Ads by Farudhun

ޚަބަރު

ބޭރު ފައިސާ މާރުނުކުރާ ފަރާތްތައް ހާމަކުރަން އެމްއެމްއޭއިން ނިންމައިފި

ބޭރު ފައިސާ މާރުނުކުރާ ފަރާތްތައް ހާމަކުރަން އެމްއެމްއޭއިން ނިންމައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރޮޓީ. ފޮޓޯ: މިހާރު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

26 އޮކްޓޯބަރު 2026، 12:03

26 އޮކްޓޯބަރު 2026، 12:03

ބޭރު ފައިސާއާ ބެހޭ ގަވާއިދުގެ ދަށުން ފައިސާ މާރުކުރުމުގެ އިލްތިޒާމު ފުރިހަމަނުކުރާ ފަރާތްތަކުގެ ނަންތައް ކަނޑައެޅިފައިވާ އުސޫލުގެ މަތިން އާންމުކުރާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފިއެވެ.

އެމްއެމްއޭއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން ކޮންމެ މީލާދީ މަހަކު ލިބޭ ބޭރު ފައިސާގެ އާމްދަނީ، ވިދިގެން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ރާއްޖޭގެ ބޭންކަކަށް މާރުކުރަން ޖެހޭނެ ކަމަށެވެ. އަދި ސުންގަޑި ހަމަވާއިރު މި އިލްތިޒާމު ފުރިހަމަނުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅައި، އެ ފަރާތްތަކުގެ ނަންތައް އާންމުކުރާނެ ކަމަށް ވެސް އެ އޮތޯރިޓީން ވަނީ ހަނދާންކޮށްދީފައެވެ.

މިއަހަރުގެ ސެޕްޓެންބަރު މަހު ގެޒެޓުކުރެވުނު އިސްލާހުތަކާ އެކު، މީގެކުރިން ތިން މަސްދުވަހުގެ ތެރޭގައި މާރުކުރަން ލިބެމުންދިޔަ މުއްދަތު ވަނީ އެއް މަސްދުވަހަށް ކުރުކޮށްފައެވެ. މީގެކުރިން ސެޕްޓެންބަރު މަހުގެ އާމްދަނީ ޑިސެންބަރު 28 ގެ ނިޔަލަށް މާރުކުރަން ފުރުސަތު އޮތް ނަމަވެސް، މިހާރު ގެނައި ބަދަލާއެކު އެ މަހުގެ އާމްދަނީ އޮކްޓޫބަރު 28 ގެ ކުރިން މާރުކުރަންޖެހެއެވެ. މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ރިސޯޓުތަކުން މަހެއްގެ މައްޗަށް ލިބޭ އާމްދަނީގެ 40 އިންސައްތަ ރާއްޖޭގައި ގާއިމުކޮށްފައިވާ ބޭންކަކަށް މާރުކުރުން މިހާރު ލާޒިމުވެއެވެ.

ގަވާއިދަށް ގެނައި އިތުރު ބަދަލުތައް
ބޭރު ފައިސާއާ ބެހޭ ގަވާއިދުގެ ދަށުން ރަޖިސްޓަރީ ކުރުމުގެ އުސޫލުތަކަށް ވެސް އެމްއެމްއޭއިން ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާއަށް ނިސްބަތްނުވާ ވިޔަފާރިތަކުގެ ތެރެއިން ބޭރު ފައިސާ މާރުކުރުން ލާޒިމުވާ އަހަރީ އާމްދަނީގެ މިންވަރު ވަނީ 15 މިލިއަން ޑޮލަރުން 25 މިލިއަން ޑޮލަރަށް މަތިކޮށްފައެވެ.

ހަމައެއާއެކު، ގަވާއިދުގެ ދަށުން ބަޔާންކޮށްފައިވާ މާރުކުރުމުގެ އިލްތިޒާމު ފުރިހަމަކުރުމަށް ހާއްސަ އެކައުންޓެއް ކަނޑައަޅަންޖެހޭ ގޮތަށް ހަމަޖައްސައި، ރަޖިސްޓަރީ ކުރާއިރު އެ ހާއްސަ އެކައުންޓުގެ މައުލޫމާތު ހިމަނަންޖެހޭ ގޮތަށް ގަވާއިދުތަކަށް ވަނީ ބަދަލު ގެނެސްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450