ޚަބަރު
ސެޕްޓެމްބަރު މަހު ކުޑަކުދިންނަށް ކުރާ އަނިޔާގެ 88 މައްސަލައެއް ހުށަހެޅި
ސެޕްޓެމްބަރު މަހު ކުޑަކުދިންނަށް ކުރާ އަނިޔާގެ 88 މައްސަލައެއް
މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 88 މައްސަލައެއް ޞިއްޙަތާއި ޢާއިލާ އާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށް އެ ވުޒާރާއިން ހާމަކޮށްފިއެވެ.
މި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ އަންހެން ކުދިންނާ ގުޅޭ 44 މައްސަލައަކާއި ފިރިހެން ކުދިންނާ ގުޅޭ 44 މައްސަލައެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޖިސްމާނީ އަނިޔާގެ މައްސަލަތަކެވެ. އެގޮތުން ޖިސްމާނީ އަނިޔާގެ 29 މައްސަލައެއް ހުށަހަޅާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 15 ފިރިހެން ކުދިންނާއި 14 އަންހެން ކުދިންނާ ގުޅުންހުރި މައްސަލައެވެ. ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އިހުމާލުވުމުގެ މައްސަލަތަކެވެ. އެއީ ޖުމްލަ 16 މައްސަލައެވެ. އަދި ޖިންސީ ހާނިއްކައިގެ 15 މައްސަލައެއް ހުށަހަޅާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ އަންހެން ކުދިންނާ ގުޅޭ 12 މައްސަލައަކާއި ފިރިހެން ކުދިންނާ ގުޅޭ 3 މައްސަލައެވެ.
މީގެ އިތުރުން، ގެވެށި އަނިޔާގެ ޢަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 14 މައްސަލައަކާއި، ނަފްސާނީ ހާނިއްކައިގެ 8 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ 5 މައްސަލަ، ބިރުދެއްކުން ނުވަތަ ބްލެކްމެއިލް ކުރުމުގެ 1 މައްސަލައިގެ އިތުރުން އެހެނިހެން 2 މައްސަލައެއްވެސް ވަނީ އެ ވުޒާރާއަށް ހުށަހަޅާފައެވެ.
އަޚްލާޤީ މައްސަލަތަކާއި ޙައްޤުތަކާ ގުޅޭ މައްސަލަތައް
ސެޕްޓެމްބަރު މަހު ކުޑަކުދިންގެ އަޚްލާޤީ ކަންކަމާ ގުޅޭ 16 މައްސަލައެއްވެސް ވަނީ ރިޕޯޓުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފިރިހެން ކުދިންގެ 12 މައްސަލައަކާއި އަންހެން ކުދިންގެ 4 މައްސަލައެވެ. މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ރުޅި އިސްކުރުމާއި ރުޅިގަދަވެގެން އުޅުމުގެ މައްސަލަތަކެވެ. އެގޮތުން އެފަދަ 6 މައްސަލައެއް (3 ފިރިހެން ކުދިން އަދި 3 އަންހެން ކުދިން) ރިޕޯޓުކޮށްފައިވެއެވެ. މީގެ އިތުރުން ގެއިން ނިކުމެގެން ދިއުމުގެ 2 މައްސަލައާއި، ސްކޫލަށް ދާން ބޭނުންނުވުމުގެ 1 މައްސަލައިގެ އިތުރުން އެހެނިހެން 7 މައްސަލައެއް ހިމެނެއެވެ.
އަދި ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭ ގޮތުން ސްކޫލަށް ނުފޮނުވުމުގެ 1 މައްސަލަވެސް ސެޕްޓެމްބަރު މަހުގެ ތެރޭގައި ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއަށް ވަނީ ހުށަހަޅާފައެވެ.