ދުނިޔެ
އިސްރާއީލުގެ އިންތިޚާބުގައި ޓްރަމްޕްގެ ތާއީދު ނަތަންޔާހޫއަށް
ނަތަންޔާހޫ އާއި ޓްރަމްޕް. ފޮޓޯ:އޭޕީ
އިސްރާއީލުގައި މި މަހުގެ 27 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ބަރުލަމާނީ އިންތިޚާބުގައި، އެ ޤައުމުގެ މިހާރުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ފުރިހަމަ ތާއީދު އޮތްކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޢުލާނުކޮށްފިއެވެ.
ޓްރަމްޕްގެ މި ތާއީދު އައިސްފައިވަނީ އިންތިޚާބަށް އެންމެ 9 ދުވަހަށްވެފައި ވަނިކޮށެވެ.
އާދީއްތަ ދުވަހު ޓްރޫތު ސޯޝަލްގައި ކުރި ޕޯސްޓެއްގައި ޓްރަމްޕް ވަނީ، އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމައިގައި އިސްރާއީލުން ވެދޭ އެއްބާރުލުމަށް ތަޢުރީފުކޮށް، ނަތަންޔާހޫއަށް އޭނާގެ ފުރިހަމަ ތާއީދު ދޭނެ ކަމަށް ބުނެފައެވެ. އަދި ނަތަންޔާހޫއަކީ އިސްރާއީލުގެ ރައްޔިތުން މާޔޫސްކޮށްނުލާނެ ލީޑަރެއް ކަމަށްވެސް ޓްރަމްޕް ފާހަގަކުރިއެވެ. މީގެ އިތުރުން އެކްސިއޮސް ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ބުނީ، ނަތަންޔާހޫއަށް ތާއީދު ކުރުމާމެދު ދުވަހަކުވެސް ޝައްކެއް ނުއުފެދޭ ކަމަށާއި، މިހާތަނަށް މަޑުކުރީ މާ އަވަހަށް އެކަން އިޢުލާނު ނުކުރުމަށް ކަމަށެވެ.
ދެ ޤައުމުގެ ލީޑަރުންގެ މެދުގައި ޚިޔާލުތަފާތުވުންތަކެއް އުޅޭ ކަމަށް ދާދިފަހުން އަޑުފެތުރިފައިވީ ނަމަވެސް، ޓްރަމްޕް ވަނީ އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ދިފާޢުކޮށް ވާހަކަދައްކާފައެވެ. މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ އަގު އުފުލި، އެމެރިކާގެ އެތެރޭގެ ޢާންމު ޚިޔާލު ހޯދުންތަކުން ދައްކާ ގޮތުގައި ވޯޓުލާ މީހުންގެ ބޮޑު ބައެއް ޓްރަމްޕްގެ ސިޔާސަތުތަކާ މެދު ހިތްހަމަނުޖެހެއެވެ. އަދި ނޮވެމްބަރު 3 ގައި އެމެރިކާގެ ކޮންގްރެސްގެ މެދުދައުރުގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާއިރު، އިސްރާއީލުގައި ނަތަންޔާހޫގެ ލިކޫޑް ޕާޓީއާ އިދިކޮޅަށް ގާދީ އައިސެންކޮޓް އިސްވެ ހުންނަވައި ވަރުގަދަ ކެމްޕޭނެއް ދަނީ ހިންގަމުންނެވެ.
ޓްރަމްޕްގެ މި ނިންމުމާއި ގުޅިގެން ނަތަންޔާހޫ ސޯޝަލް މީޑިއާގައި ޢާންމުކުރި ވީޑިއޯ މެސެޖެއްގައި ވަނީ އެމެރިކާގެ ރައީސަށް ޝުކުރު އަދާކޮށްފައެވެ. އަދި ވައިޓް ހައުސްގައި އިސްރާއީލަށް މިހާ ބޮޑު އެހީތެރިކަމެއް ދެއްވި ދެވަނަ ރައީސަކު ނެތް ކަމަށް ބުނެ، އެމެރިކާގެ ރައްޔިތުންނަށް އަމާޒުކޮށް ނަތަންޔާހޫ ބުނީ ތެލުގެ އަގު އުފުލުމާ މެދު ކަންބޮޑުވާނަމަ، އީރާނުގެ ނުރައްކާ ނައްތާލެވުމުން އަގުތައް އަނެއްކާވެސް ދަށަށްދާނެ ކަމަށާއި، އެކަން ވާނީ ޓްރަމްޕްގެ ޒަޢާމަތުގައި ކަމަށެވެ.