Ads by Farudhun

ޚަބަރު

އިންވެސްޓްމަންޓްތައް ފުޅާކުރުމުގައި ވޭތުވެދިޔަ ދެ އަހަރު ބޮޑު ކުރިއެރުމެއް ހޯދައިފި: ވަޒީރު ސަޢީދު

އިންވެސްޓްމަންޓްތައް ފުޅާކުރުމުގައި ވޭތުވެދިޔަ ދެ އަހަރު ބޮޑު ކުރިއެރުމެއް ހޯދައިފި: ވަޒީރު ސަޢީދު

"މޯލްޑިވްސް އެކްސްޕޯ 2026" ގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ރައީސްއާއި އެކު ވަޒީރު ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ރައީސް އޮފީސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

24 އޮކްޓޯބަރު 2026، 10:04

24 އޮކްޓޯބަރު 2026، 10:04

ރާއްޖޭގެ އެންމެ ބޮޑެތި ވިޔަފާރިތަކުން ފެށިގެން އާދައިގެ ކުދި ވިޔަފާރިތަކަށް ވެސް ފައިދާވާނޭހެން، ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއަށް އިންވެސްޓްމަންޓްތައް ހޯދުމުގެ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ހާސިލުކުރެވިފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި "މޯލްޑިވްސް އެކްސްޕޯ 2026" ގެ ނިންމުމާއި އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ހާލަތު އޮތީ ގޮންޖެހުންތަކެއްގެ ތެރޭގައި ކަމަށެވެ. އެހެންނަމަވެސް، ޤައުމުގެ އިޤްތިޞާދު އައު އުސްމިންތަކަކަށް ގެންދެވުމަށް އެމަނިކުފާނު އެކުލަވައިލެއްވި ހަރުދަނާ ޕްލޭނާ އެއްގޮތަށް ކުރެއްވި މަސައްކަތްޕުޅުތަކުގެ ސަބަބުން، ދިވެހިންނަށް ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ވިޔަފާރީގެ ގިނަ ފުރުސަތުތަކެއް ފަހިވެގެން ގޮސްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖޭގެ އިޤްތިޞާދުގެ މައިބަދައަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކެވެ. އަދި ސަރުކާރުގެ އަމާޒަކީ 2030 ވަނަ އަހަރު އަންނަންވާއިރަށް، ޤައުމީ އުފެއްދުންތެރިކަން (ޖީޑީޕީ) ގެ 15 އިންސައްތައަކީ އުފެއްދުންތެރި އިޤްތިޞާދު ނުވަތަ 'ކްރިއޭޓިވް އިންޑަސްޓްރީ' ކަމުގައި ހެދުމެވެ. އެގޮތުން އިޤްތިޞާދުގެ މައި ތަނބުތަކުގެ ވަށައިގެން އިތުރު ދާއިރާތައް ބިނާކޮށް، ވިޒިޓަރ އިކޮނޮމީއަކީ އެންމެ ބޮޑެތި ވިޔަފާރިތަކުން ފެށިގެން އާދައިގެ ވިޔަފާރިތައް ވެސް ޝާމިލުވާ ނިޒާމަކަށް ހެދުމަށް ސަރުކާރުގެ ވުޒާރާތަކަށް ލަނޑުދަނޑިތަކެއް ކަނޑައަޅާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ އުފެއްދުންތެރިކަން ދައްކުވައިދޭ "މޯލްޑިވްސް އެކްސްޕޯ 2026" އަށް ވަނީ ވަރަށް ބޮޑު ތަރުޙީބެއް ލިބިފައެވެ. މި އަހަރުގެ އެކްސްޕޯގައި 419 ފަރާތަކުން 4,400 އުފެއްދުމެއް ބައިވެރިކޮށްފައިވާއިރު، މިއީ 2025 ވަނަ އަހަރާ އަޅާބަލާއިރު 83.5 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މައުރަޒުގައި ބައިވެރިވީ 240 ފަރާތަކުން 2,467 އުފެއްދުމެވެ.

މިއަހަރުގެ އެކްސްޕޯގެ ބައިވެރިންގެ ތެރޭގައި 321 އަމިއްލަ ފަރުދުންނާއި، 75 ވިޔަފާރި، ތަޢުލީމީ ދާއިރާ، ޖަމްޢިއްޔާތައް، އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ 16 ފަރާތަކުން ބައިވެރިވެފައިވެއެވެ. މި އެކްސްޕޯގައި ދައްކާލެވުނު އުފެއްދުންތަކުގެ ގާތްގަނޑަކަށް ހަތަރުބައިކުޅަ ތިންބައި ހިއްސާކުރަނީ އަމިއްލަ ފަރުދުންގެ އުފެއްދުންތަކެވެ.

މުޅި އެކްސްޕޯ 7 ޑިސްޓްރިކްޓަކަށް ބަހާލައިގެން، 16 ދާއިރާއަކުން 73 ގިންތިއެއް ހިމަނައިގެން ކުރިއަށް ގެންދިޔައިރު، އެންމެ ގިނަ އުފެއްދުން ހުށަހެޅީ އަތްތެރި މަސައްކަތުގެ ދާއިރާއިންނެވެ. އެއީ 1,695 އުފެއްދުމެވެ. ދެވަނައަށް އެންމެ ގިނަ އުފެއްދުން ހިމެނުނު ކްރިއޭޓިވް އާޓްސް އަދި ޑިޒައިނިންގ ދާއިރާއިން 920 އުފެއްދުން ބައިވެރިކުރިއެވެ. މީގެއިތުރުން ކާބޯތަކެތި، ފެޝަން، ގަހަނާ، އަދަބިއްޔާތު، މަސްވެރިކަން، އައިސީޓީ، ދަތުރުފަތުރު އަދި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާތަކުންވެސް ފާހަގަކޮށްލެވޭ އުފެއްދުންތަކެއް ވަނީ ދައްކާލާފައެވެ.

އެކްސްޕޯގެ ނިންމުމުގެ ރަސްމިއްޔާތުގައި އެކި ދާއިރާތަކުން ފާހަގަކޮށްލެވުނު އުފެއްދުންތަކަށް ޖުމްލަ 298 އެވޯޑު ދީފައިވެއެވެ. މީގެ ތެރޭގައި އެއްވަނަ ހާސިލުކުރި 116 ފަރާތާއި، ދެވަނަ ހޯދި 95 ފަރާތާއި، ތިންވަނައަށް ދިޔަ 82 ފަރާތުގެ އިތުރުން މުޅި މައުރަޒުގެ އެންމެ މަތީ ޝަރަފު ކަމަށްވާ "ރަން 5 ވަނަ" ހިމެނެއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީން ވާދަކުރި 14 ބައިވެރިއަކު ވަނީ 76 އެވޯޑު ކާމިޔާބުކޮށްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450