ޚަބަރު
އައްޑޫ އެއާޕޯޓުގައި މޫސުމީ އައު ރާޑަރާއި މެޓް އޮފީސް ޤާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށަނީ
އައްޑޫ އެއާޕޯޓުގައި ޤާއިމުކުރާ މެޓް އޮފީސް.. ޕޮޓޯ: ވުޒާރާ
އައްޑޫ ސިޓީގެ ގަން އިންޓަރނޭޝަނަލް އެއާޕޯޓުގައި މޫސުމާ ބެހޭ އައު އޮފީހަކާއި، އެންމެ ޒަމާނީ އެސް-ބޭންޑް ޑޮޕްލަރ ވެދަރ ރާޑަރެއް ބެހެއްޓުމަށްޓަކައި ވާންޖެހޭ ތައްޔާރީތަކުގެ ތެރެއިން ބިން ސާފުކުރުމާއި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ އިމާރާތް އެޅުމަށް ހަމަޖެހިފައިވާ ބިން އެއްކޮށް ސާފުކުރުމުގެ މަސައްކަތާއި، އެ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ސީސީޓީވީ ސެކިއުރިޓީ ކެމެރާތައް ހަރުކުރުމުގެ މަސައްކަތެވެ. މި މަސައްކަތްތައް ނިމުމާއެކު، އައު މެޓް އޮފީހާއި ޒަމާނީ ރާޑަރު ބެހެއްޓުމުގެ މައިގަނޑު ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
Land clearance and CCTV security camera installation work underway to start construction of New Met Office and brand New S-Band Doppler Weather Radar in Addu international Airport. @MetMaldives https://t.co/I84HxxisYN
— Min. of Climate Change, Environment and Energy, MV (@MoEnvmv) October 22, 2026
އައްޑޫ އެއާޕޯޓުގައި އަލަށް ޤާއިމުކުރާ އެސް-ބޭންޑް ޑޮޕްލަރ ވެދަރ ރާޑަރަކީ ރާއްޖޭގެ ދެކުނުގެ މޫސުން ކުރިއަށްވުރެ މާ ބޮޑަށް ދެނެގަތުމަށާއި، ވިއްސާރައާއި ކޮޅިގަނޑުތައް އަންނަ މިސްރާބު ދުރާލައި ދެނެގަނެ ރައްޔިތުންނަށް އިންޒާރު ފޯރުކޮށްދިނުމުގެ ޤާބިލުކަން އިތުރުވެގެންދާނެ ޒަމާނީ ވަސީލަތެކެވެ. މީގެ އިތުރުން ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރުކުރުމަށްޓަކައި ވެސް މި ރާޑަރު މުހިންމު ދައުރެއް އަދާކުރާނެއެވެ.

މި މަޝްރޫޢު ނިމި ޚިދުމަތް ދޭން ފެށުމުން، މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) ގެ ޚިދުމަތްތައް ލާމަރުކަޒީކޮށް، ދެކުނުގެ ސަރަޙައްދުގައި މޫސުމީ މަޢުލޫމާތު އެއްކުރުމުގެ ނިޒާމު އިތުރަށް ވަރުގަދަވެގެންދާނެއެވެ.