ދުނިޔެ

ޓައިފޫން ޗަމްޕީއާ ގުޅިގެން ޓައިވާނުން އެކަކު މަރުވެ، 500 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެ

ޓައިފޫން ޗަމްޕީއާ ގުޅިގެން ޓައިވާނުން އެކަކު މަރުވެ، 500 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެ

ޓައިވާނަށް ޓައިފޫން ޗަމްޕީގެ އަސަރުކުރަނީ. ފޮޓޯ: ރޮއިޓަރސް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

24 އޮކްޓޯބަރު 2026، 10:56

24 އޮކްޓޯބަރު 2026، 10:56

ބާރުގަދަ ތޫފާން "ޗަމްޕީ"އާ ގުޅިގެން ޓައިވާނުން އެކަކު މަރުވެ، 527 މީހުން ޒަޚަމްވެއްޖެއެވެ. މި ތޫފާނާ ގުޅިގެން ބައެއް ސަރަހައްދުތަކުގައި ގަސްތަކާއި ކަރަންޓު ދަނޑިތައް ވެއްޓި ޚިދުމަތްތަކަށް ބުރޫއަރާފައިވާއިރު، ތޫފާނުގެ ބާރުމިން މިހާރު ދަށަށް ގޮސް ދަތުރުކުރަމުން ދަނީ އުތުރަށް ޗައިނާގެ އައްސޭރިފަށާ ދިމާއަށެވެ.

ޓައިވާނުގެ ސެންޓްރަލް ވެދަރ އެޑްމިނިސްޓްރޭޝަން (ސީ.ޑަބްލިއު.އޭ) އިން ހާމަކުރި ގޮތުގައި، މި އަހަރު ޕެސިފިކް ކަނޑުގައި އުފެދުނު އެންމެ ބާރުގަދަ އެއް ސުޕަ ޓައިފޫނުގެ ގޮތުގައި ބެލެވުނު މި ތޫފާންގެ ބާރު ދަނީ މަޑުވަމުންނެވެ. އެހެންނަމަވެސް ތޫފާނުގެ މެދުތެރޭގައި ގަޑިއަކު ގާތްގަނޑަކަށް 126 ކިލޯމީޓަރުގެ ބާރުމިނުގައި އަދިވެސް ވައިޖެހެމުންދެއެވެ. ހޮނިހިރު ދުވަހުގެ ހެނދުނު ޔިލާން ކައުންޓީއާ ކައިރިން ލާފައި ދަތުރުކުރުމަށްފަހު، މި ތޫފާން މިހާރު އޮތީ ޓައިވާނުގެ އިރުއުތުރުން ގާތްގަނޑަކަށް 170 ކިލޯމީޓަރު ދުރުގައެވެ. ތޫފާނުގެ ލަފާކުރެވޭ މަގު ދައްކާ ގޮތުގައި، ތޫފާން ޗައިނާގެ އައްސޭރިފަށުން މައްޗަށް ދަތުރުކޮށް އެންމެ ފަހުން ވަންނާނީ ޖަޕާނުގެ ދެކުނު ސަރަހައްދަށެވެ.

ޓައިވާނުގެ ފަޔަރ ޑިޕާޓްމަންޓުން ބުނީ، މަރުވި ހަމައެކަނި މީހަކީ ލިއުކިއު ރަށުގެ އައްސޭރިން ބިޔަ ރާޅަކާއެކު ދަމައިގަތް ފިރިހެނެއް ކަމަށެވެ. މީގެއިތުރުން ޓައިޕަވަރުން ބުނި ގޮތުގައި 288،000 އަށް ވުރެ ގިނަ ގޭބިސީން ކަރަންޓު ކެނޑުނު ނަމަވެސް މިހާރު ވަނީ ގިނަ ތަންތަނަށް އަލުން ކަރަންޓު ދީފައެވެ. ދަތުރުފަތުރަށް ބަލާއިރު 259 ފްލައިޓް ކެންސަލްކޮށްފައިވާއިރު، މިއީ ހުކުރު ދުވަހު ކެންސަލްވި ގާތްގަނޑަކަށް 1،000 ފްލައިޓާ އަޅާބަލާއިރު ދަށް އަދަދެކެވެ. ވެރިރަށް ޓައިޕޭއަށް ވެސް ދޭތެރެ ދޭތެރެއިން ވިލާގަނޑާއެކު ބޯކޮށް ވާރޭވެހި ބައެއް ގަސްތައް ވެއްޓިފައިވެއެވެ.

ތޫފާން ކައިރިވަމުން އަންނާތީ، ޗައިނާގެ އިމަޖެންސީ މެނޭޖްމަންޓް މިނިސްޓްރީން ވަނީ އިރުމަތީ ޒެޖިއަންގް ޕްރޮވިންސަށް ހާއްސަ ޓީމެއް ފޮނުވައި، އާދީއްތަ ދުވަހުގެ ނިޔަލަށް ބާރުގަދަ ވަޔާއި ބޯ ވާރޭގެ އިންޒާރު ނެރެފައެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި ސަލާމަތްކުރާ 400 މުވައްޒަފުންނާއި 600 ވަސީލަތް ވަނީ ތައްޔާރީ ހާލަތަށް ގެނެސްފައެވެ. އަދި 41،000 އަށް ވުރެ ގިނަ ފަޔަރފައިޓަރުން ތިބީ ކުއްލި ހާލަތުގެ ޑިއުޓީގައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450