ޚަބަރު
ސެޕްޓެމްބަރު މަހު ގެވެށި އަނިޔާ އަދި ޢާއިލީ 70 އަށް ވުރެ ގިނަ މައްސަލަ ރިޕޯޓުކޮށްފި
ސެޕްޓެމްބަރު މަހު ގެވެށި އަނިޔާ އަދި ޢާއިލީ 70 އަށް ވުރެ ގިނަ މައްސަލަ
މި އަހަރުގެ ސެޕްޓެމްބަރު މަހު ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއަށް ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 51 މައްސަލައަކާއި، ޢާއިލީ 21 މައްސަލައެއް ހިމެނޭހެން ޖުމްލަ 72 މައްސަލައެއް ރިޕޯޓުކޮށްފިއެވެ.
ގެވެށި އަދި ޖިންސީ އަނިޔާގެ މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ އަންހެނުންނާ ގުޅުންހުރި މައްސަލަތަކެވެ. އެގޮތުން މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން 41 މައްސަލައެއް އަންހެނުންނާ ގުޅިގެން ރިޕޯޓުކޮށްފައިވާއިރު، ފިރިހެނުންނާ ގުޅޭގޮތުން ރިޕޯޓުކޮށްފައިވަނީ 10 މައްސަލައެވެ. މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ހުށަހެޅިފައިވަނީ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލަތަކެވެ. އެއީ އަންހެނުންނާ ގުޅޭ 20 މައްސަލައަކާއި ފިރިހެނުންނާ ގުޅޭ 6 މައްސަލަ ހިމެނޭހެން ޖުމްލަ 26 މައްސަލައެވެ. ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވާ ނަފްސާނީ އަދި އަނގަބަހުން ކުރެވޭ އަނިޔާގެ 15 މައްސަލައިގެ ތެރޭގައި ހިމެނެނީ އަންހެނުންނާ ގުޅޭ 13 މައްސަލައަކާއި ފިރިހެނުންނާ ގުޅޭ 2 މައްސަލައެވެ.
މީގެ އިތުރުން ޖިންސީ އަދި އެހެނިހެން އަނިޔާތަކާ ގުޅޭ މައްސަލަތައް ވެސް ސެޕްޓެމްބަރު މަހު އެ ވުޒާރާއަށް ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި ގަދަކަމުން ޖިންސީ ގޯނާކުރުމުގެ 1 މައްސަލައާއި، މެރިޓަލް ރޭޕްގެ 1 މައްސަލައާއި، ޖިންސީ ހާނިއްކަ ކުރުމުގެ 2 މައްސަލައިގެ އިތުރުން ބްލެކްމެއިލް ކުރުމުގެ 2 މައްސަލަ ހިމެނެއެވެ. އަދި ސައިބަރ ވަޔަލެންސްގެ 1 މައްސަލައާއި، ޖިންސީ ފުރައްސާރަކުރުމުގެ 1 މައްސަލައާއި، މުދަލަށް ގެއްލުންދިނުމުގެ 1 މައްސަލައިގެ އިތުރުން ނުރުހުމުގައި ނުވަތަ އިޚްތިޔާރާ ދެކޮޅަށް މިނިވަންކަން ހަނިކުރުމުގެ 1 މައްސަލަ ވަނީ ރިޕޯޓުކޮށްފައެވެ.
އާއިލީ މައްސަލަތަކަށް ބަލާއިރު، ރިޕޯޓުކުރެވުނު 21 މައްސަލައިގެ ބޮޑުބައެއް ހިއްސާކުރަނީ ކުދިން ބެލުމުގައި ޖެހޭ މައްސަލަތަކެވެ. އެގޮތުން ކުދިން ބެލުމާ ގުޅޭ 13 މައްސަލައަކާއި، ކުދިންނާ ބައްދަލުކުރުމުގައި ދިމާވާ މައްސަލަތަކުގެ 6 މައްސަލައަކާއި، ހަޟާނާގެ 1 މައްސަލައިގެ އިތުރުން އެހެނިހެން 1 މައްސަލަ ހިމެނެއެވެ. މި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ އަންހެން ކުދިންނާ ގުޅޭ 11 މައްސަލައާއި ފިރިހެން ކުދިންނާ ގުޅޭ 10 މައްސަލައެވެ.