ދުނިޔެ
ތަކެތީގެ އަގު އުފުލި އެހީ މަދުވުމުން ޣައްޒާގެ ކުޑަކުދިން ކާބޯތަކެއްޗަށް ޖެހި ނުރައްކާ ބޮޑުވެއްޖެ
ޣައްޒާގެ ކުޑަކުދިންތަކެއް ކާއެއްޗެހި ބަހާ ތަނެއްގައި. ފޮޓޯ: ޑަބްލިޔު ޕީ
އިސްރާއީލުން ޣައްޒާއަށް މުދާ އެތެރެކުރުން ހިފެހެއްޓުމާއި، ބާޒާރުގައި ތަކެތީގެ އަގު އިންތިހާއަށް އުފުލި، އިންސާނީ އެހީ ފޯރުކޮށްދިނުން މަދުވުމާ ގުޅިގެން ޣައްޒާގެ އެތައް ހާސް ކުޑަކުދިންނެއް ކާބޯތަކެއްޗަށް ޖެހި، ކާނާ ނުލިބުމުގެ ސަބަބުން ސިއްހީ ބޮޑެތި މައްސަލަތަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
ވިޔަފާރި މުދާ އެތެރެކުރުމަށް އެޅި ހުރަސްތަކާއި ޖަމްއިއްޔާތަކުން ދޭ އެހީ ކަނޑައިލުމުގެ ސަބަބުން، އާއިލާތަކަށް ކާބޯތަކެތި ހޯދުމަށް ވަނީ އިތުރު ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ.
ޣައްޒާ ސިޓީގެ ހުޅަނގު ފަރާތުގައި ޖަހާފައިވާ ޓެންޓެއްގައި ދިރިއުޅޭ އުމުރުން 30 އަހަރުގެ ހުދާ އަބޫ ލައިލާ ކިޔައިދިން ގޮތުގައި، އޭނާގެ ފަސް އަންހެން ދަރިންނަށް ހެނދުނުގެ ނާސްތާއަށް ހަމައެކަނި ސަޔާއި ޕާން ދޭންޖެހޭ ދުވަސްތައް މިހާރު ވަނީ ގިނަވެފައެވެ. އިސްރާއީލުން އޮކްޓޫބަރު 14 ގައި ވިޔަފާރި މުދާ އެތެރެކުރުން މެދުކަނޑައިލުމާ ގުޅިގެން ކުއްލިއަކަށް ބާޒާރުން ކިރާއި ކުކުޅުބިސް ފަދަ ތަކެތި ހުސްވެ އަގުތައް އިންތިހާއަށް އުފުލުނެވެ. މިހާރު ބިސް ކޭހެއްގެ އަގު 60 ޝެކަލް (19.40 ޑޮލަރު) އަށް އަރާފައިވާއިރު، ފިޔާ ކިލޯއެއް 10 ޝެކަލް އަދި ވިލާތުބަށި ކިލޯއެއް 10 އާއި 15 ޝެކަލްއާ ދެމެދުގެ އަގުތަކެއްގައި ހުރުމުން އާދައިގެ އާއިލާތަކަށް އެ ތަކެތި ގަތުމުގެ ކުޅެދުންތެރިކަމެއް ނެތެވެ.
އދ. ގެ އެހީ ކަނޑައިލުން
މި ދަތިތަކުގެ ތެރޭގައި އދ. ގެ ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ) އިން ވެސް ވަނީ ފަންޑު ނުލިބުމުގެ ސަބަބުން އެހީ މަދުކުރަން ޖެހިފައިވާކަން އޮކްޓޫބަރު 19 ގައި އިއުލާނުކޮށްފައެވެ. އެ ޖަމްއިއްޔާއިން ސެޕްޓެމްބަރު މަހު 1.6 މިލިއަން މީހުންނަށް އެހީ ފޯރުކޮށްދިން ނަމަވެސް، އޮކްޓޫބަރު މަހު އެ އަދަދު ވަނީ 1.1 މިލިއަނަށް ދަށްކޮށްފައެވެ. މީގެ އިތުރުން، އާއިލާތަކަށް ދެމުން އައި ކާބޯތަކެތީގެ ޕެކޭޖުތައް ދެބައިކުޅަ އެއްބަޔަށް މަދުކޮށް، ދުވާލަކު ބަހާ ހޫނު ކެއުމުގެ އަދަދު 250،000 އިން 150،000 އަށް ވަނީ ދަށްކޮށްފައެވެ. ޑަބްލިއުއެފްޕީން ހާމަކުރި ގޮތުގައި ޣައްޒާގެ އާބާދީގެ ތިންބައިކުޅަ ދެބައި ނުވަތަ ގާތްގަނޑަކަށް 1.4 މިލިއަން މީހުން ތިބީ ކާބޯތަކެތީގެ ނުރައްކާތެރި ހާލަތެއްގައެވެ.
އުތުރު ޣައްޒާގެ ބައިތު ލާހިޔާއިން ގެދޮރު ގެއްލިގެން ޣައްޒާ ސިޓީގައި ދިރިއުޅޭ ރާއިދާ ސުބުހު، 40، ބުނި ގޮތުގައި އޭނާގެ ނުވަ މެންބަރުންގެ އާއިލާއަށް ކިރު، މަސް، ބިސް އަދި ޗީޒް ފަދަ މުހިންމު ކާނާ ނުލިބޭތާ އަށް މަސް ދުވަސް ވަނީ ވެފައެވެ. މިފަދަ އާއިލާތައް މައިގަނޑު ގޮތެއްގައި ބަރޯސާވަނީ އާންމު ބަދިގެތަކުން ލިބޭ ކާއެއްޗެއްސަށެވެ.
ކާނާ ނުލިބުމުގެ ސަބަބުން ކުޑަކުދިން ބަލިވުން
އދ. ގެ އޯޗާ (OCHA) ގެ ހިސާބުތައް ދައްކާ ގޮތުގައި ސެޕްޓެމްބަރު މަހު އެކަނިވެސް ކާނާ ނުލިބުމުގެ ސަބަބުން 2،800 އަށް ވުރެ ގިނަ ކުދިންނަށް ފަރުވާ ދީފައިވާއިރު، އޭގެ ތެރޭގައި ހާލަތު އިންތިހާއަށް ގޯސް 360 އަށް ވުރެ ގިނަ ކުދިން ހިމެނެއެވެ. އަދި ޔުނިސެފްގެ ސާވޭއަކުން ދައްކާ ގޮތުގައި ފަސް އަހަރުން ދަށުގެ ކުދިންގެ ތެރެއިން 12.2 އިންސައްތަ ކުދިންގެ ހަށިގަނޑު ހެދިބޮޑުވުމަށް ވަނީ ހުރަސްއެޅިފައެވެ.
ޣައްޒާ ސިޓީގެ ކުޑަކުދިންގެ ޑޮކްޓަރެއް ކަމަށްވާ މުހައްމަދު އަލްރާއީ ވިދާޅުވީ ކާނާ އެތެރެކުރުން ހުއްޓުވުމުގެ ސަބަބުން ކުދިންނަށް ބޭނުންވާ ޕްރޮޓީން ނުލިބި، ފައި ދުޅަވުން ފަދަ ނުރައްކާތެރި އަލާމާތްތައް ފެންނަމުންދާ ކަމަށެވެ. މި މައްސަލަ ހަމައެކަނި ފަސް އަހަރުން ދަށުގެ ކުދިންނަށް ނޫން ކަމަށާއި، އުމުރުން 17 އަހަރާ ދެމެދުގެ ކުދިންނަށް ވެސް ކުރިމަތިވަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ކާނާ ނުލިބުމުގެ ސަބަބުން ލިބޭ ގެއްލުންތަކުން ސަލާމަތްވުމަށް ތިން މަހާއި ހަ މަހާ ދެމެދުގެ މުއްދަތެއް ނަގާއިރު، މި ހާލަތު މިގޮތަށް ދެމިއޮވެއްޖެނަމަ ބަލިވާ ކުދިންގެ އަދަދު އިތުރުވާނެ ކަމުގެ އިންޒާރު ޑޮކްޓަރުން ވަނީ ދެއްވާފައެވެ.