ދުނިޔެ
ސަޢޫދީގެ ކިންގް ފަހުދު އެއާޕޯޓަށް ދިން ހަމަލާއެއްގައި ދެ މީހަކު މަރުވެ އަށް މީހުން ޒަޚަމްވެއްޖެ
ސަޢުދީ ކިންގް ފަހުދު އެއާޕޯޓް.
ސަޢޫދީ ޢަރަބިއްޔާގެ އިރުމަތީ ސަރަޙައްދުގެ ދައްމާމުގައި ހުންނަ ކިންގް ފަހުދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ބުދަދުވަހު ދިން ނުރައްކާތެރި ހަމަލާއެއްގައި ދެ މީހަކު މަރުވެ، އިތުރު އަށް މީހަކު ޒަޚަމްވެފައިވާ ކަމަށް އެ ޤައުމުގެ ޖެނެރަލް އޮތޯރިޓީ އޮފް ސިވިލް އޭވިއޭޝަން (ގާކާ) އިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ހާމަކޮށްފިއެވެ.
މި ހަމަލާގައި މަރުވެފައިވަނީ ސަޢޫދީ ރައްޔިތަކާއި އިންޑިއާގެ ރައްޔިތެއް ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ.
މި ހަމަލާ ހިނގި ދުވަހުގެ ކުރީކޮޅު ސަޢޫދީ ޢަރަބިއްޔާގެ ޤައުމީ ތެޔޮ ކުންފުނި އަރާމްކޯގެ ޝައިބާ ތެޔޮވަޅަށް އަމާޒުކޮށް ފޮނުވާލި ޑްރޯނެއް ސަޢޫދީގެ ދިފާޢީ ބާރުތަކުން ވަނީ ކާމިޔާބުކަމާއެކު ވައްޓާލާފައެވެ. އެ ހާދިސާގައި ވެސް ދެ މީހަކު ވަނީ މަރުވެފައެވެ. ސަޢޫދީ ދިފާޢީ ބާރުތަކުން ދަނީ ޤައުމުގެ މުހިންމު ވަސީލަތްތަކާއި ޢާންމު ރައްޔިތުން ރައްކާތެރިކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ.
ޔަމަނުގެ ޙޫޘީ ހަނގުރާމަވެރިން ސަޢޫދީގެ އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުކުރަމުން ދާއިރު، މީގެ ކުރިންވެސް ރިޔާޟުގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން ހަމަލާތަކެއް ވަނީ ރިޕޯޓްކޮށްފައެވެ. ސަރަޙައްދީ ހަމަޖެހުމާއި ޞުލްޙަ ޤާއިމުކުރުމަށް ސަޢޫދީ ސަރުކާރުން އިސްނަގައިގެން ކުރަމުންދާ މަސައްކަތްތަކާއެކުވެސް، ޙޫޘީންގެ މިފަދަ ހަމަލާތަކާ ދެކޮޅަށް ސަޢޫދީ ސިފައިން ދަނީ ފާރަވެރިކަމާއެކު ޤައުމުގެ ސަލާމަތް ދަމަހައްޓަމުންނެވެ.
މި ހަމަލާތަކާ ގުޅިގެން ސަޢޫދީގައި ތިބި އެމެރިކާގެ ޑިޕްލޮމޭޓުންނާއި އެމީހުންގެ ޢާއިލާތައް އެނބުރި ޤައުމަށް ދިއުމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ އަންގާފައެވެ. އަދި ރިޔާޟުގައި ހުންނަ އެމެރިކާ އެމްބަސީން ވަނީ ސަލާމަތީ އިންޒާރެއްވެސް ނެރެފައެވެ.