ޚަބަރު
ހަނިމާދޫ މިސްކިތް ބިނާކުރުން: ގުއްބު އެޅުމާއި ޕްލާސްޓަރިންގ މަސައްކަތް ފަށައިފި
ހަނިމާދޫ މިސްކިތް ބިނާކުރުމުގެ މަސައްކަތް. ފޮޓޯ: އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާ
ހދ. ހަނިމާދޫގައި ސަރުކާރުން ބިނާކުރައްވަމުން ގެންދަވާ 500 މީހުންގެ ޖާގައިގެ މިސްކިތުގެ ގުއްބު ސްލެބް އެޅުމާއި ޕްލާސްޓަރިންގގެ މަސައްކަތްތައް ފަށައި، އެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އެ ވުޒާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، މިހާރު އެ ސައިޓުގައި ކުރިއަށްދަނީ ކޮލަމް އެޅުމުގެ މަސައްކަތާއި، ވުޟޫކުރާ ބައިގެ ބޭރު ފާރުގެ މޭސަނަރީ މަސައްކަތްތަކެވެ. މީގެ އިތުރުން މުޅި މިސްކިތުގެ މޭސަނަރީ މަސައްކަތްތަކާއި، ޕްލާސްޓަރިންގ އަދި ގުއްބުގެ ސްލެބް އެޅުމުގެ މުހިންމު މަރުހަލާތައް ވެސް މިހާރު ދަނީ ކުރިއަށެވެ.
ނުނިމި މެދުކެނޑިފައި އޮތް މި މަޝްރޫޢު 360 ދުވަހުގެ ތެރޭގައި އެއްކޮށް ނިންމުމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފައިވަނީ ވޭތުވެދިޔަ އަހަރުގެ އެޕްރީލް މަހުގައެވެ. ޖުމްލަ 7,933 އަކަމީޓަރުގެ ބޮޑުމިނުގައި ބިނާކުރާ މި މިސްކިތުގެ މަސައްކަތް ނިންމުމަށް އެ ކުންފުންޏާ ހަވާލުކުރީ 9.44 މިލިއަން ރުފިޔާއަށެވެ.
ހދ. ހަނިމާދޫގައި ސަރުކާރުން ބިނާކުރައްވާ 500 މީހުންގެ ޖާގައިގެ މިސްކިތުގެ މަސައްކަތް ކުރިއަށްދަނީ. މިހާރު ކުރިއަށް ދަނީ ކޮލަމް އެޅުމުގެ މަސައްކަތާއި، ވުޟޫކުރާ ބައިގެ ބޭރު ފާރުގެ މޭސަނަރީ މަސައްކަތްތައް. މީގެ އިތުރުން، މިސްކިތުގެ މޭސަނަރީ، ޕްލާސްޓަރިންގ އަދި ގުއްބު ސްލެބް އެޅުމުގެ މަސައްކަތްވެސް ކުރިޔަށްދޭ. @MMuizzu @presidencymv @Mohamedshaheem1
— Ministry of Islamic Affairs & Endowments (@MVIaffairs) October 26, 2026
އާބާދީގައި 2,645 މީހުން ދިރިއުޅޭ ހަނިމާދޫގައި މި މިސްކިތް ބިނާކުރުމަކީ ރަށުގެ ރައްޔިތުންނަށް ނުހަނު ބޭނުންތެރި ކަމެއް ކަމަށް އެމްޓީސީސީން ކުރިން ފާހަގަކޮށްފައިވެއެވެ. އެ ކުންފުނިން ބުނެފައިވަނީ، މި މަޝްރޫޢު ނިމުމުން އެއްފަހަރާ 500 މީހުންނަށް ޖަމާޢަތުގައި ނަމާދުކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށާއި، އަޅުކަން އަދާކުރުމުގެ އިތުރުން ދީނީ ޢިލްމު އުނގެނުމަށާއި މުޖުތަމަޢުގެ އެއްބައިވަންތަކަން ވަރުގަދަކުރުމަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްލާމީ ކަންކަމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން ރަށްރަށުގެ މިސްކިތްތައް މަރާމާތުކޮށް ބެލެހެއްޓުމާއި، އައު މިސްކިތްތައް ބިނާކުރުމުގެ މަސައްކަތްތައް އަންނަނީ ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދަމުންނެވެ.