ދުނިޔެ
މަރާމާތަށްފަހު، އަލްއަޤްޞާ ހޮސްޕިޓަލުގައި ވިހެއުމާ ގުޅޭ ޚިދުމަތްތައް އަލުން ފަށަނީ
އަލްއަޤްޞާ ހޮސްޕިޓަލު--
ޔަހޫދީންގެ ހަމަލާތަކުގެ ސަބަބުން ލިބުނު ގެއްލުންތައް މަރާމާތުކޮށް ނިމުމާއި ގުޅިގެން، ޣައްޒާގެ މެދުތެރޭގައި އޮންނަ ދައިރުލް ބަލަޙްގައި ހުންނަ އަލްއަޤްޞާ ޝުހަދާއު ހޮސްޕިޓަލުގައި ވިހެއުމާ ގުޅޭ ޚިދުމަތްތައް އަލުން ފަށާނެ ކަމަށް ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، އިސްރާއީލުގެ ހަމަލާތަކުގެ ތެރޭގައި ޞިއްޙީ ޚިދުމަތްތައް އަލުން އިންތިޒާމުކުރުމަށާއި ކުއްލި ހާލަތްތަކަށް އިޖާބަދިނުން ހަރުދަނާކުރުމަށް އެޅި ޚާއްޞަ ފިޔަވަޅުތަކުގެ ދަށުން، މި މުއްދަތުގައި ވިހެއުމާ ގުޅޭ ޚިދުމަތްތައް ވަގުތީ ގޮތުން ދެމުން ގެންދިޔައީ ނުޞައިރާތުގައި ހުންނަ އަލްޢައުދާ ހޮސްޕިޓަލުގައެވެ.
އަލްއަޤްޞާ ހޮސްޕިޓަލުގެ މެޓާނިޓީ ޑިޕާޓްމަންޓް އަލުން މަރާމާތުކޮށް އާބާތުރަ ފިލުވުމުގައި ވެދިން އެހީތެރިކަމަށް ޓަކައި އަލްޢައުދާ ހޮސްޕިޓަލުގެ މުވައްޒަފުންނަށާއި، ޕަލެސްޓައިން ޗިލްޑްރަންސް ރިލީފް ފައުންޑޭޝަން (ޕީސީއާރްއެފް) އަށް ޞިއްޙަތާ ބެހޭ ވުޒާރާއިން ވަނީ ޝުކުރު އަދާކޮށްފައެވެ.
މެދުނުކެނޑި އިސްރާއީލުގެ ޔަހޫދީން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ޞިއްޙީ ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ލިބި، ގިނަ ހޮސްޕިޓަލްތަކެއްގެ ޚިދުމަތް މެދުކެނޑިފައިވާއިރު، އަލްއަޤްޞާ ހޮސްޕިޓަލަކީ ޣައްޒާގެ މެދުތެރޭ ސަރަޙައްދުގައި ބޭސްފަރުވާގެ މައިގަނޑު ޚިދުމަތްތައް އަދިވެސް ފޯރުކޮށްދެމުން އަންނަ މަދު ހޮސްޕިޓަލްތަކުގެ ތެރެއިން އެއް ހޮސްޕިޓަލެވެ.
މީގެ ކުރިން ވެސް އެ ސަރަޙައްދަށް ދިން ހަމަލާތަކާ ގުޅިގެން މި ހޮސްޕިޓަލުގެ އެކި ބައިތަކަށް ގެއްލުންވެ، ޚިދުމަތްތައް މެދުކަނޑާލަން ޖެހިފައިވެއެވެ.