ޚަބަރު
ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން ބޮޑު ހަރަކާތެއް ބޭއްވުމަށް އެޗްޑީސީން މަޝްވަރާކޮށްފި
މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން އެޗްޑީސީއާއެކު ބޭއްވެވި ބައްދަލުކުރެއްވުން--
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުގެ ދަށުން މުޅި ރާއްޖޭގައި ކުރިއަށްގެންދާ ފަސް މިލިއަން ގަސް އިންދުމުގެ ޤައުމީ މަޝްރޫޢުގެ ތެރެއިން، ހުޅުމާލޭގައި ގަސް އިންދުމުގެ ބޮޑު ހަރަކާތެއް ކުރިއަށްގެންދިއުމަށް ޓަކައި މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.
މިކަމާ ގުޅޭގޮތުން ބޭއްވުނު މަޝްވަރާ ބައްދަލުވުމުގައި، މި ހަރަކާތް ހުޅުމާލޭގައި އިންތިޒާމުކޮށް ކުރިއަށްގެންދާނެ ގޮތްތަކާއި، ގަސް އިންދުމަށް އެންމެ އެކަށޭނަ ސަރަޙައްދުތައް ކަނޑައެޅުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ ޚިޔާލު ބަދަލުކުރެވިފައި ކަމަށާއި، މި ޙަރަކާތުގައި ވީހާވެސް ގިނަ ރައްޔިތުންނާއި، ޖަމްޢިއްޔާ ޖަމާޢަތްތައް ބައިވެރިކުރުމަށް ވެސް ވަނީ މަޝްވަރާކުރެވިފައި ކަމަށް ތިމާވެށްޓާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (@hdcmaldives ) އާ ގުޅިގެން ހުޅުމާލޭގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ގަސް އިންދުމުގެ ބޮޑު ހަރަކާތާ ގުޅޭގޮތުން ބޭއްވުނު މަޝްވަރާ ބައްދަލުވުމުގެ ތެރެއިން. https://t.co/V6sCQ0noio
— Min. of Climate Change, Environment and Energy, MV (@MoEnvmv) October 22, 2026
ފަސް މިލިއަން ގަސް އިންދުމުގެ މި މަޝްރޫޢަކީ ރާއްޖޭގެ ތިމާވެށި ޙިމާޔަތްކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކުން ދިމާވާ ގެއްލުންތައް ކުޑަކުރުމަށްޓަކައި ސަރުކާރުން އިސްނަންގަވައިގެން ފަށްޓަވާފައިވާ މުހިންމު މަޝްރޫޢެކެވެ. މިގޮތުން ހުޅުމާލެއަކީ ފެހިކަން ގަދަ، ހިތްފަސޭހަ އަދި ދިރިއުޅެން ފަހި ތަނަކަށް ހެދުމަށްޓަކައި އެޗްޑީސީން އަބަދުވެސް ޚާއްޞަ އިސްކަމެއް ދީގެން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
މި ބައްދަލުވުމާ ގުޅޭގޮތުން އެޗްޑީސީން ހާމަކޮށްފައިވާ ގޮތުގައި، މި މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި ގަސް އިންދުމުގެ މި ބޮޑު ހަރަކާތް ވަރަށް އަވަހަށް ފެށިގެންދާނެއެވެ. އަދި މި ހަރަކާތުގެ ސަބަބުން ހުޅުމާލޭގެ ތިމާވެށި އިތުރަށް ފެހިވެ، ޤައުމީ ފެންވަރުގައި ކުރިއަށްދާ ފަސް މިލިއަން ގަސް އިންދުމުގެ ލަނޑުދަނޑި ޙާޞިލުކުރުމަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.