ކުޅިވަރު
ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ޤައުމީ ޓީމު އިންޑޮނޭޝިއާއަށް
އިންޓަނޭޝަނަލް ބްރޭކްގައި ގައުމީ ފުޓުބޯޅަ ޓީމު ކިރިގިސްތާނަށް ފުރުމަށް ތައްޔާރު ވެގެން / ފޮޓޯ: އެފްއޭއެމް
އަންނަ މަހު ބަންގްލަދޭޝްގައި އޮންނަ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން، ދިވެހިރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު މާދަމާ އިންޑޮނޭޝިއާއަށް ފުރުމަށް ނިންމާފައިވާކަމަށް، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހާމަކޮށްފިއެވެ. އިންޑޮނޭޝިއާގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ތަމްރީނު ކޭމްޕުގެ މައިގަނޑު ބޭނުމަކީ، މުބާރާތުގެ ކުރިން ވާދަވެރި މެޗުތަކެއް ކުޅުމުގެ ފުރުސަތު ޓީމަށް ފަހިކޮށްދިނުމެވެ.
ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ޤައުމީ ޓީމުގެ ކޯޗު އިސްޓަވާން އުރުބާނީ ވަނީ، މި ކޭމްޕުގެ ތެރެއިން ޤައުމީ ޓީމުން އެކުވެރިކަމުގެ ދެ މެޗެއް ކުޅޭނެ ކަން ފާހަގަކުރައްވާފައެވެ. ނަމަވެސް މި މެޗުތައް ކުޅޭނީ ކޮން ޓީމުތަކަކާ ދެކޮޅަށްކަމެއް ކޯޗު ހާމަކޮށްފައެއް ނުވެއެވެ. މި ކޭމްޕު ނިންމާލައި ޤައުމީ ޓީމު އެނބުރި ރާއްޖެ އަންނާނީ އަންނަ މަހުގެ ދެވަނަ ދުވަހުއެވެ.
މި ފަހަރުގެ ސާފް މުބާރާތް އޮންނާނީ ނޮވެމްބަރު 5 އިން 17 އަށް ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައެވެ.
މި ފަހަރުގެ މުބާރާތުގައި ރާއްޖެ ހިމެނިފައިވަނީ ސަރަހައްދީ ގަދަ ބާރު އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި (ގްރޫޕް ބީ) އެވެ. ރާއްޖެއިން އެންމެ ފަހުން އިންޑިއާ އާއި އެއްގްރޫޕެއްގައި ވާދަކުރީ 2018 ވަނަ އަހަރުގެ މުބާރާތުގައެވެ. އަދި ޕާކިސްތާނާ އެއް ގްރޫޕެއްގައި އެންމެ ފަހުން ރާއްޖެއިން ކުޅުނީ 2011 ވަނަ އަހަރުގެ މުބާރާތުގައެވެ.
މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެއިން ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ފީފާ އިންޓަނޭޝަނަލް ބްރޭކުގައި އެކުވެރިކަމުގެ ތިން މެޗު ކުޅެފައެވެ. އެއީ ޗައިނާއާ، ކިރިގިސްތާނާއި، ލުބުނާންއާ ދެކޮޅަށެވެ. ޓީމުގެ ކޯޗު އިސްތަވާން އުރުބާނީ ފާހަގަކުރެއްވި ގޮތުގައި، މި ތިން މެޗަކީ ސާފް ޗެމްޕިއަންޝިޕުގެ ކުރިން ޤައުމީ ޓީމު އެކުލަވާލުމަށް ކުޅުނު މެޗުތަކެކެވެ.
އެންމެ ފަހުން 2022 ވަނަ އަހަރު އިންޑިއާގެ ބެންގަލޫރުގައި ކުރިއަށްދިޔަ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުން ރާއްޖެ ކެޓީ ގްރޫޕް ސްޓޭޖުންނެވެ. އެއީ ސާފް ޗެމްޕިއަންޝިޕް ތާރީޚުގައި ރާއްޖެއިން މުބާރާތުގެ ގްރޫޕް ސްޓޭޖުން ކެޓި ފުރަތަމަ ފަހަރެވެ.