ކުޅިވަރު

ވޯލްޑް ކަޕްގައި ވާދަކުރާ ޒުވާން ފުޓުބޯޅަ ޓީމު ފުރައިފި

ވޯލްޑް ކަޕްގައި ވާދަކުރާ ޒުވާން ފުޓުބޯޅަ ޓީމު ފުރައިފި

ރާއްޖޭގެ ޒުވާން ފުޓުބޯޅަ ޓީމު މާލެއިން ފުރުމަށް ތައްޔާރުވެފައި / ފޮޓޯ: އެފްއޭއެމް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

22 އޮކްޓޯބަރު 2026، 08:02

22 އޮކްޓޯބަރު 2026، 08:02

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއިން އިންތިޒާމުކޮށްގެން ބާއްވާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕް މުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ ޒުވާން ގައުމީ ފުޓުބޯޅަ ޓީމު މިއަދު އަޒަރުބައިޖާނަށް ފުރައިފިއެވެ.

މިއީ ރާއްޖޭގެ ފުޓުބޯޅައިގެ ތާރީޚުގައި ވެސް ޑިވެލޮޕްމެންޓް ސްޓޭޖުގައި ދުނިޔޭގެ ފެންވަރުގެ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ވާދަކޮށްލަން ރާއްޖޭގެ ޒުވާން ޓީމަކަށް މިފަދަ ފުރުސަތެއް ލިބުނު ފުރަތަމަ ފަހަރެވެ. މި ތާރީޚީ މުބާރާތާ ރާއްޖޭގެ ޒުވާން ޓީމު ކުރިމަތިލަނީ ތަޖުރިބާކާރު ކޯޗު އަހުމަދު ޝާކިރު، ޝާކިއްޓޭގެ އިރުޝާދުގެ ދަށުންނެވެ.

މި މުބާރާތުގައި ރާއްޖެ ހިމެނޭ ގްރޫޕަކީ ވަރަށް ވަރުގަދަ ގްރޫޕެކެވެ. ރާއްޖެއާއެކު މި ގްރޫޕްގައި ދެން ހިމެނެނީ ދުނިޔޭގެ ފުޓުބޯޅަ ރޭންކިންގެ ތިންވަނައިގައި މިވަގުތު އޮތް ފްރާންސާއި، 2010 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ބޭއްވި ސައުތު އެފްރިކާގެ އިތުރުން އެސްޓޯނިއާ، ކޮސޯވޯ އަދި އަންގީލާއެވެ.

މި މުބާރާތުގައި ރާއްޖެއިން ކުޅޭ ފުރަތަމަ މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހު ސައުތު އެފްރިކާއާ ދެކޮޅަށެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ރާއްޖެ ގަޑިން ހެނދުނު 8 ޖަހާއިރުއެވެ.

މިދިޔަ ޑިސެމްބަރު މަހު ބޭއްވި ފީފާ ކައުންސިލްގެ ބައްދަލުވުމުގައި ބާއްވަން ފާސްކުރި 15 އަހަރުން ދަށުގެ މި މުބާރާތަކީ ފީފާގެ މެމްބަރު ހުރިހާ ގައުމަކަށް ފުރުސަތު ލިބޭގޮތަށް ކުރިއަށްގެންދާ މުބާރާތެކެވެ. ޒުވާން ކުޅުންތެރިން ބިނާކުރުމަށް ބާއްވާ މި ފެސްޓިވަލުގައި ދެ ޖިންސަށް ވަކިން މުބާރާތް ބޭއްވުމަށް ފީފާއިން ވަނީ ނިންމާފައެވެ. އެހެންނަމަވެސް މި އަހަރުގެ މުބާރާތް ކުރިއަށްދާނީ ހަމައެކަނި ފިރިހެން ކުދިންނަށް ޚާއްސަކޮށްގެންނެވެ. އަންހެން ކުދިންގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުއެވެ.

މި މުބާރާތަކީ ރާއްޖޭގެ ޒުވާން ކުޅުންތެރިންނަށް ބައިނަލްއަގުވާމީ މައިދާނުގައި މުހިންމު ތަޖުރިބާތަކެއް ލިބި، ކުރިމަގުގައި ގައުމީ ސީނިއާ ޓީމު ވަރުގަދަކުރުމަށް އެޅޭ ވަރަށް މުހިންމު ބިންގަލެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450