Ads by Farudhun

ޚަބަރު

އިންޓަރކަލްޗަރަލް ޑައިލޮގް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ވަޒީރު ހީނާ އަޒަރުބައިޖާނަށް

އިންޓަރކަލްޗަރަލް ޑައިލޮގް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ވަޒީރު ހީނާ އަޒަރުބައިޖާނަށް

ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު---

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

26 އޮކްޓޯބަރު 2026، 09:07

26 އޮކްޓޯބަރު 2026، 09:07

އިންޓަރކަލްޗަރަލް ޑައިލޮގްގެ 7 ވަނަ ވޯލްޑް ފޯރަމްގައި ބައިވެރިވެވަޑައިގެންނެވުމަށް، ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު އަޒަރުބައިޖާންގެ ވެރިރަށް ބާކޫއަށް ފުރާވަޑައިގަންނަވައިފިއެވެ. 

އޮކްޓޫބަރު މަހުގެ 27 އިން 29 އަށް، "ޑައިލޮގް ފޯ އަ ޝެއަރޑް ފިއުޗަރ: ބިލްޑިންގ ބްރިޖަސް އިން އަ ފްރެކްޗަރޑް ވޯލްޑް" މި ޝިއާރުގެ ދަށުން، ބާކޫގައި ބާއްވާ މި ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ވަޒީރު ހީނާ ފުރާވަޑައިގެންނެވީ ރޭގެ ވަގުތެއްގައެވެ. 

މި ފޯރަމުގައި ވަޒީރު ހީނާ ވާހަކަފުޅު ދައްކަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ވަޒީރު ވާހަކަފުޅު ދެއްކެވުމަށް ހަމަޖެހިފައިވަނީ ފޯރަމްގެ ފުރަތަމަ ދުވަހެވެ. 

މިއީ ދޭދޭ ސަގާފަތްތަކުގެ މެދުގައި އޮންނަ މަޝްވަރާއާއި، އެކަކު އަނެކަކަށް ކުރާ އިހުތިރާމާއި، ބައިނަލްއަގުވާމީ ފެންވަރުގައި އަމަލީ ގޮތުން ގުޅިގެން މަސައްކަތްކުރުން ކުރިއެރުވުމަށް ޓަކައި އެކި ގައުމުތަކުގެ ވަޒީރުންނާއި، ސަގާފީ ދާއިރާގެ މާހިރުންނާއި، އިލްމީ ބޭފުޅުންނާއި، ދީނީ އިލްމުވެރިން އަދި ޒުވާނުންގެ މަންދޫބުން ބައިވެރިވާ މުހިންމު ބައްދަލުވުމެކެވެ.

މި ފޯރަމްގެ ހަވާސާގައި ބާއްވާ ބައިނަލްއަގުވާމީ ޖަމުޢިއްޔާތަކުގެ ހައި-ލެވެލް 3 ވަނަ ބައްދަލުވުމާއި "ބާކޫ ޕްރޮސެސް" ގެ 6 ވަނަ މިނިސްޓީރިއަލް ބައްދަލުވުމުގެ ޚާއްޞަ ޖޮއިންޓް ސެޝަންގައި ވަޒީރު ވާހަކަފުޅު ދައްކަވާނެއެވެ. މި ސެޝަންގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލައްވާނީ، މި ޒަމާނުގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ބޭނުން ހިފައިގެން ސަގާފީ މަޝްވަރާތައް ކުރިއެރުވުމަށް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކަށެވެ.

"ބާކޫ ޕްރޮސެސް" ގެ ތެރެއިން ކުރިއަށްދާ މި ފޯރަމަކީ ސަގާފީ ތަފާތުކުރުންތަކާއި، އިޖުތިމާއީ ގޮތުން އެކަހެރިވުމާއި، އައު ފަންނިއްޔާތުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް އަމަލީ މަސައްކަތްތަކެއް ކުރުމުގެ އަމާޒުގައި ކުރިއަށްދާ ފޯރަމެކެވެ. މި ފޯރަމްގައި ދާއިރާއާ ގުޅުންހުރި ބައިނަލްއަގުވާމީ ޖަމުޢިއްޔާތަކުން ބައިވެރިވެއެވެ.

މި ފޯރަމްގައި ރާއްޖެއިން ބައިވެރިވުމަކީ، ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކުރުމަށާއި، ބަހާއި ޑިޖިޓަލް ދާއިރާއިން ގައުމީ ފެންވަރުގައި އިސްކަންދޭ ކަންކަން ބައިނަލްއަގުވާމީ މަންސައެއްގައި ހާމަކޮށް، ދުނިޔޭގެ އެކި ގައުމުތަކާއި ޖަމުޢިއްޔާތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބިގެންދާ މުހިންމު ފުރުސަތެއް ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450