ޚަބަރު
އަމީނީ މަގު ސެގްމެންޓް 3 ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ފަށައިފ
އަމީނީ މަގު ސެގްމެންޓް 3ގެ މަސައްކަތް. ފޮޓޯ: އެމްޓީސީސީ
އަމީނީ މަގު މަރާމާތުކުރުމުގެ މަޝްރޫޢުގެ ދަށުން ސެގްމެންޓް 3 ހުޅުވުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ފަށާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ.
އެމްޓީސީސީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ސެގްމެންޓުގައި މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތް މިހާރު ވަނީ އެންމެ ފަހުގެ މަރުޙަލާގައި ކަމަށެވެ. އަދި އެ ސަރަހައްދުގެ ޖަންކްޝަންތަކުގެ ކޮންކްރީޓް މަސައްކަތްތައް ވެސް މިހާރު ވަނީ ނިމުމަކާ ގާތްވެފައި ކަމަށެވެ.
އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީކޮށް މަރާމާތުކުރުމުގެ މަޝްރޫއުގެ ދަށުން، ސެގްމަންޓް 3 ގައި ތާރުއެޅުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށާފައިވަނީ މި މަހުގެ 20 ވަނަ ދުވަހުއެވެ. މި ސެގްމަންޓުގައި ހިމެނެނީ އިއްޒުއްދީން މަގުން ފެށިގެން ކޯރިކެނޑި ހިނގުމާ ހަމައަށް އޮންނަ ސަރަހައްދެވެ.
Road marking works on Segment 3 are in their final stages of the Ameenee Road Repair Project. At the same time, concrete works at the junctions are close to completion, bringing us one step closer to opening Segment 3. #MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC
— MTCC Plc (@MTCCPlc) October 25, 2026
އަމީނީ މަގު މަރާމާތުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މި އަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ. އެ ކުންފުނިން މި މަސައްކަތް އެކި ސެގްމަންޓްތަކަކަށް ބަހާލައިގެން އަމަލީ ގޮތުން ފަށާފައި ވަނީ އޮގަސްޓް މަހުގެ 3 ވަނަ ދުވަހުއެވެ.
މި މަޝްރޫއުގެ ފުރަތަމަ ސެގްމަންޓުގައި، ދިވެހިރާއްޖޭގެ އަޑުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް ހިމެނޭ ސަރަހައްދު އަދި ސެގްމަންޓް 2 ގެ ގޮތުގައި ހިމެނޭ ދިވެހިރާއްޖޭގެ އަޑު ކުރިމަތީގެ ހަތަރުއަނގޮޅި ކަންމަތީގައި ތާރުއެޅުމުގެ މަސައްކަތް އެމްޓީސީސީން މިހާރު ވަނީ ނިންމައި އާންމުންނަށް ހުޅުވާލާފައެވެ. ސެގްމަންޓް 3 އަށް ފަހު ދެން ކުރިއަށްދާނެ ސެގްމަންޓް 4 އަކީ ކޯރިކެނޑި ހިނގުމުން ފެށިގެން ޣިޔާސުއްދީން ސްކޫލާ ހަމައަށް އޮންނަ ސަރަހައްދެވެ.
އެމްޓީސީސީ އިން އަމީނީ މަގު އަލުން މަރާމާތު ކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ ސަރުކާރުން އެ މަގުގައި ތާރުއަޅައި ހެދުމުގެ މަސައްކަތް ނިންމައި ބޭނުން ކުރަން ފެށިތާ މާގިނަ އަހަރުތަކެއް ނުވެ، އެމަގުގައި ބޮޑެތި އަޑިގުޑަންތައް ހެދި، ދުއްވާ މީހުންނަށް ބޮޑު ތަކުލީފުތަކެއް ކުރިމަތިވެފައިވާތީއެވެ.