ދުނިޔެ
ޔަހޫދީ ވަޒަންވެރިން ފަލަސްތީނު މީހުންގެ ޒައިތޫނިތައް ފޭރިގަނެ، ހަމަލާތައް އިތުރުކޮށްފި
އިސްރާއިލްގެ ވަޒަންވެރިން ތަކެއް ޒައިތޫނި ދަނޑަކަށް ހަމަލާދެނީ.
އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި މި އަހަރުގެ ޒައިތޫނި ކެނޑުމުގެ މޫސުމާ ދިމާކޮށް ޔަހޫދީ ވަޒަންވެރިން ފަލަސްތީނުގެ ދަނޑުވެރިންނަށް ދޭ އަނިޔާވެރި ހަމަލާތައް އިތުރުވެ، ޒައިތޫނި ފޭރުމުގެ އަމަލުތައް އިންތިހާއަށް އިތުރުވެފައިވާ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުންނާއި އދ. އިން ހާމަކޮށްފިއެވެ.
އިސްރާއީލުގެ އިންސާނީ ހައްގުތަކާ ބެހޭ ޖަމާއަތެއް ކަމަށްވާ "ޔެޝް ދިން" އިން ބުނި ގޮތުގައި، ޒައިތޫނި ކެނޑުމުގެ މޫސުން ފެށުނު ފަހުން ވޭތުވެދިޔަ 24 ދުވަހުގެ ތެރޭގައި އެކަނިވެސް ފަލަސްތީނުގެ ދަނޑުވެރިންނަށް ޖިސްމާނީ ގޮތުން ހަމަލާދިނުމުގެ 125 ހާދިސާއަކާއި، ދަނޑުބިންތަކުން ގޮވާން ވަގަށް ނެގުމުގެ 168 މައްސަލައެއް ވަނީ ރެކޯޑުކުރެވިފައެވެ. އަދި މިފަދަ ހާދިސާތަކުގެ ހަތަރުބައިކުޅަ އެއްބައި ހާލަތްތަކުގައި އިސްރާއީލުގެ އަސްކަރިއްޔާ އެ ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުން ދިޔަ ކަމަށްވެސް އެ ޖަމާއަތުން ފާހަގަކުރެއެވެ.
ހުޅަނގު އައްސޭރީގެ ލުއްބާން އަލް-ޣަރްބީ އަވަށުގެ އުމުރުން 50 އަހަރުގެ އަހްމަދު ސާލިމް ރޮއިފައި ކިޔައިދިން ގޮތުގައި، ޔަހޫދީ ވަޒަންވެރިން އޭނާގެ ޒައިތޫނި ގަސްތަކުގައި ދަނޑިބުރިތަކުން ތަޅައި، ގަހުން ބޭލި ހުރިހާ ޒައިތޫންޏެއް ގޯނިތަކަށް އަޅައިގެން ކައިރީގައި ހުރި ޔަހޫދީ އައުޓްޕޯސްޓަކަށް ވަނީ ގެންގޮސްފައެވެ. އަދި ހުރަސްއަޅައިފިނަމަ ހަމަލާދީފާނެ ކަމުގެ ބިރު އޮތުމުން އޭނާއަށް އެއްވެސް ކަމެއް ނުކުރެވުނު ކަމަށް އޭނާ ބުންޏެވެ.
މިގޮތަށް ފޭރިގަންނަ ޒައިތޫނިތައް ވަޒަންވެރިން ގެންދަނީ އެ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް ހަދާފައިވާ އައުޓްޕޯސްޓްތަކުގައި ހުންނަ ތެޔޮ ހާނާ މޯޓަރުތަކަށެވެ. އެގޮތުން ލުއްބާން އަލް-ޣަރްބީ އަވަށުގެ ބިންތައް ފޭރިގަނެގެން ހަދާފައިވާ "އަވިޗައި ފާމް" އައުޓްޕޯސްޓުން ވަނީ، ފަލަސްތީނު މީހުންގެ ބިންތަކުން ޒައިތޫނި ބާލައިގެން ގެނައުމަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ވަޒަންވެރިންނަށް ގޮވާލާފައެވެ. އެތަނުން އުފައްދާ ޒައިތޫނި ތެލުގެ ފުޅިއެއް ގާތްގަނޑަކަށް 20 އެމެރިކާ ޑޮލަރަށް ވިއްކަމުންދާއިރު، އެ ފަރާތްތަކަށް އިސްރާއީލު ސަރުކާރުގެ ބޮޑު މާލީ އެހީތެރިކަމެއް ލިބޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ފަލަސްތީނުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި މި އަހަރުގެ މި މޫސުމުގައި ވަޒަންވެރިން ދިން ހަމަލާތަކުގައި ފަލަސްތީނުގެ ތިން މީހަކު ވަނީ ޝަހީދުވެފައެވެ. އަދި ބައެއް ނޫސްވެރިންނާއި، ޔޫރަޕުގެ ޑިޕްލޮމޭޓުންނާއި، ފްރާންސްގެ މޭޔަރަކަށްވެސް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.
"މި އަހަރު އެމީހުން ވައްކަން ކުރަނީ އެއްވެސް ބިރެއް ނެތި. ސަބަބަކީ އެމީހުންގެ ފަހަތުގައި ދައުލަތާއި ބާރުގަދަ ސިފައިން ތިބުމުން،" ބެއިތާ އަވަށުގެ ދަނޑުވެރިއެއް ކަމަށްވާ ސާމިރު ބިން ޝަމްސީ ބުންޏެވެ. އޭނާ އިތުރަށް ބުނީ، "ޒައިތޫންޏަށްޓަކައި އަހަރެމެން އަގު ދައްކަނީ ލެއިން،" ކަމަށެވެ.
އދ. އާއި ދުނިޔޭގެ ގިނަ ގައުމުތަކުން ހުޅަނގު އައްސޭރީގައި ހަދާފައިވާ ޔަހޫދީ އާބާދީތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު ތަންތަން ކަމަށް ކަނޑައަޅާފައިވީ ނަމަވެސް، އިސްރާއީލުން އެކަން ބަލައިގަންނަން ދެކޮޅު ހަދައެވެ. "ޔެޝް ދިން" ގެ އެގްޒެކެޓިވް ޑިރެކްޓަރު ޒިވް ސްޓާލް ވިދާޅުވި ގޮތުގައި މި ހަމަލާތަކަކީ ފަލަސްތީނު މީހުން އެ ބިމުން ނައްތާލައި، ހުޅަނގު އައްސޭރި އިސްރާއީލުގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމަށް ހިންގާ ނަސްލު ނައްތާލުމުގެ ކެމްޕޭނެއްގެ ބައެކެވެ.