ކުޅިވަރު

ވޯލްޑް ކަޕް 2034 ސައުދީގައި ބޭއްވުމަށް ފީފާއިން ނިންމައިފި

ވޯލްޑް ކަޕް 2034 ސައުދީގައި ބޭއްވުމަށް ފީފާއިން ނިންމައިފި

ފީފާއިން ބޭއްވި އެކްސްޓްރާ އޯޑިނަރީ ބައްދަލުވުމުގައި އެ ކޮންފެޑެރޭޝަންގެ ރައީސް ޖިއާނީ އިންފެންޓީނޯ--- ފޮޓޯ: ގެޓީ އިމޭޖަސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

12 ޑިސެމްބަރު 2024، 09:06

12 ޑިސެމްބަރު 2024، 09:06

ހުލާސާ

  • ފީފާގެ މި ނިންމުމަކީ ބުދަ ދުވަހު އެ ފެޑެރޭޝަނުންގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ގައި ނިންމި ނިންމުމެކެވެ.  
  • މީގެ އިތުރުން، މޮރޮކޯ، ސްޕެއިން އަދި ޕޯޗުގަލްގައި 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވުމަށް ވެސް މި ކޮންގްރެސްގައި ނިންމާފައިވޭ.

ދުނިޔޭގެ ތައްޓަށް ކުޅޭ ފުޓްބޯޅަ މުބާރާތް 2034 ވަނަ އަހަރު ސައުދީ އަރަބިއްޔާގައި ބޭއްވުމަށް، ފުޓުބޯޅައިގެ މައި އިދާރާ ފީފާ އިން ނިންމައިފިއެވެ. ފީފާގެ މި ނިންމުމަކީ ބުދަ ދުވަހު އެ ފެޑެރޭޝަނުންގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ގައި ނިންމި ނިންމުމެކެވެ. 

މިއީ މެދުއިރުމަތީގައި ވޯލްޑް ކަޕް ބޭއްވުމަށް ނިންމި ދެވަނަ ފަހަރެވެ. ކުރިން މެދުއިރުމަތީގައި މި މުބާރާތް ބާއްވާފައިވަނީ ހަމައެކަނި 2022 ގައި ގަތަރުގައެވެ. 

މީގެ އިތުރުން، މޮރޮކޯ، ސްޕެއިން އަދި ޕޯޗުގަލްގައި 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވުމަށް ވެސް މި ކޮންގްރެސްގައި ނިންމާފައިވެއެވެ. 

ފީފާގެ މި ނިންމުން އިއުލާންކުރިއިރު، މި މުބާރާތްތައް ބޭއްވުމަށް ބިޑް ހުށަހަޅާފައި ވަނީ ވެސް މިއިން ކޮންމެ މުބާރާތަކަށް އެއް ޕާޓީއިންނެވެ. 

ފީފާގެ މި ނިންމުން އިއުލާން ކުރުމަށްފަހު އެ ފެޑެރޭޝަންގެ ރައީސް ޖިއާނީ އިންފެންޓީނޯ ބުނީ، ފީފާއިން ބޭނުންވަނީ ގިނަ ގައުމުތަކަކަށް ފުޓުބޯޅައިގެ މި އީދު ގެނައުން ކަމަށާއި، އަދި އެއް ގައުމަށް ވުރެން ގިނަ ގައުމުން މުބާރާތް ބޭއްވި ނަމަވެސް، މުބާރާތުގެ ފެންވަރަށް މިހާތަނަށް އައިއިރު އެއްވެސް ބަދަލެއް އައިސްފައި ނުވާކަމަށެވެ.

2030 ވަނަ އަހަރުގެ ވޯލްޑް ކަޕް މޮރޮކޯ އާއި ސްޕެއިން އާއި ޕޯޗުގަލްގައި ބޭއްވުމަށް ނިންމިއިރު، މިއީ ތިން ބައްރެއްގައި މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ. މީގެ އިތުރުން، ވޯލްޑް ކަޕަށް 100 އަހަރުފުރުމުގެ މުނާސަބާގައި ކުޅޭ މެޗުތަކެއް އުރުގުއޭ، އައިޖެންޓީނާ އަދި ޕެރަގުއޭގައި ކުޅުމަށް ނިންމާފައިވުމުން، އެ މުބާރާތް ވެގެން ދާނީ 6 ގައުމެއްގައި ވޯލްޑް ކަޕްގެ މެޗުތައް ކުޅޭ ފުރަތަމަ ފަހަރަށެވެ. 

2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވާ އެއް ގައުމު ކަމުގައިވާ އުރުގުއޭއަކީ މުބާރާތުގެ ތާރީހެއް އޮތް ގައުމެކެވެ.  އެގޮތުން 1930 ވަނަ އަހަރުގައި ފުރަތަނަ ފަހަރަށް ވޯލްޑް ކަޕް ބޭއްވިއިރު، އެ މުބާރާތް ކުޅެފައިވަނީ އެ ގައުމުގައެވެ. ދެން މި ލިސްޓުގައި ހިމެނޭ އާޖެންޓީނާ އާއި ސްޕެއިންގައި ވެސް މި މުބާރާތް ކުރިން ކުޅެފައިވާއިރު، ޕޯޗުގަލް، ޕެރެގުއޭ އަދި މޮރޮކޯގައި މީގެ ކުރިން މި މުބާރާތް ބާއްވާފައެއް ނުވެއެވެ.

އަދި 2034 ވަނަ އަހަރުގެ ވޯލްޑް ކަޕް ސައުދީގައި ބޭއްވުމަށް ނިންމާފައިވާއިރު، މިއީ މުބާރާތުގައި ބައިވެރިވެވޭ ޓީމުތަކުގެ އަދަދު 48 ޓީމަށް ބަދަލު ކުރުމަށްފަހު، އެއް ގައުމަކުން މި މުބާރާތް ބާއްވާ ފުރަތަމަ ފަހަރަށް ވެގެން ދާނެއެވެ. 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ކުޅޭ ޓީމުތަކުގެ އަދަދު ގިނަ ކުރުމަށް ނިންމާފައިވާއިރު، އެ މުބާރާތް ކުޅޭނީ، އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައެވެ. 

ސައުދީގައި ބާއްވާ ވޯލްޑް ކަޕުގެ މެޗުތައް ކުޅޭނީ ފަސް ސިޓީއެއްގައި ހިމެނޭ  15 ސްޓޭޑިއަމެއްގައި ކަމަށް ހާމަކޮށްފައި ވެއެވެ. އެއީ ރިޔާލް، ޖިއްދާ، އަލް ޚޯބަރު، އަބްހާ އަދި ނިއޯމްއެވެ. 

މި ލިޔުން ކިޔާލުމުން