ދުނިޔެ

ހަމަލާތަކެއްގެ ބިރުވެރިކަމާ އެކު، އަލުން އެއްބަސްވުމަކަށް ދިޔުމަށް އީރާނުން ގޮވާލައިފި

ހަމަލާތަކެއްގެ ބިރުވެރިކަމާ އެކު، އަލުން އެއްބަސްވުމަކަށް ދިޔުމަށް އީރާނުން ގޮވާލައިފި

އިރާނުގެ މަގެއް. ފޮޓޯ: އޭއެފްޕީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

25 އޮކްޓޯބަރު 2026، 12:12

25 އޮކްޓޯބަރު 2026، 12:12

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް އަލުން ހަމަލާތަކެއް ދީފާނެ ކަމުގެ ބިރުވެރިކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައި، ހަނގުރާމަ ހުއްޓާލުމަށް ވެވުނު ވަގުތީ އެއްބަސްވުމަށް އަލުން ރުޖޫޢަވުމަށް އީރާނުން ގޮވާލައިފިއެވެ.

 ނަމަވެސް އެ އެއްބަސްވުން ރޫޅިގެން ދިޔުމުގެ ޒިންމާ އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން އަޅުއްވާފައިވަނީ ވޮޝިންގޓަންގެ ބޮލުގައެވެ.

ހޮނިހިރު ދުވަހު އީރާނުގެ ޕްރެސް ޓީވީ މެދުވެރިކޮށް ދެއްކި ވާހަކަފުޅުގައި ޕެޒެޝްކިއާން ވިދާޅުވީ، ކަން މިހެން އޮތް ނަމަވެސް ދެފަރާތުން ވެސް އަލުން އެއްބަސްވުމަށް ރުޖޫޢަވެ، އެކަން ކޮޅެއްގައި ޖައްސަންޖެހޭ ކަމަށެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުކުރު ދުވަހު ދެއްކި ވާހަކައިގައި ފެބްރުއަރީ 28 ގައި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައަށް ދީފައިވާ ކޯޑު ނަން ކަމަށްވާ "އެޕިކް ފިއުރީ" ފަދަ އިތުރު ހަމަލާއެއް ދީފާނެ ކަމުގެ އިޝާރާތެއް ކުރުމާ ގުޅިގެން، މި ހަފުތާ ބަންދުގައި އަސްކަރީ ހަރަކާތްތައް އަލުން ފެށިދާނެ ކަމުގެ ކަންބޮޑުވުން ވަނީ އުފެދިފައެވެ.

މިކަމާ ގުޅިގެން އީރާނުގެ އިސްލާމިކް ރިވަލޫޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން އިންޒާރު ދީފައިވަނީ ކުޑަ މިންވަރެއްގެ ހަމަލާއެއް ދިން ނަމަވެސް، އޭގެ ބަދަލުގައި އެތައް ގުނައެއް ވަރުގަދަ ރައްދެއް ދޭނެ ކަމަށެވެ. މީގެއިތުރުން އީރާނުގެ ހަތިޔާރުއެޅި ފައުޖުތަކުގެ ޗީފް އޮފް ސްޓާފް އަލީ ޢަބްދުﷲ ހޮނިހިރު ދުވަހު ވިދާޅުވީ އެއްވެސް ހާލަތެއްގައި އަދި އެއްވެސް ވަގުތެއްގައި ގަލްފުގެ ސަރަހައްދަށް އެމެރިކާގެ އަސްކަރިއްޔާއަށް ވަނުމުގެ ފުރުސަތު ނުދޭނެ ކަމަށާއި، ގަލްފަށް ވަނުމަކީ ޓްރަމްޕަށް ހަމައެކަނި ދެކެވޭނެ ހުވަފެނެއް ކަމަށެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފައިވަނީ އީރާނުގެ ވެރިކަން ވައްޓާލުމުގެ އަޒުމުގައި ދެމިހުންނެވި ކަމަށެވެ. ސިޔާސީ ގޮތުން ބަލާއިރު ދެ ޤައުމުގެ ލީޑަރުންނަށް ވެސް ކުރިއަށް އޮތީ އިންތިޚާބުތަކެކެވެ. އެގޮތުން އަންގާރަ ދުވަހު އިސްރާއީލުގައި އާ ސަރުކާރެއް ހޮވުމުގެ އިންތިޚާބު އޮތްއިރު، ނޮވެމްބަރު 3 ގައި އެމެރިކާގައި ބާއްވާ މުހިންމު މިޑްޓާމް އިންތިޚާބުގައި ކޮންގްރެސްގެ ދެގެލެރީގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދައިފިނަމަ، އެއީ ޓްރަމްޕަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމަކަށް ވާނެއެވެ.

އީރާނު ސަރުކާރުގެ ތަރުޖަމާނު ފާތިމާ މުހާޖިރާނީ ވިދާޅުވީ، އަމިއްލަ ނަފްސުގެ ދިފާއުގައި ތެދުވުމަށް އެހެން އެއްވެސް ފަރާތެއްގެ ހުއްދައަކަށް އީރާނުން އިންތިޒާރު ނުކުރާނެ ކަމަށާއި، އީރާނުން ބޭނުންވަނީ ސުލްހަ ކަމުގައި ވިޔަސް، އަންނަ ކޮންމެ ހަމަލާއަކަށް ހަރުކަށި އަދަބު ދޭނެ ކަމަށެވެ. އަދި އީރާނަކީ ސުލްހައިގެ ވާހަކަތަކުން ފިލާނެ ޤައުމެއް ނޫން ކަމަށާއި، ޤައުމު ދިފާއުކުރުމުގައި ފަސްނުޖެހޭނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި ދަނޑިވަޅުގައި އީރާނުގެ ޖުޑިޝަރީގެ އެންމެ އިސްވެރިޔާ ޣުލާމްހުސައިން މުހްސިނީ އެޖެއީ ވަނީ ޤައުމުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމާއި، ހަނގުރާމައިގެ ސަބަބުން ގެއްލުން ލިބުނު ފަރާތްތަކަށް ބަދަލު ހޯދައިދިނުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. ފެބްރުއަރީ 28 ގައި ދިން ހަމަލާތަކުގައި ބައްޕާފުޅު އަވަހާރަވުމާ ގުޅިގެން މާޗް މަހުގެ ކުރީކޮޅު މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން، މުޖުތަބާ ޚާމަނާއީ އާންމުންގެ ތެރެއަށް ނުކުމެވަޑައިގެންފައެއް ނުވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450