ދުނިޔެ
އެމްބިއުލާންސެއްގައި ނައިޓީ ލައިގެން އައި ވަގުންތަކެއް އިންޑިއާގެ އޭޓީއެމްއެއް ފަޅާލައިފި
ސީސީޓީވީ ފޫޓެޖް ސްކްރީން ޝޮޓެއް...
އިންޑިއާގެ ތެލަންގާނާ ސްޓޭޓުގައި އަންހެނުންގެ ނައިޓީ ލައިގެން މޫނު ނިވާކޮށްގެން ތިބި ތިން ފިރިހެނަކު އެމްބިއުލާންސެއްގައި އައިސް، އޭޓީއެމެއް ފަޅާލިކަމަށް ތުހުމަތުކުރެވޭ ވަރަށް އާދަޔާޚިލާފު ވައްކަމެއް ސީސީޓީވީ ކެމެރާއަށް އަރައިފިއެވެ. މި ފޭރުމުގެ ހާދިސާ ހިނގާފައިވަނީ އޮކްޓޫބަރު 11 ވަނަ ދުވަހުގެ ދަންވަރު ގާތްގަނޑަކަށް 1:00 ހާއިރު، ކަމަރެއްޑީ ޑިސްޓްރިކްޓްގެ ގަންދާރީގައި ހުންނަ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ގެ އޭޓީއެމެއްގައެވެ.
ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، ކޭޝް މެޝިނަށް ހަމަލާދިނުމުގެ ކުރިން ތުހުމަތުކުރެވޭ މީހުން އައިސްފައިވަނީ އެމްބިއުލާންސެއް ކަމަށް ބެލެވޭ އުޅަނދެއްގައެވެ.
އޭގެ ތެރެއިން ދެ ފިރިހެނަކު އޭޓީއެމް ބޫތު ތެރެއަށް ވަންއިރު، އަނެކަކު ބޭރުގައި ފޯރިމަރަން ހުރި ކަމަށް މައުލޫމާތު ލިބެއެވެ. ތުހުމަތުކުރެވޭ މީހުން ފައިސާ ހިފައިގެން ފިލުމުގެ ކުރިން، މެޝިން ހަލާކުކޮށްލައިގެން ހުޅުވުމަށް ބޭނުންކޮށްފައިވަނީ ކަފާ އާލާތްތަކެކެވެ.
In an unusual ATM robbery, unidentified miscreants allegedly wearing nighties and masks arrived in an ambulance and broke into a State Bank of India (SBI) ATM in Telangana's Kamareddy district in the early hours of Sunday. CCTV footage captured the suspects arriving in an ambulance, wearing nighties and masks, damaging the SBI ATM with cutters and fleeing with cash around 1-1.30 am on October 11. Read more: https://t.co/qX5gOZFkWl
— NDTV (@ndtv) October 12, 2026
ފުލުހުން ވިދާޅުވީ، ލަފާކުރެވޭ ގޮތުގައި ގާތްގަނޑަކަށް 2.5 މިލިއަން ރުޕީސް ވަގަށް ނަގާފައިވާ ކަމަށެވެ. ނަމަވެސް، ގެއްލުނު ފައިސާގެ ސީދާ އަދަދު ކަށަވަރުވާނީ މެޝިނުގައި ހުރި ފައިސާގެ ބާކީ އަދަދު ޗެކްކުރުމަށް ފަހުގައެވެ.
މި ވައްކަން ހިނގާފައިވާކަން އެ ސަރަޙައްދުގެ ރައްޔިތުންނަށް އެނގުނީ، އޭޓީއެމް ހަލާކުކޮށްލާފައި ހުރިތަން އެ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ފެނިގެން ފުލުހުންނަށް ރިޕޯޓުކުރުމުންނެވެ.
ތަހުގީގު ޓީމުން ވަނީ ހާދިސާ ހިނގި ސަރަޙައްދުން ހެކި އެއްކޮށްފައެވެ. އަދި ތުހުމަތުކުރެވޭ މީހުން ދެނެގަތުމަށާއި، އެމީހުން ދިޔަ މަގު ހޯދުމަށްޓަކައި އޭޓީއެމް އަދި ވަށައިގެންވާ ސަރަޙައްދުތަކުގެ ސީސީޓީވީ ފުޓޭޖްތައް ފުލުހުން ދަނީ ބަލައި ދިރާސާކުރަމުންނެވެ.
މީގެއިތުރުން، ފުޓޭޖުން ފެންނަ އެމްބިއުލާންސަކީ އަސްލު އެމްބިއުލާންސެއްތޯ ނުވަތަ ކާކުކަން އޮޅުވާލުމަށް ބޭނުންކުރި އުޅަނދެއްތޯ ވެސް ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.