ދުނިޔެ

އިންތިޚާބު ބޯމަތިވެފައިވަނިކޮށް، ނަތަންޔާހޫއާ ދެކޮޅަށް އެތައް ހާސް ޔަހޫދީން މުޒާހަރާކުރަނީ

އިންތިޚާބު ބޯމަތިވެފައިވަނިކޮށް، ނަތަންޔާހޫއާ ދެކޮޅަށް އެތައް ހާސް ޔަހޫދީން މުޒާހަރާކުރަނީ

ނަތަންޔާހޫއާ ދެކޮޅަށް އެތައް ހާސް ޔަހޫދީން މުޒާހަރާކުރަނީ---

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

25 އޮކްޓޯބަރު 2026، 12:43

25 އޮކްޓޯބަރު 2026، 12:43

އިސްރާއީލުގެ އާންމު އިންތިޚާބަށް އެންމެ ތިން ދުވަހަށް ވެފައިވަނިކޮށް، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ގެ ސަރުކާރާ ދެކޮޅަށް އެތައް ހާސް ޔަހޫދީން މަގުމައްޗަށް ނުކުމެ ވަރުގަދަ މުޒާހަރާތަކެއް ފަށައިފިއެވެ. 

ޣައްޒާގައި ހަނގުރާމަ ފެށުނު ފަހުން ބާއްވާ ފުރަތަމަ އާންމު އިންތިޚާބު ކުރިމަތީގައި އޮތްއިރު، ހޮނިހިރު ދުވަހު މުޒާހަރާގެ ބައިވެރިން އެއްވީ ތެލް އަވީވްގެ މަޝްހޫރު "ހޮސްޓެޖަސް ސްކުއާ" އަށެވެ. މުޒާހަރާގެ ބައިވެރިން ގޮވާލަމުންދަނީ އޮކްޓޫބަރު 7، 2023 ގައި ދިން ހަމަލާތަކަށް މަގުފަހިވި ސަލާމަތީ އިހުމާލުތަކާ ގުޅޭގޮތުން މިނިވަން ތަހުގީގެއް ހިންގުމަށެވެ.

މި މުޒާހަރާ އިންތިޒާމުކޮށްފައި ވަނީ، ޣައްޒާއަށް އަސީރުންގެ ގޮތުގައި ގެންގޮސްފައިވާ ޔަހޫދީންގެ އާއިލާތަކުން އުފައްދާފައިވާ ޖަމާއަތެއް ކަމަށްވާ "އޮކްޓޫބަރު ކައުންސިލް" އިންނެވެ. އެ ޖަމާއަތުން ބުނި ގޮތުގައި މިއީ ހަގީގަތް ހާމަކުރުމަށާއި ސަރުކާރު ޒިންމާދާރުކުރުވުމަށް، ދައުލަތުގެ ތަހުގީގީ ކޮމިޝަނެއް އުފެއްދުމަށް ތިން އަހަރު ވަންދެން ކުރި މަސައްކަތުގެ ތެރެއިން ކުރިއަށްގެންދާ އެންމެ މުހިންމު ހަރަކާތެވެ. 

ތެލް އަވީވްގެ އިތުރުން އިސްރާއީލުގެ އެހެން ސަރަހައްދުތަކުގައި ވެސް ސަރުކާރާ ދެކޮޅު މުޒާހަރާތައް ކުރިއަށްދިޔަ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. މުޒާހަރާ ފެށުމުގެ ކުރިން އެއްވުމަށް ހުރަސްއެޅުމަށް ވެރިކަންކުރާ ކޯލިޝަނާ ގުޅުންހުރި ފަރާތްތަކުން މަސައްކަތްކުރަމުންދާ ކަމަށް ބުނެ، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމަށް އެދި އޮކްޓޫބަރު ކައުންސިލުން ފުލުހުންނަށް ކުއްލި ސިޓީއެއް ވެސް ފޮނުވިއެވެ.

ތެލް އަވީވްގައި ކުރިއަށްދިޔަ އެއްވުމުގައި އިދިކޮޅު ޕާޓީތަކުގެ އިސް ޝަޚުސިއްޔަތުތައް ބައިވެރިވިއެވެ. އޭގެ ތެރޭގައި ނަތަންޔާހޫއާ އެންމެ ބޮޑަށް ވާދަކުރާ ޔަޝާރު ޕާޓީގެ ގާދީ އައިޒެންކޮޓް އާއި ޑިމޮކްރެޓްސްގެ ލީޑަރު ޔާއިރު ގޯލަން ހިމެނެއެވެ. މުޒާހަރާގެ ބައިވެރިން ވަނީ "ދެން އަންނަން އޮތް ބޮޑުވަޒީރު" ގެ ނަމުން އައިޒެންކޮޓަށް މަރުހަބާ ކިޔާފައެވެ.

އޮކްޓޫބަރު 7 ގެ ހަމަލާތަކާ ގުޅިގެން މިނިވަން ތަހުގީގީ ކޮމިޝަނެއް ހެދުމަށް އާންމުން ގޮވާލަމުން ދިޔަ ނަމަވެސް، ނަތަންޔާހޫގެ ސަރުކާރުން ވަނީ އެކަމަށް ދެކޮޅު ހަދާފައެވެ. އޭގެ ބަދަލުގައި ސަރުކާރުން ހުށަހަޅަނީ ސަރުކާރާއި އިދިކޮޅު މަޖިލިސް މެންބަރުން ހިމެނޭ ގޮތަށް ސިޔާސީ ކޮމިޝަނެއް އުފެއްދުމަށެވެ. އެހެންނަމަވެސް އިދިކޮޅު ލީޑަރުން ވަނީ އެފަދަ ސިޔާސީ ކޮމިޝަނެއް ބޮއިކޮޓް ކުރާނެ ކަމަށް ބުނެފައެވެ.

އަންގާރަ ދުވަހު ބާއްވާ އިންތިޚާބުގެ ޚިޔާލު ހޯދުންތަކުން ދައްކާ ގޮތުގައި، 2022 ގެ ފަހުކޮޅުން ފެށިގެން ވެރިކަން ކުރަމުން އަންނަ ނަތަންޔާހޫގެ ކަނާތުފިޔައިގެ ކޯލިޝަނާއި، އައިޒެންކޮޓްގެ ފަޅި އޮތީ ދާދި އެއްވަރެއްގައެވެ. އަދި އެއްވެސް ފަރާތަކަށް ޕާލަމެންޓުގެ އަޣުލަބިއްޔަތު ލިބޭނެ ކަމަކަށް ލަފައެއް ނުކުރެވެއެވެ. 

މި އިންތިޚާބަކީ އީރާނާ ދެކޮޅަށް އިސްރާއީލުން އަސްކަރީ ފިޔަވަޅުތައް އަލުން އެޅުމާ މެދު ގޮތެއް ނިންމުމުގައި މުހިންމު އިންތިޚާބަކަށް ވާއިރު، އައިޒެންކޮޓް ވެރިކަމާއި ހަވާލުވެއްޖެނަމަ އެފަދަ ހަމަލާތަކެއް ދިނުމުގެ ފުރުސަތު ކުޑަވާނެ ކަމަށް ބެލެވެއެވެ. ނަމަވެސް، ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމާ ދެކޮޅު ހެދުން ފަދަ ޚާރިޖީ ސިޔާސަތުގެ މައިގަނޑު ކަންކަމުގައި ދެ ފަރާތުގެ ވިސްނުން އެއްގޮތެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450