ކުޅިވަރު

ތަމްރީނު ކޭމްޕަކަށް ފަލަސްތީނުގެ ޒުވާން ފުޓުބޯޅަ ޓީމު ރާއްޖެ އައުމަށް ހަމަޖެހިއްޖެ

ތަމްރީނު ކޭމްޕަކަށް ފަލަސްތީނުގެ ޒުވާން ފުޓުބޯޅަ ޓީމު ރާއްޖެ އައުމަށް ހަމަޖެހިއްޖެ

މިދިޔަ އަހަރު ފަލަސްތީނުގެ ޒުވާން ފުޓުބޯޅަ ޓީމާއި ރާއްޖޭގެ ޓީމު ކުޅުނު އެކުވެރިކަމުގެ މެޗުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

25 އޮކްޓޯބަރު 2026، 07:36

25 އޮކްޓޯބަރު 2026، 07:36

އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންއަށް ތައްޔާރުވުމުގެ ގޮތުން، ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޤައުމީ ފުޓުބޯޅަ ޓީމު މި މަހުގެ 27 ވާ އަންގާރަ ދުވަހު ރާއްޖެ އަންނަން ހަމަޖެހިއްޖެއެވެ. 

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މައުލޫމާތުދޭ ގޮތުގައި، އެ ޓީމު ކޭމްޕުކުރާނީ މާލެ އަތޮޅު ގުރައިދޫގައެވެ. ނަމަވެސް، ރާއްޖޭގެ ޒުވާން ޓީމާ އެކު ކުޅޭ އެކުވެރިކަމުގެ ދެ މެޗު ވެސް ކުޅޭނީ މާލޭގެ ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައެވެ.

މި ކޭމްޕަކީ އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންއަށް ފަލަސްތީނު ޓީމު ތައްޔާރުވުމަށް ކުރިއަށްގެންދާ ކޭމްޕެއް ކަމަށް އެފްއޭއެމްއިން ބުނެއެވެ. 

މި ތަމްރީނު ކޭމްޕްގެ ތެރެއިން ރާއްޖޭގެ ޒުވާން ޓީމާއެކު ކުޅޭ އެކުވެރިކަމުގެ ފުރަތަމަ މެޗު އޮކްޓޯބަރު 30 ގައި ކުޅުމަށް ހަމަޖެހިފައިވާއިރު، ދެވަނަ މެޗު އޮންނާނީ އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހުއެވެ. މި ކޭމްޕު ނިންމާލުމަށްފަހު ފަލަސްތީނު ޓީމު ރާއްޖެއިން ފުރުމަށް ހަމަޖެހިފައި ވަނީ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހުއެވެ.

އެފްއޭއެމް އިން ފާހަގަކުރާ ގޮތުގައި، މި މެޗުތަކަކީ ކޮލިފައިންގައި ވާދަކުރުމަށް ތައްޔާރުވަމުން އަންނަ ރާއްޖޭގެ ޒުވާން ޓީމަށްވެސް ބައިނަލްއަގްވާމީ މުހިންމު ތަޖުރިބާތަކެއް ލިބިގެންދާނެ ކަމެކެވެ. އަދި މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ކުޅިވަރުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ މެޗުތަކެއްގެ ގޮތުގައިވެސް އެފްއޭއެމް އިން ދެކެއެވެ.

މި ކޭމްޕު އިންތިޒާމުކުރުމުގައި ދިވެހި ސަރުކާރުންނާއި ގުރައިދޫ ކައުންސިލުން ވަރަށް ބޮޑަށް އެހީތެރިވެ، އެއްބާރުލުން ދީފައިވާކަން އެފްއޭއެމް އިން ވަނީ ފާހަގަކޮށް، ޚާއްސަ ޝުކުރެއް އަދާކޮށްފައެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ، މިދިޔަ އަހަރުވެސް ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ރާއްޖޭގައި ތަމްރީން ކޭމްޕެއް ބާއްވާފައިވާ ކަމެވެ. އެފަހަރުވެސް ވަނީ ރާއްޖޭގެ ޒުވާން ޓީމާއެކު އެކުވެރިކަމުގެ ދެ މެޗެއް ކުޅެފައެވެ. އެ ދެ މެޗުންވެސް މޮޅުވީ ފަލަސްތީނު ޓީމެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450