ދުނިޔެ

އިސްރާއީލް ސިފައިން ސީރިއާގައި ޚާއްސަ އެހީއަށް ބޭނުންވާ މީހަކު ޝަހީދުކޮށްލައިފި

އިސްރާއީލް ސިފައިން ސީރިއާގައި ޚާއްސަ އެހީއަށް ބޭނުންވާ މީހަކު ޝަހީދުކޮށްލައިފި

އިސްރާއިލް ސިފައިން ސީރިޔާގެ ދިމިޝްޤުގައި.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

22 އޮކްޓޯބަރު 2026، 10:47

22 އޮކްޓޯބަރު 2026، 10:47

އިސްރާއީލުގެ އަސްކަރިއްޔާއިން ސީރިއާގެ ދެކުނުގެ އަވަށަކަށް ދިން ހަމަލާއެއްގައި، ޚާއްސަ އެހީއަށް ބޭނުންވާ މީހަކު ޝަހީދުކޮށްލައިފިއެވެ.

 މި ހާދިސާ ހިނގާފައިވަނީ ސީރިއާގެ ހުޅަނގު ދެކުނުގައި އޮންނަ ދަރްޢާ ޕްރޮވިންސްގެ ޖަމްލާ ކިޔާ އަވަށުގައި އިސްރާއީލް ސިފައިން ހިންގި އަސްކަރީ އޮޕަރޭޝަނެއްގައެވެ.

ސީރިއާގެ ރަސްމީ ނިއުސް އެޖެންސީ "ސަނާ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިސްރާއީލް ސިފައިން ވަނީ ޖަމްލާ އަވަށަށް ވަދެގަނެ، އެ އަވަށުގެ އިރުމަތީ އަވަށްތަކަށް ފެތުރިގެންފައެވެ. އަދި އާންމުން ދިރިއުޅޭ ގެތަކުގެ ފުރާޅުތަކުގެ މައްޗަށް ސްނައިޕަރުން އަރުވައި، ކުރިއަށް ދިޔަ ވަގުތު އެ ސަރަހައްދުގައި ހުރި ޚާއްސަ އެހީއަށް ބޭނުންވާ މީހާ ވަނީ ޝަހީދުވެފައެވެ. އޭނާ ޝަހީދުވީ ސްނައިޕަރެއްގެ ހަމަލާއަކުން ކަމެއް ނުވަތަ މަގުމަތީގައި ތިބި ސިފައިން ދިން ސީދާ ބަޑީގެ ހަމަލާއަކުން ކަމެއް ސާފުވެފައި ނުވި ނަމަވެސް، އޭނާގެ ހަށިގަނޑު މިހާރު ވަނީ ދަރްޢާ ނޭޝަނަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ސީރިއާގެ "އަލް އިޚްބާރިއްޔާ" ޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިސްރާއީލުގެ އަސްކަރީ 15 ވެހިކަލް ބައިވެރިވި މި އުދުވާނުގައި، އެ އަވަށަށް ވަދެވެން އޮންނަ މައި މަގެއްގެ ކޮންޓްރޯލް ވެސް އިސްރާއީލުން ވަނީ ނަގާފައެވެ. އަދި ސްނައިޕަރުން ފުރާޅުތަކަށް އެރުވުމަށްފަހު، އެކި ގެތައް ފާސްކުރަމުން ދިޔަ ވަގުތު އާންމުން ދިރިއުޅޭ އަވަށްތަކަށް އަމާޒެއް ނެތި ބަޑީގެ ހަމަލާތައް ދީފައިވާ ކަމަށްވެސް އެ ޗެނަލުން ބުނެފައިވެއެވެ.

އިސްރާއީލުން ސީރިއާގެ ހުޅަނގު ދެކުނުގެ ސަރަހައްދުތަކުގައި އަސްކަރީ ބާރު ދަމަހައްޓަމުން އަންނައިރު، ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން ވަނީ އެ ސަރަހައްދުތަކުން ފޭބުމަށް ދެކޮޅު ހަދާފައެވެ. އިސްރާއީލުން މިފަދަ އޮޕަރޭޝަންތައް ހިންގަނީ ސަލާމަތީ ކަންބޮޑުވުންތަކާއި ސަރަހައްދީ ބާރު ނެގުމުގެ އިތުރުން، ސީރިއާގެ އަސްކަރީ ގާބިލުކަން ނައްތާލުމުގެ ބޭނުމުގައެވެ.

އދ. ގެ ހިއުމަން ރައިޓްސް ހައި ކޮމިޝަނަރު ވޮލްކާ ޓާކް މިދިޔަ އޮކްޓޯބަރު މަހު ހާމަކުރައްވާފައިވާ ގޮތުގައި، ސެޕްޓެމްބަރު މަހު އެކަނިވެސް އިސްރާއީލް އަސްކަރިއްޔާއިން ސީރިއާ ތެރޭގައި މިފަދަ 280 ހާދިސާ ހިންގާފައިވެއެވެ. އަދި މި އޮޕަރޭޝަންތަކާ ގުޅިގެން ސީރިއާގެ 50 އެއްހާ މީހުން އަދިވެސް ތިބީ އިސްރާއީލުގެ ބަންދުގައެވެ.

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުގެ ތަރުޖަމާނު ޝަބިއާ މަންތޫ ވަނީ ދެކުނު ސީރިއާގެ އާންމުންނަށް މިފަދަ އަސްކަރީ ހަމަލާތަކުގެ ސަބަބުން ކުރިމަތިވަމުންދާ ނޭދެވޭ އަސަރުތަކާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މިއީ މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން މިފަދަ ހާދިސާތައް ރެކޯޑްކުރެވުނު މަހެވެ. މި އަމަލުތަކުގެ ތެރޭގައި ގެތަކަށް ވަދެގަތުމާއި، މިނިވަންކަމާއެކު ދަތުރުފަތުރުކުރުމަށް ހުރަސްއެޅުމާއި، އާންމުންނަށް ބިރުދެއްކުމާއި، ދިރިއުޅުމުގެ ވަސީލަތްތައް ހަލާކުކުރުމުގެ އިތުރުން ނުހައްގުން މީހުން ހައްޔަރުކުރުން ހިމެނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450