެވެ. އެގޮތުން އެންމެ ހާލަތު ގޯސްވި ސިލްހެޓް ސަރަހައްދުން އެކަނިވެސް 180 ކުދިން މަރުވެފައިވާއިރު، ގިނަ އާއިލާތަކުން ބުނެފައިވަނީ ވެކްސިން ޓީމުތައް އެ އަވަށްތަކަށް ދިޔައީ ކުދިން މަރުވި ފަހުން ކަމަށެވެ.

ބަލިމަޑުކަން އަނެއްކާވެސް ފެތުރެން ފެށުމާ ގުޅިގެން، ސަރުކާރުން މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ވަނީ ކުރިން ވެކްސިން ނުލިބޭ 3.4 މިލިއަން ކުދިންނަށް އަމާޒުކޮށްގެން އައު ކެމްޕޭނެއް ފަށައިފަ އެވެ. ނަމަވެސް ހިމަބިހި ޖެހޭ މީހުންގެ އަދަދު އަދިވެސް ދަނީ އިތުރުވަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450