ދުނިޔެ

ހަނގުރާމައިގެ ނުރައްކާ ބޮޑުވެފައިވީ ނަމަވެސް، ޔުރޭނިއަމް ދޫކޮށްނުލާނެ ކަމަށް އީރާނުން ބުނެފި

ހަނގުރާމައިގެ ނުރައްކާ ބޮޑުވެފައިވީ ނަމަވެސް، ޔުރޭނިއަމް ދޫކޮށްނުލާނެ ކަމަށް އީރާނުން ބުނެފި

އިރާންގެ ސަރުކާރުގެ އިސްވެރިއެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

22 އޮކްޓޯބަރު 2026، 01:54

22 އޮކްޓޯބަރު 2026، 01:54

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓުވުމަށް މެދުއިރުމަތީގައި ޑިޕްލޮމެޓިކް މަޝްވަރާތައް އިތުރުވެފައިވީ ނަމަވެސް، އެ ގައުމުގެ ބާރުގެ ދަށުގައި ހުރި އެންރިޗްކޮށްފައިވާ އެންމެ ގްރާމެއްގެ ޔުރޭނިއަމް ވެސް ގައުމުން ބޭރު ނުކުރާނެ ކަމަށް ބުނެ ތެހެރާނުން އެ ގައުމުގެ ހަރުކަށި ސިޔާސަތު ދަމަހައްޓައިފިއެވެ.

 ޕާކިސްތާނުގެ އަސްކަރިއްޔާގެ ވެރިޔާ ޖެނެރަލް އާސިމް މުނީރު އީރާނަށް ކުރެއްވި ޒިޔާރަތަށް ފަހު، އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ މުހުސިން ރިޒާއީ ވިދާޅުވީ، އަސްކަރީ ފިއްތުންތަކާ ހުރެ ނިއުކްލިއާ ޕްރޮގްރާމް ދޫކޮށްލުމަކީ ބަލިގަބޫލުކުރުން ކަމަށާއި އެއީ ގައުމީ މިލްކިއްޔާތެއް ކަމަށެވެ. ނަމަވެސް ބައިނަލްއަގުވާމީ މޮނިޓަރުންގެ ބެލުމުގެ ދަށުން ގައުމުގެ އެތެރޭގައި ޔުރޭނިއަމްގެ މިންވަރު ދަށްކުރުމަށް (ޑައުންބްލެންޑް ކުރުމަށް) އީރާނުން ދެކޮޅު ނުހަދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މެދުއިރުމަތީގެ ހަމަނުޖެހުންތައް އިތުރަށް ގޯސްވެދާނެ ކަމުގެ ބިރު ބޮޑުވެފައިވާ ދަނޑިވަޅެއްގައި، ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯވް އަދި އަރަބި ގައުމުތަކުގެ އިސް ޑިޕްލޮމެޓުން ވަނީ މި ހަފުތާގައި ތެހެރާނަށް ޒިޔާރަތްކުރައްވާފައެވެ. އެހެން ނަމަވެސް، އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ބުދަ ދުވަހު ވިދާޅުވީ ގައުމު އަދިވެސް އޮތީ ހަގީގީ ހަނގުރާމައިގެ ހާލަތެއްގައި ކަމަށާއި ސުލްހައާ ވަރަށް ދުރުގައި ކަމަށެވެ.

އީރާނުގެ ޕާލަމެންޓުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފް ވިދާޅުވީ، ހޮރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށާއި ހަނގުރާމަ ނިންމުމަށް އީރާނުން ހުށަހަޅާފައިވާ ޝަރުތުތަކަށް އެމެރިކާއިން އިޖާބަދޭންޖެހޭ ކަމަށެވެ. މީގެ ތެރޭގައި ދެކުނު ބަނދަރުތަކަށް އަޅާފައިވާ ކަނޑުގެ ބްލޮކޭޑް އުވާލުމާއި، ތެލުގެ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދިނުމާއި، ފްރީޒްކޮށްފައިވާ ފައިސާތައް ދޫކޮށްލުން ހިމެނެއެވެ.

އަނެއްކޮޅުން އެމެރިކާއިން ދަނީ އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމަށް ތައްޔާރުވަމުންނެވެ. އެގޮތުން ޔޫއެސްއެސް ތިއޮޑޯ ރޫޒަވެލްޓް އެއާކްރާފްޓް ކެރިއާ ސްޓްރައިކް ގްރޫޕާއި މެރިން ފައުޖުތައް މެދުއިރުމައްޗަށް ފޮނުވަމުންދާ ކަމަށް އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓްކޮށްފައިވެއެވެ. އަންނަ ނޮވެމްބަރު މަހު ބާއްވާ އެމެރިކާގެ މިޑްޓާމް އިންތިޚާބަށް ފަހު، އީރާނުގެ ފަރުބަދަތަކުގެ ތެރޭގައި ހުރި ނިއުކްލިއާ މަރުކަޒުތަކަށް ވަރުގަދަ ބޮން އެޅުމާއި، އިސް އޮފިޝަލުން އަވަހާރަކޮށްލުން ފަދަ އޮޕަރޭޝަންތައް ހިންގުމުގެ އިޚްތިޔާރުތައް ރައީސް ޑޮނަލްޑް ޓްރަމްޕަށް ލިބޭނެ ކަމަށް ބެލެވެއެވެ.

ޔޫރަޕިއަން ކައުންސިލް އޮން ފޮރިން ރިލޭޝަންސްގެ މެދުއިރުމައްޗާއި އުތުރު އެފްރިކާ ޕްރޮގްރާމްގެ ޑެޕިއުޓީ ހެޑް އެލީ ގެރަންމާޔޭ އަލްޖަޒީރާއަށް ވިދާޅުވީ، ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދޭނެ ކަމުގެ ސާފު ޔަގީންކަމެއް ނެތި އީރާނުން އެންރިޗްކޮށްފައިވާ ޔުރޭނިއަމް ދޫކޮށްނުލާނެ ކަމަށެވެ. އަދި މި ދަނޑިވަޅުގައި އެފަދަ މަޝްވަރާތަކަކާ ދެ ގައުމު ވެސް ވަރަށް ދުރުގައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، އިތުރު ހަމަލާތަކެއް ދީފިނަމަ އެއްވެސް ހިފެހެއްޓުމެއް ނެތި ރައްދުދޭނެ ކަމަށް އީރާނުގެ ސަލާމަތީ އޮފިޝަލުން ވަނީ އިންޒާރުދީފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450