ދުނިޔެ
ޔޫކްރެއިނާއި އެމެރިކާއާއެކު ސުލްހައިގެ ވާހަކަތައް އަލުން ފަށަން ޕޫޓިން އެއްބަސްވެެއްޖެ
ޕޫޓިން އެމެރިކާއާއެކު ބައްދަލުކުރަނީ. ފޮޓޯ: ރޮއިޓަރސް
އެމެރިކާ މެދުވެރިވެގެން ޔޫކްރެއިނާއެކު ބާއްވާ ސުލްޙައިގެ ވާހަކަތައް އަންނަ މަހުގެ ކުރީކޮޅު އަލުން ފެށުމަށް ރަޝިޔާގެ ރައީސް ވްލަޑިމީރް ޕޫޓިން އެއްބަސްވެފައިވާ ކަމަށް އެ ގައުމުން ބުދަ ދުވަހު ހާމަކޮށްފިއެވެ.
ޕޫޓިން މިކަމަށް އެއްބަސްވީ ސެއިންޓް ޕީޓަސްބާގްގައި އެމެރިކާގެ މަންދޫބު ސްޓީވް ވިޓްކޮފްއާ ބައްދަލުކުރެއްވުމަށްފަހުގައެވެ. މިއީ ވިޓްކޮފް ޕޫޓިންއާ ބައްދަލުކުރެއްވި ނުވަވަނަ ފަހަރެވެ.
މި މަޝްވަރާތައް ފެށިގެން ދިޔައީ، ރަޝިޔާގައި ހައްޔަރުކޮށްފައި ހުރި އެމެރިކާގެ ރިޓަޔަރޑް ޓީޗަރެއް ކަމަށްވާ ސްޓީވަން ހަބާޑް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެދުމެއްގެ މަތިން މިނިވަންކުރުމަށްފަހުއެވެ. މި ބައްދަލުވުން ކުރިއަށްދިޔައީ އެމެރިކާއިން ޔޫކްރެއިނާ ދުރަށް ޖެހެމުންދާ ކަމަށާއި، ބައެއް ފަހަރު ރަޝިޔާގެ ހަމަލާތަކާ ގުޅޭ ޖާސޫސީ މަޢުލޫމާތުތައް ނުދީ ހިފަހައްޓައި، ޔޫކްރެއިންގެ އަސްކަރީ މުވާސަލާތީ ނިޒާމަށް ހުރަސްއަޅަމުންދާ ކަމަށް ބުނެ، ޔޫކްރެއިނާއި، އެ ގައުމުގެ ބައިވެރިންގެ މެދުގައި ކަންބޮޑުވުން އުފެދިފައިވާ ދަނޑިވަޅެއްގައެވެ.
ރަޝިޔާއިން ބުނި ގޮތުގައި ފަންނީ ފެންވަރެއްގައި ކުރިއަށްދާނެ މި އައު ތިން ފަރާތުގެ ސުލްޙައިގެ ވާހަކަތައް ބޭއްވުން އެކަށީގެންވަނީ އަބޫދާބީގައެވެ.
މައިގަނޑު ގޮތެއްގައި ހަނގުރާމަ ނިމުމަށްފަހު ދެ ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަމާޒުކުރާ މި މަޝްވަރާތައް ނޮވެމްބަރު 10 ގައި ނުވަތަ އެ ތާރީޚުގެ ފަހުން ފެށިދާނެ ކަމަށް ވަނީ ބެލެވިފައެވެ.