ކުޅިވަރު
ފްރާންސަށް ފަހު ހާފުގައި ރާއްޖެ ކޮޅަށް ޖެހުނީ އެންމެ ލަނޑެއް
ރާއްޖެ އާއި ސައުތު އެފްރިކާ ބައްދަލުކުރި މެޗުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް
އަޒަރުބައިޖާނުގައި ކުރިޔަށްދާ ފީފާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕް އަދި ފެސްޓިވަލުގައި، ފުރިހަމަ ފެސިލިޓީތަކެއް ޤާއިމްވެފައިވާ ފްރާންސްގެ 15 އަހަރުން ދަށުގެ ޤައުމީ ފުޓުބޯޅަ ޓީމާ ދެކޮޅަށް ރާއްޖޭގެ ޒުވާން ފުޓުބޯޅަ ޓީމު މިއަދު ނިކުތް މެޗު 6-0 ގެ ނަތީޖާއަކުން ބަލިވެއްޖެއެވެ. ނަމަވެސް، ފުރަތަމަ ހާފަށްވުރެ ފަހު ހާފުގައި ރާއްޖޭގެ ކުޅުން ވަރަށް ބޮޑަށް ރަނގަޅުކުރުމުގެ ސަބަބުން، ފްރާންސްއަށް ޖަހުނީ އެންމެ ލަނޑެކެވެ.
މެޗުގެ ފުރަތަމަ 10 މިނިޓުގެ ތެރޭގައި ރާއްޖޭގެ ގޯލަށް 4 ގޯލު ވަދެ، ދިވެހި ޓީމަށް ދަތިތަކަކާ ކުރިމަތިލާން ޖެހުނެވެ.
މުޅި މެޗުގައި ރާއްޖޭގެ ފަރާތުން 10 ހަމަލާއެއް ފްރާންސްގެ ގޯލަށް ފޮނުވާލާފައިވާއިރު، އޭގެތެރެއިން 4 ހަމަލާއެއް ވަނީ ގޯލަށް އަމާޒުކޮށްފައެވެ. މީގެ އިތުރުން ރާއްޖޭގެ ގޯލު ބެލެހެއްޓި ޝައިމަން އަހުމަދު ރިޒާ ވަނީ ފްރާންސްގެ 10 ހަމަލާއެއް މުޅި މެޗުގައި ހުއްޓުވާ، ފާހަގަކޮށްލެވޭ ކުޅުމެއް ދައްކާފައެވެ.
މިހާރު އަޒަރުބައިޖާނުގައި ކުރިޔަށްދާ މި މުބާރާތުގައި މިއީ ރާއްޖޭގެ ޒުވާން ޓީމު ކުޅުނު ދެވަނަ މެޗެވެ. ފުރަތަމަ މެޗުގައި އިއްޔެ ރާއްޖެ ބައްދަލުކުރީ ސައުތު އެފްރިކާއާއެވެ. އެ މެޗުން ރާއްޖެ ބަލިވީ 8-0 އިންނެވެ. މި މުބާރާތުގައި ރާއްޖެ ކުޅޭ އިތުރު މެޗެއް މިރޭ އޮންނާނެއެވެ. އެ މެޗުގައި ބައްދަލުކުރާނީ ކޮސޯވާއާއެވެ.
މި މުބާރާތަކީ މިދިޔަ ޑިސެމްބަރު މަހު ބޭއްވި ފީފާ ކައުންސިލްގެ ބައްދަލުވުމުގައި ބާއްވަން ފާސްކުރި، 15 އަހަރުން ދަށުގެ ފެސްޓިވަލެކެވެ. ފީފާގެ މެމްބަރު ހުރިހާ ގައުމަކަށް ފުރުސަތު ލިބޭގޮތަށް ކުރިއަށްގެންދާ މި މުބާރާތަކީ ޒުވާން ކުޅުންތެރިން ބިނާކުރުމަށް ބާއްވާ ފެސްޓިވަލެކެވެ. މި ފެސްޓިވަލުގައި ދެ ޖިންސަށް ވަކިން މުބާރާތް ބޭއްވުމަށް ފީފާއިން ވަނީ ނިންމާފައެވެ. އެހެންނަމަވެސް މި އަހަރުގެ މުބާރާތް ކުރިއަށްދާނީ ހަމައެކަނި ފިރިހެން ކުދިންނަށް ޚާއްސަކޮށްގެންނެވެ. އަންހެން ކުދިންގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުއެވެ.
މި މުބާރާތަކީ ރާއްޖޭގެ ޒުވާން ކުޅުންތެރިންނަށް ބައިނަލްއަގުވާމީ މައިދާނުގައި މުހިންމު ތަޖުރިބާތަކެއް ލިބި، ކުރިމަގުގައި ގައުމީ ސީނިއާ ޓީމު ވަރުގަދަކުރުމަށް އެޅޭ ވަރަށް މުހިންމު ބިންގަލެކެވެ.