ޚަބަރު
ޖިނާއީ ކުށެއް ސާބިތުވެއްޖެނަމަ މުވައްޒަފުންނަށް ހަރުކަށި ފިޔަވަޅު އަޅާނަން: ވެމްކޯ
ގދ. ތިނަދޫ. ފޮޓޯ: ސަން
ތިނަދޫ ސިޓީގައި ހިނގައިދިޔަ ބަދުއަޚުލާޤީ މައްސަލައަކާ ގުޅިގެން، ތަޙުޤީޤީ އިދާރާއަކުން އެ ކޯޕަރޭޝަންގެ އެއްވެސް މުވައްޒަފަކަށް ކުށެއް ސާބިތުވާކަމަށް ކަނޑައަޅައިފިނަމަ އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފިއެވެ.
ވެމްކޯއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ތިނަދޫ ސިޓީގައި ހިނގައިދިޔަ ބަދުއަޚުލާޤީ މައްސަލައަކާ ގުޅިގެން އެ ކޯޕަރޭޝަނަށް ރައްދުވާ ގޮތަށް މީސްމީޑިއާގައި އެކި ވާހަކަތައް ފަތުރަމުންދާ ކަމަށެވެ.
އަދި އެ ސިޓީގައި ހިނގައިދިޔަ ބަދުއަޚުލާޤީ ޢަމަލު އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމަށާއި، އެފަދަ ޢަމަލުތައް އެ ކޯޕަރޭޝަނުން އެއްވެސް ޙާލެއްގައި ބަލައިނުގަންނާނެ ކަމަށް ވެސް ބަޔާނުގައިވެއެވެ.
މަސައްކަތުގެ މާހައުލުގައާއި އެ މާހައުލުން ބޭރުގައި ވެސް މުވައްޒަފުންގެ އަޚުލާޤީ މިންގަނޑު ރިވެތި ގޮތުގައި ހިފެހެއްޓުމަކީ އެޗްއާރު ޕޮލިސީގެ އެންމެ އަސާސީ މަޤްޞަދުކަން ފާހަގަކުރަމުން ވެމްކޯއިން ބުނީ، އެ ޕޮލިސީ ފަރުމާކުރެވިފައި ވަނީ ރިވެތި އަޚުލާޤީ މިންގަނޑުން ބޭރުވެ ނޭދެވޭ ކަންކަން ކުރާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އަޅައި، އެފަދަ ކަންކަން ތަކުރާރު ނުވާނޭ ފަދަ ގޮތަކަށް ކަމަށެވެ.
އެހެންކަމުން ޖިނާއީ ކުށެއް މަދަނީ މިންގަނޑުން ސާބިތުވާ މިންވަރަށް ހެކި ހުރެ، އެފަދަ މައްސަލައެއް ތަޙުޤީޤީ އިދާރާއަކުން އެ ކޯޕަރޭޝަންގެ އެއްވެސް މުވައްޒަފަކަށް ސާބިތުވާ ކަމަށް ކަނޑައަޅައިފިނަމަ، ކުންފުނީގެ ޤަވާއިދާ އެއްގޮތަށް އެ މުވައްޒަފަކާމެދު އެންމެ ހަރުކަށި ފިޔަވަޅު އެޅުމުގައި ފަސްނުޖެހޭނެ ކަމުގެ ޔަޤީންކަން ވެމްކޯއިން ވަނީ ދީފައެވެ.