Ads by Farudhun

ޚަބަރު

މާލެ ތޮއްޖެހުން ހައްލުކުރުމުގެ ޕްލޭނަށް ޚިޔާލު ހޯދަނީ

މާލެ ތޮއްޖެހުން ހައްލުކުރުމުގެ ޕްލޭނަށް ޚިޔާލު ހޯދަނީ

މާލޭގެ ބޮޑުތަކުރުފާނު މަގު. ފޮޓޯ: ފަރުދުން މީޑިއާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

27 އޮކްޓޯބަރު 2026، 12:18

27 އޮކްޓޯބަރު 2026، 12:18

މާލެ ސިޓީގެ މަގުތައް ތޮއްޖެހުން ކުޑަކުރުމުގެ ގޮތުން، އުޅަނދުފަހަރު ޕާކުކުރުން ހުއްދަވާނެ، މަނާވާނެ އަދި އަގު ނެގޭނެ ސަރަހައްދުތައް ސާފުކޮށް ބަޔާންކުރާ އައު އޮނިގަނޑެއް އެކުލަވާލައި އެ ޕްލޭނަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު މާލެ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.

ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޮ އޭޝިއާ އެންޑް ދަ ޕެސިފިކް (އެސްކެޕް) ގެ ފަންނީ އެހީތެރިކަމާއެކު އެކުލަވާލާފައިވާ މި އުސޫލުތައް މިހާރު ވަނީ ސިޓީ ކައުންސިލުގެ ރަސްމީ ވެބްސައިޓުގައި ޝާއިއުކޮށްފައެވެ. މި އޮނިގަނޑުގެ ދަށުން، މާލޭގެ ވަކި ސަރަހައްދުތަކަށާއި ވަގުތަށް ބަލައި ޕާކުކުރުމަށް އަގު ކަނޑައަޅާނެ ހަމަތައް އެކަށައަޅައި، ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ފަސޭހައިން ފައިސާ ދެއްކޭނެ އިންތިޒާމުތައް ގާއިމުކުރާނެއެވެ. މީގެ އިތުރުން ޕާކިން ގަވާއިދުތަކާއި ވަގުތު އަދި އަގުތައް ސާފުކޮށް އެނގޭނެ ބޯޑުތައް ހަރުކުރުމާއި، ޕާކިން ހުއްދައާއި ފައިސާ ދެއްކުމުގެ އިޖުރާއާތުތައް ޑިޖިޓަލް ވަސީލަތްތަކާއެކު ހަރުދަނާކުރުމުގެ މަސައްކަތް ހަ މަސްދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ރޭވިފައެވެ.

އަގު ނަގައިގެން ޕާކުކުރުމުގެ އުސޫލު ތައާރަފުކުރުމަށް ހަމަޖެހިފައިވަނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. އެގޮތުން އެންމެ ބޮޑަށް ތޮއްޖެހޭ ސަރަހައްދުތައް ކަމުގައިވާ ހީނާމާގެ ޕާކިން ސަރަހައްދާ ކައިރިން މަޖީދީމަގު، ވެލާނާގެއާއި ހޮޓެލް ޖެން ދެމެދުން އަމީރު އަހުމަދު މަގު، އަދި އައިޖީއެމްއެޗް ނުވަތަ ވިލިގިލީ ފެރީ ޓާމިނަލް ސަރަހައްދުން ގިނަ ވަގުތަށް ޕާކުކުރާ ތަންތަނަށް އިސްކަންދޭނެއެވެ. މި ސަރަހައްދުތައް ބޭނުންކުރާ މިންވަރާއި އާންމުންގެ އިޖާބައަށް ބަލައި އަގުތަކަށާއި ވަގުތުތަކަށް ބަދަލު ގެނައުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މަގުމަތީގެ ބަދަލުގައި ބޭނުންކުރެވޭނެ އޮފް-ސްޓްރީޓް އަދި ޚާއްސަ ޕާކިން ޖާގަތައް އިތުރުކުރުމުގެ މަސައްކަތާއި، އަލަށް ތަރައްގީކުރާ އިމާރާތްތަކުގެ ޕްލޭނިން މަރުހަލާގައި ޕާކިން ވަސީލަތްތައް ހިމެނުން ލާޒިމުކުރުމުގެ މަސައްކަތް 25 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ސިޓީ ކައުންސިލުގެ ޕްލޭނުގައިވެއެވެ. މިއީ ދަތުރުފަތުރުގެ ދާއިރާގެ ހިއްސާދާރުންގެ މެދުގައި ވިލަރެސްކުރުމާއި، ގަވާއިދުތައް ތަންފީޒުކުރުމާއެކު އާންމު ދަތުރުފަތުރުގެ ފެންވަރު ރަނގަޅުކުރުމަށް އެކުލަވާލާފައިވާ އޮނިގަނޑެކެވެ. މި މަހު އަމަލުކުރަން ފެށި އެއްގަމު ދަތުރުފަތުރުގެ ގާނޫނުގައި ވެސް ޕާކިން މީޓަރު ހަރުކޮށް، ވަގުތަށް ބަލައި ފީ ނެގުމުގެ އިޚުތިޔާރު ވަނީ ދީފައެވެ.

މާލެ ސިޓީއަކީ އެންމެނަށް ދިރިއުޅެން ފަސޭހަ އަދި ތަރުތީބު ތަނަކަށް ހެދުމަށްޓަކައި އާންމުންގެ ޚިޔާލަކީ މުހިންމު ބައެއް ކަމަށް ސިޓީ ކައުންސިލުން ފާހަގަކުރެއެވެ. މި ޕްލޭނާ ގުޅޭގޮތުން ހުރި ޚިޔާލުތަކާއި ހުށަހެޅުންތައް، އީމެއިލްގެ ސަބްޖެކްޓަކަށް "ޑިކޮންޖެންޝަން ފީޑްބެކް" ޖެހުމަށްފަހު، އަންނަ ހަފުތާގެ އަންގާރަ ދުވަހުގެ ކުރިން [email protected] އަށް ފޮނުވުމަށް އެ ކައުންސިލުން ވަނީ އެދިފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450