ދުނިޔެ

ފްރާންސްގެ ހަމަނުޖެހުންތަކާ ގުޅިގެން 1،000 އެއްހާ މީހުން ހައްޔަރުކޮށްފި

ފްރާންސްގެ ހަމަނުޖެހުންތަކާ ގުޅިގެން 1،000 އެއްހާ މީހުން ހައްޔަރުކޮށްފި

ފްރާންސްގެ ހަމަނުޖެހުންތައް---

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

25 އޮކްޓޯބަރު 2026، 12:06

25 އޮކްޓޯބަރު 2026، 12:06

ފްރާންސްގެ އެކި ކަންކޮޅުތަކުގައި އެތައް ލައްކަ ބަޔަކު ބައިވެރިވެގެން އިއްޔެ ކުރިއަށްގެންދިޔަ މުޒާހަރާތަކަށްފަހު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ގާތްގަނޑަކަށް 1،000 އެއްހާ މީހުން ހައްޔަރުކޮށްފައިވާ ކަމަށް އެ ގައުމުގެ އޮފިޝަލުން ވިދާޅުވެއްޖެއެވެ. 

ދުވާލުގެ ވަގުތުތަކުގައި އަމާންކަމާއެކު ހިނގި މި މުޒާހަރާތައް ހޫނުވެ، ރޭގަނޑު ހަމަނުޖެހުންތަކަކަށް ބަދަލުވުމުން ޕެރިސް ހިމެނޭ ގޮތަށް ބައެއް ސިޓީތަކުގައި އެއްވެ ތިބި މީހުން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭހާއި ވޯޓާ ކެނަން ބޭނުންކޮށްފައެވެ.

އެ ގައުމުގެ ދާޚިލީ ވުޒާރާއިން ވިދާޅުވީ، ގާތްގަނޑަކަށް 410،000 މީހުން ހޮނިހިރު ދުވަހު މުޒާހަރާކުރި ކަމަށެވެ. ނަމަވެސް ޓްރޭޑް ޔޫނިއަންތަކުން ބުނަނީ މި މުޒާހަރާތަކުގައި ބައިވެރިވި މީހުންގެ އަދަދު ގާތްގަނޑަކަށް 800،000 އަށް އަރާ ކަމަށެވެ. 

ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި، ތެލުގެ އަގު އުފުލުމުގެ އިތުރުން، ސްކޫލްތަކުގެ ފެންވަރު ދަށްވުމާއި ގުޅިގެން އެ ގައުމުގައި ކުރަމުންދާ މި މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް ޓަކައި މުޅި ގައުމުގައި 70،000 ފުލުހުން ވަނީ ހަރަކާތްތެރިވެފައެވެ. ފްރާންސްގެ ދާޚިލީ ވަޒީރު ލޯރެންޓް ނޫނޭޒް ވިދާޅުވީ، މުޒާހަރާތަކަށް އެތައް ހާސް އެކްޓިވިސްޓުން އެއްވި ކަމަށާއި، އޭގެ ތެރޭގައި ހަމަނުޖެހުން އުފެއްދުމަށް އުޅުނު 500 އެއްހާ މީހުން ފާހަގަކުރެވުނު ކަމަށެވެ. މީގެ އިތުރުން، ޓޫލޫޒް އަދި ކްލެމޮންޓް-ފެރަންޑްގައި ހިނގި ހާދިސާތަކުގައި ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާކަން ވެސް ވަޒީރު ހާމަކުރެއްވިއެވެ.

ޕެރިހުގެ ޕޯޓް ޑި އިޓާލީން ފެށިގެން ޕޯޓް ޑި ވިންސެންސްއާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި ބައެއް މީހުން މަގުތަކުގައި އެއްޗެހި އުކައި، ކާރު ވިއްކާ ތަނެއްގެ ބިއްލޫރިގަނޑުތައް ތަޅާލުމުން ފުލުހުން ވަނީ ބެޓަން ބޭނުންކޮށްގެން ހަމަނުޖެހުން ހުއްޓުވުމަށް މަސައްކަތްކޮށްފައެވެ. އަދި ލިއޯންގައި މަނާ ސަރަހައްދަކަށް ވަދެގަތް ދަރިވަރުން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ގްރެނޭޑް ޖަހާފައެވެ.

މި މުޒާހަރާތަކާ ގުޅިގެން ޝުއޫރު ފާޅުކުރި ފްރާންސް ރައްޔިތުން ބުނީ، މީހުން މަގުތަކަށް ނުކުތީ މެކްރޮންގެ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ކެތްނުކުރެވޭ ހިސާބަށް ކަންކަން ދިއުމުން ކަމަށެވެ. އެމީހުން އަނގަ ބަންދުކޮށްގެން، ބޮޑެތި ޓެކްސްތައް ނަގަމުންދާ ކަމުގެ ޝަކުވާ ވެސް ރައްޔިތުން ކުރިއެވެ. މީގެ އިތުރުން އެމީހުން ވަނީ ލޫޓުވުމަކީ ރަނގަޅު ކަމެއް ނޫން ނަމަވެސް، އެއީ ފަގީރުކަމާއި ފުލުހުންގެ އަނިޔާވެރިކަމުގެ ސަބަބުން ދިމާވާ ކަމެއް ކަމަށާއި މުޒާހަރާތައް ހުއްޓޭނީ އެމީހުންގެ ޑިމާންޑްތަކަށް ސަރުކާރުން އިޖާބަދިނުމުން ކަމަށް ވެސް ބުނެފައެވެ. 

ފާއިތުވި ހަފުތާތަކުގައި ހިނގި ހަމަނުޖެހުންތަކުގައި 2،000 އަށް ވުރެ ގިނަ ފިހާރައަށް ގެއްލުންވެ، ގެއްލުމުގެ އަގު އެތައް ސަތޭކަ މިލިއަން ޔޫރޯއަށް އަރާނެ ކަމަށް ފްރާންސްގެ ޗެމްބާސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީން ބުނެއެވެ. މި ހަމަނުޖެހުންތަކާ ގުޅިގެން ޕެރިހާއި އެހެން ބައެއް ސިޓީތަކުގައި ރޭގަނޑު ކާފިއު ހިންގަން ޖެހުނުއިރު، ރިޔާސީ އިންތިޚާބަށް ހަ މަސް ދުވަސް ބާކީ އޮއްވައި އިދިކޮޅު ފަރާތްތަކުން ދަނީ މިކަމުގެ ޒިންމާ ރައީސް އެމަނުއަލް މެކްރޮންގެ ބޮލުގައި އަޅުވަމުންނެވެ.

ފްރާންސްގައި ކުރިމަތިވެފައިވާ މިފަދަ މައްސަލަތަކާ ގުޅިގެން ޔޫރަޕުގެ އެހެން ސިޓީތަކުގައި ވެސް ވަނީ މުޒާހަރާތައް ކުރިއަށްގޮސްފައެވެ. އެގޮތުން ސްޕެއިންގެ ބާސެލޯނާގައި ދަރިވަރުންގެ މުޒާހަރާއެއް ހަމަނުޖެހުމަކަށް ބަދަލުވެ 100 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ. އަދި އަލްބޭނިއާގެ ޓިރާނާއި، ބެލްޖިއަމްގެ ބްރަސަލްސްގައި ވެސް ހަަމަނުޖެހުންތައް ހިނގިއެވެ. އިޓަލީގެ މިލާންގައި ބޮޑު ހަމަނުޖެހުމެއް ހިނގިޔަ ނުދިނުމަށް ފުލުހުންނާއި ސިފައިން ނެރެ ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450