ދުނިޔެ
ހޫޘީންގެ މިސައިލް ޕްލެޓްފޯމްތަކާއި ބިންގަރާސްތަކަށް ސައުދީން ވަރުގަދަ ހަމަލާތަކެއްދީފި
މިސައިލެއް ފޮނުވާލާ މަންޒަރު--
ސައުދީ އަރަބިއްޔާއާއި ޔަމަނުގެ އުމްރާނީ ވަސީލަތްތަކަށް ހޫޘީން ދެމުންދާ ހަމަލާތަކުގެ ނުރައްކާ ނައްތާލުމަށް ޓަކައި ސައުދީ އިސްވެ އޮންނަ ކޯލިޝަނުން ހިންގި ޚާއްޞަ އަސްކަރީ އޮޕަރޭޝަނެއްގައި، ހޫޘީންގެ ބިންގަރާސްތަކަށާއި މިސައިލް ލޯންޗަރުތަކަށް ވަރުގަދަ ހަމަލާތަކެއްދީފިއެވެ.
އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ކޯލިޝަނުން ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ބެލިސްޓިކް މިސައިލް ރައްކާކުރުމަށް ހޫޘީން ބޭނުންކުރަމުންދިޔަ 5 ޓަނަލަކާއި، ބެލިސްޓިކް މިސައިލް ފޮނުވާލުމަށް ބޭނުންކުރާ 4 ޕްލެޓްފޯމެއް މި ހަމަލާތަކުގައި އެއްކޮށް ހަލާކުކޮށްލާފައިވާ ކަމަށެވެ.
މީގެއިތުރުން ހޫޘީންގެ މިސައިލް ގުދަނަކަށް އަމާޒުކޮށް ވެސް އެ ކޯލިޝަނުން ވަނީ ހަމަލާދީފައެވެ.
މި އަސްކަރީ އޮޕަރޭޝަން މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައި ވަނީ ހޫޘީ ހަނގުރާމަވެރިންގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކުގެ މެދުގައިވާ ސަޕްލައި ލައިންތައް ކަނޑާލުމަށް ކަމަށް އެ ކޯލިޝަނުން ފާހަގަކުރެއެވެ.
އަދި ހަމައެއާއެކު، ޔަމަނުގެ އެތެރޭގެ ކުރީ ސަފުތަކުގައި ހުރި ހޫޘީންގެ ބިންގަރާސްތަކާއި، އެ ޖަމާއަތުގެ ހަނގުރާމަވެރިން އެއްވެ ތިބި ތަންތަނަށާއި އަސްކަރީ ސާމާނުތަކަށް ވެސް މި އޮޕަރޭޝަނުގައި އަމާޒުކޮށް ހަމަލާދީފައިވާ ކަމަށް ކޯލިޝަންގެ ބަޔާނުގައި ބުނެފައިވެއެވެ.
މި ހަމަލާތައް ސައުދީން ދީފައި މިވަނީ، ރިޔާޟުގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ބެލިސްޓިކް މިސައިލް ހަމަލާއެއް ދިން ކަމަށާއި، ސައޫދީ އަރަބިއްޔާގެ އިރުމައްޗާއި ހުޅަނގުގައި ހުރި ސާފުނުކުރާ ތެޔޮ ޕަމްޕުކުރާ ސްޓޭޝަންތަކަކަށް ޑްރޯން ހަމަލާތަކެއް ދިން ކަމަށް ހޫޘީން ބުނެފައި ވަނިކޮށެވެ.
ހޫޘީ ހަނގުރާމަވެރިންގެ ތަރުޖަމާނު ޔަޙްޔާ ސަރީޢު އެކްސްގައި ޢާންމުކުރި ބަޔާނެއްގައި ބުނީ، ހޫޘީ ފައުޖުތަކުން އެ އެއާޕޯޓަށް ބެލިސްޓިކް މިސައިލް ހަމަލާއެއް ދީފައިވާ ކަމަށެވެ. މީގެއިތުރުން ސަޢޫދީގެ އިރުމައްޗާއި ހުޅަނގުގައި ހުރި ސާފުނުކުރާ ތެޔޮ ޕަމްޕުކުރާ ސްޓޭޝަންތަކަކަށް ޑްރޯން ހަމަލާތަކެއް ދީފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.