ދުނިޔެ
ޝަމޮންޑާ ވައިރަސްގެ ފުރަތަމަ ކޭސް: އެނގުނީ ބަލިމީހާ މަރުވި ފަހުން
ޝަމޮންޑާ ވައިރަސް ފެނިފައިވަނީ ހޮސްޕިސަސް ސިވިލްސް ޑި ލިޔޯންއިން ފަރުވާދިން ބަލިމީހެއްގެ ގައިން---
އިންސާނެއްގެ ހަށިގަނޑުން ފުރަތަމަ ފަހަރަށް "ޝަމޮންޑާ ވައިރަސް" ފެނިފައިވާކަމަށް ފްރާންސުގެ ސިއްޙީ އިދާރާއިން ރިޕޯޓްކޮށްފިއެވެ. މިކަން ހާމަވެފައިވަނީ އެ ވައިރަސް ޖެހުނު ބަލިމީހާ މިދިޔަ އޮކްޓޫބަރު މަހުގެ ކުރީކޮޅު މަރުވި ފަހުންނެވެ.
ފްރާންސްގެ ހެލްތު މިނިސްޓްރީން ބުރާސްފަތި ދުވަހު ބުނެފައިވަނީ، މި ވައިރަސް ފެނިފައިވަނީ އެ ގައުމުގެ ތިންވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ލިޔޯންގެ ހޮސްޕިޓަލެއް ކަމަށްވާ "ހޮސްޕިސަސް ސިވިލްސް ޑި ލިޔޯން" ގައި ސީރިއަސް ބައްޔަކަށް ފަރުވާ ހޯދަމުންދިޔަ، އަދި ދިފާއީ ނިޒާމު އިންތިހާއަށް ދަށްވެފައިވާ ބަލިމީހެއްގެ ގައިން ކަމަށެވެ.
މި ބަލިމީހާ މަރުވެފައިވަނީ އޮކްޓޫބަރު މަހުގެ ކުރީކޮޅު ކަމަށާއި، މި ކަމާ ގުޅިގެން ކްލިނިކަލް، ބަޔޮލޮޖިކަލް އަދި އެޕިޑެމިއޮލޮޖިކަލް ތަހުލީލުތައް އަދިވެސް ކުރިއަށްދާ ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.
ފްރާންސްގެ ހެލްތު މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ، ޝަމޮންޑާ ވައިރަހަކީ މީގެ ކުރިން އިންސާނުންގެ ގަޔަށް އަރާ ވައިރަހެއްގެ ގޮތުގައި ބެލެވިފައިވާ އެއްޗެއް ނޫން ކަމަށެވެ. އެހެންކަމުން މިއީ ތާރީޚުގައި ވެސް އިންސާނެއްގެ ގައިން މި ވައިރަސް ފެނި ރިކޯޑުކުރެވުނު ފުރަތަމަ ފަހަރެވެ. އެފްރިކާ އަދި އޭޝިއާ ބައްރުގައި މި ވައިރަސް ޖަނަވާރުންގެ މެދުގައި ފެތުރެމުންދާތާ އެތައް އަހަރެއް ވެފައިވީ ނަމަވެސް، މީގެ ކުރިން ދުވަހަކުވެސް އިންސާނެއްގެ ގައިން މި ބަލި ފެނިފައެއް ނުވެއެވެ.
އެހެންކަމުން، މިއީ ދިފާއީ ނިޒާމު ވަރަށް ބޮޑަށް ދަށްވެފައިވާ ބަލިމީހަކަށް ކުރިމަތިވި ވަރަށް ޚާއްސަ އަދި ނާދިރު ހާލަތެއް ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި މިކަމުގެ ސަބަބުން އާންމު ރައްޔިތުންގެ ސިއްހަތަށް އެއްވެސް ނުރައްކަލެއް ނެތް ކަމުގެ ޔަގީންކަން ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.
މިނިސްޓްރީން އިތުރަށް ހާމަކުރި ގޮތުގައި، ޔޫރަޕްގެ ގައުމުތަކާއި ފްރާންސްގެ ގެރި ފާމުތަކުން މި ވައިރަސް އެންމެ ފުރަތަމަ ފެނިފައިވަނީ މި އަހަރުގެ ހޫނުމޫސުމުގައެވެ. މި ވައިރަސް އެންމެ ބޮޑަށް އަށަގަންނަ ޖަނަވާރަކީ ގެރިއެވެ.
ތަހުގީގުތަކުން މިހާތަނަށް ލަފާކުރެވޭ ގޮތުގައި، ބަލިމީހާގެ ގަޔަށް މި ވައިރަސް އަރާފައިވަނީ ފްރާންސްގެ އިރުމަތީ ސަރަހައްދުގައި އުޅޭ ކުދި މެއްސެއް ފަދަ ސޫތްޕެއް ދަތްއެޅުމުގެ ސަބަބުންނެވެ. އެ ސަރަހައްދަކީ މި އަހަރުގެ ބަހާރު މޫސުމާއި ހޫނު މޫސުމުގައި ޖަނަވާރުންގެ މެދުގައި މި ވައިރަސް ފެތުރިފައިވާ ސަރަހައްދެކެވެ.