ދުނިޔެ

ސައޫދީއަށް ހޫޘީން ދޭ ހަމަލާތައް ޖީސީސީން ކުށްވެރިކޮށްފި

ސައޫދީއަށް ހޫޘީން ދޭ ހަމަލާތައް ޖީސީސީން ކުށްވެރިކޮށްފި

ސަޢުދީގެ ފޮރިން މިނިސްޓަރ ފައިސަލް. ފޮޓޯ:އޭއެފްޕީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

19 އޮކްޓޯބަރު 2026، 11:41

19 އޮކްޓޯބަރު 2026، 11:41

ޔަމަނުގައި އީރާނާ ގުޅުން އޮންނަ ހޫޘީ ހަނގުރާމަވެރިން ސައޫދީ އަރަބިއްޔާއަށް ތަކުރާރުކޮށް ދެމުންދާ ހަމަލާތައް ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) އިން ކުށްވެރިކޮށް، ސައޫދީއާއެކު ދެމިއޮތްކަން ހާމަކޮށްފިއެވެ.

 ބަހްރައިންގެ މަނާމާގައި ބޭއްވި ޚާރިޖީ ވަޒީރުންގެ ބައްދަލުވުމަށްފަހު، ސައޫދީ އަރަބިއްޔާ، ބަހްރައިން، ކުވެއިތު، އޮމާން، ގަތަރު އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ހިމެނޭ އެ އިއްތިހާދުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މެންބަރު އެއްވެސް ގައުމަކަށް ދެވޭ ހަމަލާއަކީ ހުރިހާ ގައުމަކަށް ވެސް ދެވޭ ހަމަލާއެއް ކަމަށާއި، އަމިއްލަ ދިފާއުގައި ފިޔަވަޅު އެޅުމުގެ ހައްގު ސައޫދީއަށް އޮތް ކަމަށެވެ.

މި ކުށްވެރިކުރުން އައިސްފައިވަނީ، އާދީއްތަ ދުވަހުގެ ފަތިހު ރިޔާޒް ކައިރިންނާއި ސައޫދީގެ އިރުމަތީ ޕްރޮވިންސުން ދެ ޑްރޯން ވައްޓާލާފައިވާ ކަމަށް ސައޫދީ އިސްވެ އޮންނަ އަސްކަރީ ކޯލިޝަނުން ހާމަކުރުމާ ގުޅިގެންނެވެ. އޭގެ ގަޑިއިރުތަކެއް ކުރިން ވެސް ވެރިރަށް ކައިރިން އެހެން ޑްރޯނެއް ހުއްޓުވާފައިވާ ކަމަށް ކޯލިޝަނުން ބުނެފައިވެއެވެ. އާންމު އެއާޕޯޓްތަކަށާއި މުހިންމު ވަސީލަތްތަކަށް ހޫޘީން ނުރައްކާތެރި ހަމަލާތައް ދެމުންދާ ކަމަށް ގަލްފުގެ ވަޒީރުން ތުހުމަތުކުރެއްވިއެވެ. އަދި އދ. އިން އެ ޖަމާއަތާ ދެކޮޅަށް އަޅާފައިވާ ހަތިޔާރު އެތެރެކުރުން މަނާކުރާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމަށާއި، ހޫޘީންނަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ރަސްމީކޮށް ކަނޑައެޅުމަށް ވެސް ގައުމުތަކަށް ވަނީ ގޮވާލައްވާފައެވެ.

ޔަމަނުގެ ބައިނަލްއަގުވާމީ ގޮތުން ބަލައިގެންފައިވާ ސަރުކާރުން ވެސް ވަނީ އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް އަދި ސަލާމަތީ މަޖިލީހުގެ ރައީސަށް ސިޓީ ފޮނުވައި، އާންމުންގެ ގެދޮރަށާއި ސަރުކާރުގެ އިމާރާތްތަކަށް ހޫޘީން ދޭ ހަމަލާތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އެދިފައެވެ. އެ ސިޓީގައި ވަގުތީ ގޮތުން ސަރުކާރު ހިންގަމުންދާ އަދަންގެ ރިޔާސީ ގަނޑުވަރަށް ދިން ހަމަލާ ވެސް ފާހަގަކޮށްފައިވެއެވެ. މީގެއިތުރުން، ސަރަހައްދީ ސަލާމަތާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ޔޫއޭއީގެ ނައިބު ރައީސް ޝައިޚް މަންސޫރު ބިން ޒައިދު އަލް ނަހްޔާން އަދި ސައޫދީގެ ދިފާއީ ވަޒީރު ޕްރިންސް ޚާލިދު ބިން ސަލްމާން އަލް ސައޫދު އަބޫދާބީގައި ބައްދަލުކުރައްވާފައިވާ ކަމަށް ރަސްމީ ނޫސް އޭޖެންސީ ވާމް އިން ވަނީ ރިޕޯޓްކޮށްފައެވެ.

ހަމަލާތައް އިތުރުވަމުންދާއިރު، ސައޫދީގެ އެހީތެރިކަން ލިބޭ ޔަމަނު ސަރުކާރުގެ ސިފައިން ދަނީ އެކި ސަރަހައްދުތަކުގައި ކުރިއަރަމުންނެވެ. އާދީއްތަ ދުވަހު ހޫޘީން މާރިބް ސިޓީއަށް މިސައިލް ހަމަލާތަކެއް ދިން ކަމަށް އަސްކަރިއްޔާއިން ބުނިއިރު، ދެކުނުގެ ތާއިޒްއިން ކާމިޔާބީތަކެއް ހޯދިފައިވާ ކަމަށް ސަރުކާރު ސިފައިން ވަނީ ބުނެފައެވެ. ހޮނިހިރު ދުވަހު ލަހިޖް ޕްރޮވިންސްގައި ހިނގި ކުރިމަތިލުންތަކުގައި ސިފައިންގެ އަށް މީހުން މަރުވެފައިވާއިރު، ތާއިޒްގެ ދެކުނުން ހޫޘީންގެ 12 ހަނގުރާމަވެރިން މަރާލެވުނު ކަމަށް ސަރުކާރުގެ ކޮމާންޑަރުން ބުނެފައިވެއެވެ.

ޔަމަނުގައި ހިނގަމުންދާ ވަރުގަދަ ހަނގުރާމައިގެ ސަބަބުން 233,000 އަށް ވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ގޮސްފައިވާ ކަމަށް އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ މައިގްރޭޝަން (އައިއޯއެމް) އިން ވަނީ ބުނެފައެވެ. މީގެ ތެރެއިން ގާތްގަނޑަކަށް 121,000 މީހުން ތިބީ ސަޕްލައި މަގުތައް ބަންދުވެފައިވާ ތާއިޒް ޕްރޮވިންސްގައެވެ.

ތާއިޒްގެ ހުޅަނގު ދޮރޯށި ހޫޘީން ބަންދުކޮށްފައިވުމުގެ ސަބަބުން ކައްކާ ގޭހާއި ކާބޯތަކެތީގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ކަމަށާއި، ކާބޯތަކެތީގެ އަގު ފަސް ގުނައަށް އުފުލިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އަދި ތާއިޒްގައި ހުރި 12 ހޮސްޕިޓަލަށް ބޭނުންވާ ތެޔޮ ހުރީ އެންމެ ހަތަރު ދުވަހަށް ކަމަށާއި، އޮޕަރޭޝަން ކުރުމަށް ބޭނުންވާ ސާމާނާއި އޮކްސިޖަން އަދި ބޭސް ހުސްވަމުންދާއިރު، ކޮލެރާ ބަލިމަޑުކަމެއް ފެތުރެމުންދާ ކަމުގެ އިންޒާރު ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ ދީފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450