ދުނިޔެ
ޣައްޒާގެ މީހުން ދިރިއުޅޭ ސަރަހައްދުތަކަށް އިޒްރާއީލުން ދިން ހަމަލާތަކެއްގައި 29 މީހުން ޝަހީދުވެއްޖެ

އިޒްރާއިލުން ދީފައިވާ ހަމަލާއެއްގައި ހަލާކުވެފައިވާ ޢިމާރާތެއް.
ޣައްޒާގެ މީހުން ދިރިއުޅޭ ސަރަހައްދުތަކަށް އިޒްރާއިލުން ދިން ހަމަލާތަކެއްގައި 29 މީހުން ޝަހީދުވެފައިވާ ކަމަށް އަލްޖަޒީރާއިން ބުނެފިއެވެ.
އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ޣައްޒާގެ އުތުރާއި މެދުތެރެއަށް އިޒްރާއީލުން ދިން ހަމަލާތަކުގައި ދިހަވަރަކަށް މީހުން މަރުވެފައިވާ ކަމަށް ޣައްޒާގެ މެޑިކަލް މަސްދަރުތަކުން ބުނެއެވެ. ބުދަ ދުވަހުގެ ވަގުތެއްގައި އިޒްރާއީލު ސިފައިން ވަނީ ޣައްޒާގެ އުތުރުގެ ކަމަލް އަދްވަން ހޮސްޕިޓަލް ކައިރީގައި އޮންނަ ބައިތް ލާހިޔާގައި ހުންނަ މީހުން ދިރިއުޅޭ އިމާރާތަކަށް ބޮން އަޅައި ގޮއްވާލައިފައެވެ.
މި ހަމަލާގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް 20 މީހުން ޝަހީދުވެފައިވާ ކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ. ނަމަވެސް ޝަހީދުވި މީހުންގެ ޢަދަދު އިތުރުވެދާނެ ކަމުގެ ބިރު އޮތް ކަމަށް މަސްދަރުތަކުން ބުނެފައިވާ ކަމަށް އަލްޖަޒީރާގައި ވަނީ ބުނެފައެވެ.
ހަމަލާ އަމާޒުވި ސަރަހަައްދުން ރިޕޯޓު ކުރަމުން އަލްޖަޒީރާގައި ބުނެފައިވަނީ މީހުން ސަލާމަތް ކުރާ ޓީމުތައް މަދުވުމުގެ ސަބަބުން އިމާރާތްތަކުގެ ދަށުގައި ތާށިވެފައިތިބި މީހުން ދަނީ ސަލާމަތްކުރަން އުނދަގޫވެފައިވާ ކަމަށެވެ.
މީގެއިތުރުން އާބާދީ ބޮޑު ނުޞައިރަތް ރެފިއުޖީ ކޭމްޕްގައި މީހުން ދިރިއުޅޭ ގެއަކަށް ދިން ހަމަލާއެއްގައި މަދުވެގެން ހަތް މީހަކު ޝަހީދުވެފައިވާ ކަމަށް އަލްޖަޒީރާގައި ވަނީ ބުނެފައެވެ. އެ އެންމެންނަކީ ވެސް އެއް އާއިލާއެއްގެ މީހުންނެވެ.
ފަލަސްތީނުގެ ސިވިލް އިމަޖެންސީ ސާވިސް އިން ބުނެފައިވަނީ ޣައްޒާ ސިޓީގެ ގެއަކަށް އިޒްރާއީލުން ވައިގެ މަގުން ދިން ހަމަލާއެއްގައިވެސް އިތުރު ދެ މީހަކު ޝަހީދުވެފައިވާ ކަމަށެވެ.