Ads by Farudhun

ޚަބަރު

ފުނަދޫ އަލިފާނުގެ ހާދިސާގެ ތަޙުޤީޤަށް ފުލުހުންގެ ޚާއްޞަ ޓީމެއް އެ ރަށަށް ދަނީ

ފުނަދޫ އަލިފާނުގެ ހާދިސާގެ ތަޙުޤީޤަށް ފުލުހުންގެ ޚާއްޞަ ޓީމެއް އެ ރަށަށް ދަނީ

ފުނަދޫ އަލިފާނުގެ ހާދިސާގައި ލިބުނު ބައެއް ގެއްލުންތައް. ފޮޓޯ: އެންޑީއެމްއޭ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

26 އޮކްޓޯބަރު 2026، 07:50

26 އޮކްޓޯބަރު 2026، 07:50

ށ. ފުނަދޫ ޕެޓްރޯލް ޝެޑްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށާއި، ސީން ޕްރޮސެސްކޮށް ތަޙުޤީޤަށް އެހީތެރިވުމަށް ޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުގެ މޭޖަރ ކްރައިމް އިންވެސްޓިގޭޝަންގެ ޚާއްޞަ ޓީމެއް އެ ރަށަށް ދިއުމަށް ހަމަޖެހިއްޖެއެވެ.

މި ހާދިސާގައި ޕެޓްރޯލް ޝެޑްގައި ރޯވި އަލިފާންގަނޑު ކައިރީގައި ހުރި އިމާރާތްތަކަށް ފެތުރި، ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އެގޮތުން އެ ސަރަޙައްދުގައި ހުރި ސައިކަލާއި އިންޖީނު މަރާމާތުކުރާ ގަރާޖަކަށާއި، ގުދަނެއްގެ އިތުރުން ވެހިކަލް ޕާކުކުރާ ކުޑަ ގަރާޖަކަށާއި މީހުން ދިރިއުޅެމުންދިޔަ ގެއަކަށް އަލިފާން ފެތުރި، އެ ތަންތަން ބޭނުންނުކުރެވޭ ވަރަށް ވަނީ އަނދައި އަޅިއަށް ވެފައެވެ.

ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ހާދިސާއާ ގުޅިގެން ޖުމްލަ 18 މީހަކަށް އަނިޔާވެގެންނާއި ޞިއްޙީ ފަރުވާ ބޭނުންވެގެން އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ. އޭގެ ތެރޭގައި ދުމުގެ އަސަރުކުރުމުގެ ސަބަބުން ފަރުވާދިން ފަޔަރފައިޓަރަކާއި ހޮސްޕިޓަލުގެ މުވައްޒަފެއް ހިމެނެއެވެ. އަދި ދެން ހިމެނޭ 16 މީހުންނަކީ، ހާދިސާގެ ތެރޭގައި އެއްޗެއް ގޮވުމާ ގުޅިގެން ރައްކާތެރިކަން ހޯދުމަށް މަސައްކަތްކުރުމުގެ ތެރޭގައި އެކިވަރުގެ އަނިޔާ ލިބުނު މީހުންނާއި، ހާދިސާގެ ސަބަބުން ކަންބޮޑުވެ ހާސްވެގެން ފަރުވާ ހޯދި މީހުންނެވެ.

އަލިފާން ރޯވި ސަރަޙައްދު މިހާރު ފުލުހުން ވަނީ ކޯޑަންކޮށް ބަންދުކޮށްފައެވެ. އަދި ހާދިސާގެ ސަބަބު ދެނެގަތުމަށް ފުލުހުންގެ ޚާއްޞަ ތަޙުޤީޤު ޓީމުން އެ ރަށުގައި ހަރަކާތްތެރިވުމަށް ދަނީ ތައްޔާރުވަމުންނެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފައިވާ ގޮތުގައި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ގެއެއްގައި ދިރިއުޅޭ 11 މީހުންނަށް އެ އޮތޯރިޓީން ވަނީ 5  ދުވަހުގެ މުއްދަތަކަށް  ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު ހަމަޖައްސައިދީފައެވެ. 

މި ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޕޯސްޓެއްގައި، އަނިޔާ ލިބުނު ފަރާތްތަކަށް އަވަސް ޝިފާއަކާއި ދުޅަހެޔޮކަމަށް އެދިވަޑައިގެންފައިވެއެވެ. އަދި މުދަލަށް ގެއްލުން ލިބުނު ފަރާތްތައް ޢާއްމު ޙާލަތަކަށް އަވަހަށް ރުޖޫޢަވާނެ ކަމަށް އުންމީދުކުރައްވާ ކަމަށާއި، އެ ހުރިހާ ފަރާތްތަކުގެ ޢާއިލާތަކަށް ކެތްތެރިކަމާއި ހަމަޖެހުން މިންވަރުކުރެއްވުން އެދި ދުޢާކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450