ދުނިޔެ
ހޮރްމުޒް ކަނޑުއޮޅިން 7 ތެޔޮ ޓޭންކަރަކަށް ޙަމަލާދީފިން: އިރާން
ހޮރްމުޒް ކަނޑުއޮޅި. ފޮޓޯ: ރޮއިޓާސް
ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރަމުންދިޔަ 7 ތެޔޮ ޓޭންކަރަކަށް ޙަމަލާދީ ގެއްލުންތަކެއް ދީފައިވާ ކަމަށާއި، އެމެރިކާއިން މައްސަލައިގެ ތެރެއަށް ވަންނަނަމަ މެދުއިރުމަތީގައި ހުރި އެ ޤައުމުގެ އަސްކަރީ މަރުކަޒުތަކަށް ޙަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފިއެވެ. މިއީ އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން އެއް ދުވަހެއްގެ ތެރޭގައި މި ކަނޑުއޮޅިން މިހާ ގިނަ އަދަދެއްގެ އުޅަނދުތަކަކަށް ޙަމަލާ އަމާޒުވި ފުރަތަމަ ފަހަރެވެ.
އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޙަމަލާ އަމާޒުވި އުޅަނދުތަކުގެ ތެރެއިން 4 އުޅަނދަކީ ތެޔޮ ބަދަލުކުރުމުގެ މަސައްކަތުގައި އުޅެނިކޮށް ރޭގަނޑުގެ ވަގުތެއްގައި ޙަމަލާދީ އަލިފާން ރޯކޮށްލި އުޅަނދުތަކެއް ކަމަށެވެ. އަދި ބާކީ 3 އުޅަނދު ހުއްޓުމަކަށް އައީ ކަނޑުއަޑީގައި އަޅާފައިވާ މައިންތަކުގައި ޖެހިގެން ކަމަށްވެސް އެ ޖަމާޢަތުން ބުނެއެވެ. ނަމަވެސް މި ޙަމަލާތަކުގައި އެއްވެސް މީހަކަށް އަނިޔާވިކަން ނުވަތަ އެއީ ކޮން ޤައުމުތަކެއްގެ ދިދަ ނަގާފައިވާ އުޅަނދުތަކެއް ކަމެއް އީރާނުން ހާމަކޮށްފައެއް ނުވެއެވެ.
އައިއާރްޖީސީގެ ރަސްމީ ވެބްސައިޓްގައި ޝާޢިއުކުރި ބަޔާނުގައި ބުނެފައިވަނީ، މި ހާލަތު މިގޮތަށް ކުރިއަށްދާނަމަ، ސަރަޙައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަނގުރާމަ ފުޅާވެގެންދާނެ ކަމަށާއި މިއީ ސީރިއަސް އިންޒާރެއް ކަމަށެވެ. ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި ބޭރުކުރާ މި މުހިންމު ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އޮތީ އެ ޤައުމަށް ކަމަށް އީރާނުން ދަޢުވާކުރާއިރު، އީރާނުގެ ހުއްދައާ ނުލައި ދަތުރުކުރާ އުޅަނދުތަކަށް އެ ޤައުމުން ދަނީ ޙަމަލާ ދެމުންނެވެ.
އީރާނުގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނީ، އީރާނުން މަސައްކަތް ކުރަމުންދަނީ އެމެރިކާގެ މިޑްޓާމް އިންތިޚާބުގެ ކުރިން ތެލުގެ އަގު އުފުލުމަށް ކަމަށެވެ. ޓްރޫތު ސޯޝަލްގައި ޙިއްޞާކުރެއްވި މެސެޖެއްގައި ޓްރަމްޕް ބުނީ އީރާނުން ހަދަނީ ދޮގު ކަމަށާއި، ހަނގުރާމަ ފެށުމުގެ ކުރިއަށްވުރެ ގިނައިން މިހާރުވެސް ހޮރްމުޒް ކަނޑުއޮޅިން ތެޔޮ ބޭރުކުރަމުންދާ ކަމަށެވެ. މީގެއިތުރުން އެމެރިކާގެ ސެންޓްރަލް ކޮމާންޑުންވެސް ވަނީ މައިން އަޅާފައިވާ ކަމަށް ބުނާ ވާހަކަ ދޮގުކޮށް، ކަނޑުއޮޅީގެ 95 އިންސައްތަ އުޅަނދުތައް ރައްކާތެރިކަމާއެކު ދަތުރުކުރަމުންދާ ކަމަށް ބުނެފައެވެ.
މި ހަނގުރާމައާ ގުޅިގެން ތެލުގެ އަގު ބޮޑުވަމުންދާތީ، އެމެރިކާގެ ޢާންމު ރައްޔިތުންނާއި ރިޕަބްލިކަން ޕާޓީގެ އެތެރޭންވެސް ސަރުކާރަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިވަމުންދާ ކަމަށް ޚަބަރުތައް ބުނެއެވެ. ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި، ގިނަ ރައްޔިތުން އެދެނީ ހަނގުރާމައަށް ޓެކްސް ފައިސާ ޚަރަދުކުރުން ހުއްޓާލައި، އިންފްލޭޝަނާއި ތެލުގެ އަގު ކޮންޓްރޯލް ކުރުމަށެވެ.