ދުނިޔެ
މުޒާހަރާތަކާ ދެކޮޅަށް ބާރުގެ ބޭނުންކުރުން ހުއްޓާލުމަށް އދ. އިން އިންޑިއާއަށް ގޮވާލައިފި
އިންޑިއާގައި ކުރަމުންދާ މުޒާހަރާގެ ތެރެއިން މީހަކު ހައްޔަރުކުރުން. ފޮޓޯ: ޕީއެންޖީ
އިންޑިއާގައި އިދިކޮޅު ސިޔާސީ ޕާޓީތަކާއި ދަރިވަރުން ކުރަމުންދާ މުޒާހަރާތައް ހުއްޓުވުމަށް އެ ޤައުމުގެ ސަރުކާރުން ބާރުގެ ބޭނުންކުރުން ހުއްޓާލުމަށް އދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ މިނިވަން މާހިރުންތަކެއް ގޮވާލައިފިއެވެ.
އދ.ގެ ހިއުމަން ރައިޓްސް ކައުންސިލުން އައްޔަންކޮށްފައިވާ 24 މާހިރަކު ނެރުއްވި ބަޔާނެއްގައި، އިންޑިއާގެ ކަމާބެހޭ އިދާރާތަކުން ޢަމަލުކުރި ގޮތް މިނިވަންކަމާއެކު ތަޙުޤީޤުކުރުމަށް ވަނީ އެދިވަޑައިގެންފައެވެ.
އެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި މުޒާހަރާގެ ބައިވެރިންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، ބައެއް ފަރާތްތަކާމެދު އިހާނެތިކޮށް ހިތާފައިވާ ކަމުގެ ރިޕޯޓުތައް ވެސް ވަނީ ލިބިފައެވެ. ވަކިން ޚާއްޞަކޮށް، މުޒާހަރާތަކުގެ ތެރޭގައާއި ބަންދުކޮށްފައި ތިބި ތަންތަނުގައި ޖިންސީ އަނިޔާއާއި ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލަތަކާމެދު މާހިރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އިންޑިއާގައި މި މުޒާހަރާތައް ފަށާފައިވަނީ ވޯޓުލާ މީހުންގެ ލިސްޓުން 130 މިލިއަން މީހުންގެ ނަން އުނިކުރުމާ ގުޅިގެން، ޗީފް އިލެކްޝަން ކޮމިޝަނަރު ޔާނޭޝް ކުމާރުގެ އިސްތިއުފާއަށް ގޮވާލައެވެ. މި ހަރަކާތްތަކުގައި ކޮންގްރެސް ޖަންތާ ޕާޓީ (ސީޖޭޕީ) އާއި އިދިކޮޅު އެހެން ޕާޓީތަކުގެ އިތުރުން ދަރިވަރުންގެ ޖަމްޢިއްޔާތަކުން ބައިވެރިވެއެވެ.
މުޒާހަރާކުރާ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، ލިސްޓުން ނަން އުނިކޮށްފައިވަނީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަށް ވޯޓުނުދޭނެ ކަމަށް ބެލެވޭ ފަޤީރުންނާއި، ގެދޮރުނެތް މީހުން އަދި މުސްލިމުން ހިމެނޭހެން މަދު ނަސްލުތަކުގެ މީހުންނަށް އަމާޒުކޮށެވެ. ނަމަވެސް ބީޖޭޕީއާއި އިލެކްޝަން ކޮމިޝަނުން މި ތުހުމަތުތައް ދޮގުކުރެއެވެ.
އދ.ގެ މާހިރުން ވިދާޅުވީ، ސުލްޙަވެރިކަމާއެކު ކުރިއަށްގެންދިޔަ އެއްވުންތަކާ ދެކޮޅަށް ފުލުހުން ލަކުޑިބުރި ބޭނުންކޮށްގެން ހިންގި "ލާތީ ޗާޖު" ތަކުގައި ހަތިޔާރެއް ނެތް ދަރިވަރުންނާ ދެކޮޅަށް ބާރުގެ ބޭނުންކޮށްފައިވާ ކަމަށެވެ. އަދި ހައްދުފަހަނައެޅި ބާރުގެ ބޭނުންކުރުން ހުއްޓާލުމަށާއި، އެއްވުންތައް މަނާކޮށްފައިވާ އަމުރުތައް އުވާލުމަށާއި، ބަޔޯމެޓްރިކްސް އަދި އިންޓަނެޓް ކަނޑާލުން ފަދަ ޑިޖިޓަލް ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓާލުމަށް ވެސް އެ ބޭފުޅުން ވަނީ ގޮވާލައްވާފައެވެ.
މިފަދަ ފާޑުކިޔުންތަކަކީ ޤައުމުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުން ކަމަށް ބުނެ، އިންޑިއާ ސަރުކާރުން ވަނީ މީގެ ކުރިން ވެސް އދ. އިން ފާޅުކުރި ކަންބޮޑުވުންތައް ބަލައިނުގަނެ ދޫކޮށްލާފައެވެ.