ޚަބަރު
ހޯމް ސްކޫލިން ތަޢާރަފްކޮށް ތަޢުލީމީ ޤާނޫނަށް އިސްލާހު ހުށަހަޅައިފި
ރައްޔިތުންގެ މަޖިލިީހުގެ ޖަލްސާއެއް ކުރިއަށޤދަނީ. ފޮޓޯ: މަޖިލިސް
ވީހާވެސް ޅަފަތުގައި ކުއްޖާގެ ކިބައިގައި ހުންނަ ނުކުޅެދުންތެރިކަމަށް ރިއާޔަތްކޮށް، އެހެން ކުދިންނާ ތަފާތުކުރުމެއް ނެތި އެންމެ ރަނގަޅު ފެންވަރުގެ ތަޢުލީމު ހާސިލުކުރެވޭނެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން "ހޯމް ސްކޫލިން" ތަޢާރަފްކުރުން ހިމެނޭހެން ތަޢުލީމުގެ ޤާނޫނަށް އިސްލާޙު ހުށަހަޅައިފިއެވެ.
ކުޑަކުދިންނަށް ތަޢުލީމު ދިނުމުގައި ދިމާވާ ދަތިތައް ހައްލުކޮށް ތައުލީމީ ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ މަގުސަދުގައި، ސަރުކާރުގެ ފަރާތުން ތަޢުލީމުގެ ޤާނޫނަށް 42 އިސްލާހެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމެވެ. މި އިސްލާހުތަކުގެ މައިގަނޑު އެއް ބޭނުމަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށާއި ނަފްސާނީ ގޮތުން ހާއްސަ ހާލަތްތަކުގައި ތިބޭ ކުދިންނަށް، އެކުދިން ދިރިއުޅޭ ގޭގައި ތިބެގެން މަދަރުސީ ތަޢުލީމު ހާސިލުކުރުމުގެ މަގު ފަހިކޮށްދިނުމެވެ.
ޤާނޫނުގެ 16 ވަނަ މާއްދާގެ ފަހަތަށް އިތުރުކުރުމަށް ހުށަހަޅާފައިވާ މާއްދާގެ ދަށުން، އެކުދިންގެ ނުކުޅެދުންތެރިކަމުގެ ނިސްބަތަށް ނުވަތަ ނަފްސާނީ ޙާލަތަށް ބަލައި ހެދޭ އެސެސްމެންޓަކަށް ރިއާޔަތްކޮށް "ހޯމް ސްކޫލިން" ޕްރޮގްރާމެއް އެކުލަވާލަން ޖެހެއެވެ. އަދި ޖިސްމާނީ ނުވަތަ ނަފްސާނީ ސަބަބުތަކާ ހުރެ ސްކޫލަށް ހާޒިރުވެ ތަޢުލީމު ހާސިލުކުރަން ނުކުޅެދޭ ކުދިންނަށް، މި ޕްރޮގްރާމުގެ ދަށުން ތަޢުލީމު ފޯރުކޮށްދިނުމުގެ ޝަރުތުތަކާއި އުސޫލުތައްވެސް ޤާނޫނުގައި ތަފްސީލުކުރުމަށް ވަނީ ހިމަނައިފައެވެ.
މީގެ އިތުރުން، ޤާނޫނުގެ 8 ވަނަ މާއްދާގެ (ބ) އަށް ހުށަހެޅި އިސްލާޙުގައި، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޅަފަތުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި، ރާއްޖެއިން ބައިވެރިވެފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްޤުތައް ހިމާޔަތްކުރުމާ ބެހޭ ބައިނަލްއަޤުވާމީ މުއާހަދާތަކުގެ އިލްތިޒާމުތައް ދައުލަތުން އަދާކުރަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ސްކޫލް މާހައުލު ހިންގުމުގައި ބެލެނިވެރިންނާއި މުދައްރިސުންނާއި ޕްރިންސިޕަލުންގެ ދައުރު ސާފުކޮށް ކަނޑައެޅުމަށްވެސް ވަނީ ހުށަހަޅައިފައެވެ.
ދަރިވަރުންގެ ދުޅަހެޔޮކަމާއި އަޚްލާޤާ ގުޅޭގޮތުން ގާނޫނުގެ 10 ވަނަ މާއްދާއަށް ހުށަހެޅި އިސްލާހުތަކުގައި، ސްކޫލަށް ދާއިރު ކުއްޖާއަށް އެކަށީގެންވާ ކާނާއާއި ހަމަނިދި ލިބިފައިވާކަން ކަށަވަރުކުރުމަށް ވަނީ ބަޔާންކޮށްފައެވެ. އަދި މުދައްރިސުންނަށާއި ސްކޫލުގެ އިސްވެރިންނަށް އިހުތިރާމުކުރުމާއި، ސްކޫލުގެ އަމާންކަން ގެއްލޭފަދަ އަމަލުތަކުގައި ބައިވެރިނުވުމާއި، މިނިސްޓްރީގެ ޤަވާއިދުތަކަށް އަހުލުވެރިކުރުމަކީ ބެލެނިވެރިންގެ ޒިންމާއެއްގެ ގޮތުގައި ކަނޑައެޅުން ހިމެނެއެވެ.
ހަމައެއާއެކު، ޤާނޫނުގެ 23 ވަނަ މާއްދާގެ (ޅ) އަށް ގެނެވޭ އިސްލާޙުގެ ދަށުން، ސްކޫލް ގަޑީގައި ނާސްތާ ލިބުމަށް ދަތިވާ ކުދިންނަށް ސަރުކާރުގެ ކޮންމެ ސްކޫލަކުންވެސް ކޮންމެ ދުވަހަކު ހިލޭ ނާސްތާ ފޯރުކޮށްދޭންޖެހޭނެ ކަމަށް ވަނީ ކަނޑައަޅައިފައެވެ. ސަރުކާރުން ހާމަކުރި ގޮތުގައި މި އިސްލާޙުތަކުގެ އަމާޒަކީ ރާއްޖޭގެ ތަޢުލީމީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ވަކި ކުއްޖަކު ބާކީނުކޮށް ކޮންމެ ކުއްޖަކަށްވެސް ތަޢުލީމުގެ ހައްޢު ފުރިހަމައަށް ކަށަވަރުކޮށްދިނުމެވެ.