ޚަބަރު
ތުލުސްދޫ އެފްއާރުސީ: ކޮންކްރީޓް މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދަނީ
ތުލުސްދޫގައި އިމާރާތްކުރާ އެފްއާރުސީގެ މަސައްކަތާ ގުޅޭ ސާމާނު / ފޮޓޯ: އެމްޓީސީސީ
ކ. ތުލުސްދޫގައި ތަރައްޤީކުރަމުން އަންނަ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރްސީ) ގެ ފޫޓިންގ ކޮންކްރީޓް އެޅުމާއި ދަގަނޑު ބަނުމުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން މިކަން ހާމަކުރެއްވީ، މަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ ހިއްސާކުރެއްވުމަށް އެކްސްގައި ކުރެއްވި ޕޯސްޓެއްގެ ޒަރިއްޔާއިންނެވެ.
ތުލުސްދޫގައި ޒަމާނީ ފެންވަރަށް ތަރައްޤީކުރާ މި ސެންޓަރުގެ ބިންގާ ރަސްމީކޮށް އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ.
Project Update: Development of Fitness and Recreation Center at K. Thulusdhoo Footing concrete works and reinforcement works are ongoing. Follow more updates at: https://t.co/RjAFCf3rnI #MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC https://t.co/CZkvMjD9Rk
— MTCC Plc (@MTCCPlc) October 25, 2026
މި މަޝްރޫޢުގެ ދަށުން ތުލުސްދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ތަރައްގީކޮށް ނިމޭއިރު، އެތަނުގައި ޒަމާނީ ވަސީލަތްތަކާއެކު އިންޑޯ ޖިމަކާއި، އެރޮބިކްސް ހެދުމަށް ޚާއްޞަ ސަރަޙައްދެއް ހިމެނޭނެއެވެ. މީގެއިތުރުން، އެކި ކަހަލަ ބޯޑު ގޭމުތަކާއި، އިންޑޯ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމުތައް ވެސް މި ސެންޓަރުގައި ފުރިހަމަކުރެވިގެންދާނެއެވެ.
ހަށިހެޔޮ، ދުޅަހެޔޮ އަދި ހަރަކާތްތެރި މުޖުތަމައުތަކެއް ބިނާކުރުމަށްޓަކައި ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް މިފަދަ ވަސީލަތްތައް ގާއިމުކުރުމަކީ ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މުހިންމު ސިޔާސަތެކެވެ. އެގޮތުން، ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އިމާރާތްކޮށް ނިންމައި، ރައްޔިތުންނަށް އެތަންތަނުގެ ޚިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ.